13 މެއި 2021 | ބުރާސްފަތި 10:57

ސަރަޙައްދީ ފެންވަރުގައި ބޭއްވޭ ފުޓުބޯޅަ މުބާރާތެއްގެ މިއަދަކީ ފޯރިގަދަ ކުއާޓަރ ފައިނަލް މެޗެއް ކުޅޭ ދުވަހެކެވެ. ހަވީރުއަތަށް އަޅާލީއްސުރެ މަލަފެހިދޫ ބޯޅަދަނޑު ކައިރިއަށް މީހުން އެއްވަމުން ދެއެވެ. މެޗު ފެށޭ ވަގުތު ޖެހުނު އިރު މުޅި އެހިސާބު ވަނީ ތޮއްޖެހިފައެވެ. އެކި އުމުރުގެ އަންހެން ފިރިހެން ޒުވާނުންނެވެ. ދުވަސްވީ ހަރުކުލައިގެ މީހުންވެސް މެއެވެ. ޓިކެޓު ކިއޫވެސް އޮތީ ކޮޅު ނުފެންނަ ވަރަށް ދަމާލާފައެވެ. ކަޅު ޓިކެޓް ވިއްކާ މީހުން ވެސް އެރޭޓެއްގައި އަގު ބޮޑުކޮން ދަނީ ޓިކެޓް ވިއްކަމުންނެވެ. ކަމާބެހޭ ފަރާތްތަކަށްވެސް މިކަމުގައި ކުރެވޭނެ މާބޮޑު ކަމެއް ނޯވެއެވެ. އެއްޗެއް ބުނެފިއްޔާ ގަންނަ މީހުން ބުނަނީ އަހަރެމެން ޓިކެޓް ބޮޑުކޮށް މިގަންނަނީ ހަމަހޭގައި ތިބެ ހިތުން ރުހުމުންނެވެ. ވީމާ މިކަމާ ތިޔަބޭފުޅުން ބެހިވަޑައިނުގަން ތިއްބަވާށެވެ.

ދަނޑު އޮތީ ފުރި ބާރުވެފައެވެ. ގަޑިން ހަތަރު ގަޑި ސުންމިނެޓް ހިނގުމާއެކު، ރެފްރީ ކަށިގަނޑާއެކު މެޗުފެށިއެވެ. ބައްދަލުވާ ދެޓީމަކީ މަލަފެހިދޫ ކަތިރިޔާ ޓީމާއި ބޮލިރަވަފުށީ ހޭވައްލާ ޓީމެވެ. މިދެޓީމުގައި ހިމެނޭ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ބޮލިރަވަފުށީ ކުޑަކަތީބު ގާދިރުބޭގެ ދަރި އާދިލްވެސް ހިމެނެއެވެ. އަދި މިނޫންވެސް ރަށަށް މަޝްހޫރު، އަތޮޅަށް މަޝްހޫރު ބައެއް ކުޅުންތެރިންވެސް އެދެޓީމުގައި ހިމެނެއެވެ.

ސަޕޯޓަރުންގެ ފުރިހަމަ ސަޕޯޓާއެކު ފޯރިގަދަ 90 މިނެޓަށް ފަހު މެޗު ނިމިއްޖެއެވެ. ވަރަށް ހުހަރުވެރި ކުޅުމެއް ދެޓީމުންވެސް ދެއްކި މިމެޗު ނިމުނީ 1 ލަނޑު 0 ލަނޑުން ރަށު ޓީމު މޮޅުވެގެންނެވެ. މެޗުގެ މޭން އޮފް ދަމެޗްގެ މަޤާމަށް ހޮވުނީ ބޮލިރަވަފުށީ ޓީމުގެ އާދިލެވެ. އެކަމަކު ފަނޑިޔާރުންގެ މިނިންމެވުމަށް ކޮމިޓީގެ އެންމެންވެސް އިއްތިފާޤުވެއެވެ. އެހެނީ ގާދިރުބޭގެ އާދިލަކީ މުޅި އަތޮޅަށް ގޮންޖަހާލެވޭވަރުގެ މޮޅު ހުނަރުވެރި ކުޅުންތެރިއެކެވެ. އޭނާއާ ވާދަޖަހާލެވޭވަރުގެ އެއްވެސް ކުޅުންތެރިއަކަށް އެދުވަހު އެބާވީސް ކުޅުންތެރިންގެ ތެރޭގައި ނެތުމުންނެވެ.

ރަށުޓީމު ދެން ބައްދަލުކުރަން ޖެހެނީ، މެދަށް ދެދުވަސް ދޫކުރުމަށްފަހު ކުރުނބާފުށި ޓީމާއެވެ. އެއީވެސް ވަރަށް ގަދަފަދަ ޓީމެކެވެ. މަލަފެހިދޫ ޓީމު ކިރިޔާވެސް ޖެހިލުންވާ ޓީމަކީ ހަމައެކަނި ކުރުނބާފުށި ޓީމެވެ.

ކުރީ ދުވަހަށްވުރެ މިއަދުގެ ފޯރި މާގަދައެވެ. ބައެއް މީހުން ބުނާ ގޮތުގައި، ބޮލިރަވަފުށީ ޓީމު ބަލިކޮށްލެވުނަސް، ކުރުނބާފުށި ބަލި ކޮށްލާކަށް އެހާ ފަސޭހައެއް ނުވާނެއެވެ. އެހެންކަމުން ސަޕޯޓަރުންވެސް މިއަދު ވަނީ ރަށުޓީމު މޮޅުވޭތޯ ފޫގަޅާލާފައެވެ. ރަށުތެރޭގައި ބޮޑެތި ދިދަތައް ނެގުމާ، ޖޯޝުހުރި އިބާރާތްތަކުން ފުރާލެވިފައިވާ ފޮތިތައް ދެމުމާ، އަޑުގަދަ ކުރާއިން ލަވަޖެހުންފަދަ ކަންތައްތަކުންނެވެ. މީގެ އިތުރުން ރަށުގެ އެކި ފަރާތްތަކުން ފަނިގިރައިގެން ބެހުން ފަދަ، މެޓާ ބެހުންފަދަ ކަންތައްތައްވެސް ހިންގަމުން ގެންދިޔައެވެ.

ހަވިރު 4 ޖެހިތަނާ މެޗު ފެށިއްޖެއެވެ. ރަށުގެ ކުދިބޮޑު އަންހެން ފިރިހެންތަކުންވަނީ އެތަނަށް ޖަމާ ވެފައެވެ. ފުރަތަމަ ހާފު ނިމުނުއިރު އެއްލަނޑުން ކުރީގައި އޮތީ ރަށުޓީމެވެ. އެހެންކަމުން ރަށުޓީމުގެ ސަޕޯޓަރުންގެ އުފާވެރިކަން ވަނީ ނިހާޔަތަށް ގޮސްފައެވެ. ދެވަނަ ހާފުވެސް ފެށިއްޖެއެވެ. ވަރަށް ފޯރިގަދައެވެ. ދެޓީމުވެސް ވަރަށް ވާންކުރެއެވެ. އެއްބަޔަކު އަނެއް ބަޔަކަށް ދުލެއް ނުކުރެއެވެ. ދަނޑުމައްޗަށް އުދައެއްއަރާ ފައިބާގެން ދިޔައިރު، ފަހަތުން އަރާ ދެލަނޑު ޖަހައިގެން މެޗުން މޮޅުވީ ކުރުނބާފުށީ ޓީމެވެ.

ފަނޑިޔާރުންގެ ތެރޭގައި ކުރީދުވަހު އިން އެންމެ ބަސްގަދަ ފަނޑިޔާރު، އަލިމަނިކެއް މިއަދަކު ނެތެވެ. އޭގެ ބަދަލުގައި އިންނެވީ ރަށު ކޯޓުގެ ޤާޟީ އީސާ ހަސަންފުޅެވެ. އެހެންކަމުން މިއަދު އެންމެ ކުރިޔަށް ބަސް ކިޔަނީ އޭނާއެވެ. ބަސްކިޔޭނީވެސް އެނާއަށެވެ. އެހެނީ، އީސާ ހަސަންފުޅު އިންނަވާ ތަނެއްގައި އެހެންމީހަކަށް އަނގަ ހުޅުވާލާކަށް ނުކެރޭނެއެވެ.

މޭން އޮފް ދަ މެޗް މަޤާމަށް މިއަދު ހޮވުނީ، ރަށު ޓީމުގެ ހާޝިމެވެ. އޭނާ ކުޅުނީ، އެންމެ ދިހަވަރަކަށް މިނެޓެވެ. މިކަމާ އިދިކޮޅު ޓީމު މައްސަލަ ޖެއްސިއެވެ. އަދި ސީދާ ޓީމުގެ ސަޕޯޓަރުންވެސް މިކަމާ ހައިރާންވިއެވެ. އެއީ އެންމެ ދިހަ ވަރަކަށް މިނެޓު ކުޅުނު، އާދައިގެ ކުޅުންތެރިއަކަށް މޭން އޮފް ދަ މެޗް ކަން ލިބުނީމައެވެ. މޭން އޮފްދަ މެޗް އިއުލާން ކުރި ވަގުުތު ފުރަތަމަ މުޅި ދަނޑު އޮތީ ލިބުނު ހައިރާން ކަމުގައި ހިމޭން ވެފައެވެ. އެކަމަކު ހިނދުކޮޅަކަށްފަހު މުޅި ދަނޑު ކަހަލަ ގޮތަކަށް ކެކި އަރަން ފެށިއެވެ.

ވަރަށް ބާރަށް އަޑުގަދަ ކުރާއިން ހުރިހާ ބޭފުޅުންވެސް ހަމަ ހިމޭންވުމަށް ގޮވަންފެށިއެވެ. ދެފަހަރަކު ގޮވާލުމުން ސަޕޯޓަރުން މަޑުމަޑުން އަޑުމަޑުކޮށް ތިބިތާ އިށީނދެއްޖެއެވެ. އެވަގުތު އީސާފުޅު އަޑުގަދަ ކުރާއިން ވާހަކަ ދައްކަން ފެށިއެވެ. "ތިޔަ ބޭފުޅުންގެ ހިތުގައި އުފެދިގެން އުޅޭ ސުވާލުގެ ޖަވާބު ދޭން އަޅުގަނޑު މިތެދުވީ! ކުރީ ދުވަހު އަލިމަނިކު އިންނަވައިގެން އެމަޤާމު ލިބިފައިވަނީ ބޮލިރަވަފުށީ ކުޑަކަތީބުގެ ދަރިއަކަށް! ވީމާ މިއަދު އެންމެ ރަނގަޅު ގޮތަކީ، މިރަށު ކަތީބުގެ ދަރިއަކަށް އެމަޤާމު ދިނުން! ހާޝިމަކީ ކަތީބުގެ ދަރިވީމާ އެގޮތަށް ނިންމީ! އަހަރެމެން ބަލަންޖެހޭނީ އެންމެ މަސްލަޙަތުހުރި ގޮތަކަށްނުން! ވާހަކަ ނިމުނީ!"     

(ނިމުނީ)