8 މެއި 2021 | ހޮނިހިރު 10:44

ނާޝީދާގެ ޒުވާން ފިރިހެން ދަރިފުޅުގެ ކުއްލި މަރާ ގުޅިގެން އެގޭ ދޮށަށް މީހުން އެއްވަމުން ދިޔައެވެ. ގޭތެރެއާއި ގޯތިތެރެ ފުރިގެން ގޮސް އިސާހިތަކުން މަގުމަތިވެސް ފުރިއްޖެއެވެ. ވާނީވެސް އެހެންނެވެ. މިޒުވާނާ އަކީ ފުޓްބޯޅައިގެ އެންމެ ކުރީ ސަފުގައި ހިމެނޭ މޮޅު ހުނަރުވެރި ކުޅުންތެރި އެކެވެ. އެހެންކަމުން އާއިލާ މީހުންނާއި ތިމާގެ މީހުންގެ އިތުރުން އޭނާއަކީ، އޭނާގެ ސަޕޯޓަރުންގެ އަދަދު ހިމަނައި ކޮޅުން ނުލާހައި ގިނަ މުޅި ރާއްޖެއަށް ވަރަށް މަޝްހޫރު ކުޅުންތެރިޔެކެވެ.

ފަޔާޒް (ފުޓްބޯޅައިގެ ދަނޑުގައި ނަމަ ފިޔަނޭ) މަރުވީ، ދިމާވި އެކްސިޑެންޓެއްގައި ކުއްލި ގޮތަކަށެވެ. ޑޮކްޓަރީ ފަރުވާ ލިބި ލިބި އޮއްވައެވެ. މަންމަޔާ ބައްޕަގެ ލޮލުން ކަރުނަ އޮހި އޮހި ހުއްޓެވެ. ރަހުމަތް ތެރިންނާއި ރައްޓެހިންގެ ހެޔޮ ދުއާތައް އިވިއިވި ހުއްޓައެވެ. ޓީވީ އާއި ރޭޑިޔޯ އިން މިޚަބަރު ކުއްލި ޚަބަރެއްގެ ގޮތުގައި ގެނެސްދެމުން ދިޔައެވެ. ލިބުނު ފުން ހިތާމައިގެ މެސެޖްތައް ހެޔޮއެދޭ ފަރާތްތަކުން ދިޔައީ މެދުނުކެނޑީ ކިޔަމުންނެވެ.

އެންމެ ފަހުގެ ސަލާމަށް ފަޔާޒުގެ މޫނު ދެއްކުމުގެ ބުރަށް ފެށިއްޖެވެ. ފަޔާޒުގެ މޫނު ދެކިލުމަށް ކުޅިވަރުގެ ވުޒާރައިގެ މިނިސްޓަރުވެސް އަދި ފުންނާބު އުސް އެކި ފެންވަރުގެ ބޭފުޅުން ވަޑައިގަތެވެ. މީގެ އިތުރުން ފަޔާޒަށް ސަޕޯޓް ކުރާ އޭނާގެ ސަޕޯޓަރުން ގިނަ އަދަދަކަށް ވަދެ ނުކުމެ ހަދަމުން ދިޔައެވެ. އެތަނުން ނުކުންނައިރު ބައެއް މީހުން ގިސްލައެވެ. ބައެއް މީހުން އަޑުން އަޑު ނަގާ ރޮޔެވެ. ބައެއް މީހުން ކުޑަރުމާ ފެލަމުން ފެލަމުން ނުކުމެއެވެ. ދެތިން ކުއްޖަކު އަނބުރައި ގަނެގެން ވެއްޓިގެން އަތުލަފި ކޮށްގެންވެސް ނެރެން ޖެހުނެވެ.

"ދޮންތޫ! މަށަށްވެސް އެބަފެނޭ މިތާ ޙާލަތު! ކުދިން ކުދިން ރޯތަން، ގިސްލާތަން، އަނބުރައި ގަންނަތަން! އެކަމަކު ހަމަ އެއްކަމެއްް ބޮލަށް ނުވަދެގެން މި އަހާލަނީ! ތިޔަވަރަކަށް ކަލޭ ތިޔަ ރޮނީ ކީއްވެ! ކަލޭތީ ބޮޑު ފިރިހެނެއްނު! އަނެއްކާ ތިޔަ ވަރަށް ރޯން ކަލެޔާ ފަޔާޒާ އޮތީ ކޮން ގުޅުމެއް؟ ކަލޭތީ ހެންވޭރު ސިއްލަންކޮޅު! ފަޔާޒުމީ މިތާ ސޯސަލް ސެންޓަރު ކައިރި؟" އަލީ ވަރަށް ސުވާލު އުފައްދަމުން ބުނެލިއެވެ. "އައްޔާ، އަހަރުމެންވެސް ވަރަށް ދެރަވޭ ފަޔާޒު މަރުވީމާ! ވަަރަށް ހެޔޮ ވަރަށް ރަނގަޅު ރަޙުމަތް ތެރިއެއް! އެންމެންނަށްވެސް ވަރަށް ރަނގަޅު، ޚާއްސަ ކޮށް ގާތް ރައްޓެހިންނަށް ޚާއްސަ ނަޒަރަކުން ބަލާ، މީހުންނަށް އޭނާގެ އަތުން އެހީތެރިކަންވެސް ވަރަށް މާތް އިންސާނެއް ފަޔާޒަކީ، އަދި މި ރާއްޖެ ދުށް ފުޓްބޯޅައިގެ އެންމެ ވިދުން ގަދަ އެއްތަރި!" ވަހީދު، އަލީއާ ބައިވެރިވެލިއެވެ. "ހަނީފުވެސް، ހަސަން މުޙައްމަދުވެސް ސައްޔިދު އަޙްމަދުވެސް ދިޔައީނު! އެކަހަލަ ކިތައް ތަރި އޮއްސިއްޖެ؟ އެއީ ގުދުރަތީ ޤާނޫނު! ދެރަވީމާ ނުވަތަ ފިކުރު ކުރީމާ ކީއްކުރާނީ! ކީކޭ ދޮންތޫ؟" އަލީ އިތުރަށް ބުނެލިއެވެ. "ފަހުގެ ކުޅުންތެރިންނަށް ބަލާލާއިރުވެސް ކިހާ ބަޔަކު ވަކިވެއްޖެ! ސޮހޮލޭ، ކަށްވަޅޭ، ދުމަށްޓޭ، ބަރަބޮލޭ، ކަކުންޏޭ، ސުއްޓޭ، ކޮބާ މިމީހުން؟ އަހަރެމެންނާ ވަކިވެގެން ދިޔައީނު! އޭރު މީން މީހަކު މެޗެއް ކުޅެންޏާ ދަނޑަށް ވަންނަން ޓިކެޓެއް ހޯދަން އުޅެންޖެހޭ ގޮތް، ސަހަރޯ ހީވޭ! އަސުރުން ފައިބާން ކިއޫގަ ޖެހިއްޖެއްޔާ ދެންވާ ޓިކެޓެއް ލިބިދާނެ! އަދި ކޮބާ، ރޭޑިއޯ އިން ވަގުތުން މެޗު ދުރަށް ފޮނުވާ މީހާވެސް ހީވާނީ ކުދި ކުދި ވެދާނެހެން! އަބަދު ގޮވާނީ އެމީހެއްގެ ނަން! އޭނަ ބޮލުން ޖަހައިފި! އޭނަ މެއިން މަތަކޮށްފި! ދެން އަބަދުވެސް އޭނާ، އޭނާގެ ވާހަކަ!" އަލީ، ދޮންތުގެ ބުރަކަށީގައި އަތް ޖައްސާލިއެވެ. "ދޮންތޫ! އަނެއްކާ ކަލެޔާ ފިޔަނޭއާ ތިމާގެއީތަ؟ އެހެންވެސް ވެދާނެތާ!" ދޮންތު މޫނު ފޮހެލާފައި އަލީމެންނާ ދިމާއަށް ބަލާލިއެވެ. "އަހަންނަށް މި ރޮވެނީ ސަބަބެއް އޮވެގެން، މާދަން ކުޅެން ހަމަޖެހިފައި އޮތީ އަހަރެން ސަޕޯޓް ކުރާ 'ފަަސްމުގޫ' ކްލަބް ކަމަށްވެފައި، ފިޔަނޭ އަކީ އެކްލަބްގެ އެންމެ އިތުބާރު ފޯވާޑް ކަމަށް ވުމުން! އަނެއްކާ ސެމީއަށް ދެވޭނީ މިއަދު މެޗުން މޮޅުވެގެން! އެކަމާ ދެރަވީވަރުން ރޮވުނީ! ކޮންމެހެން ފިޔަނޭއާ ތިމާގެ ވެގެންނެއްނޫން!" ދޮންތު ހަރުދަނާ ވެލިއެވެ.

ސަންދޯއްވެސް ނުނެރޭތީ އާ އެކު، އެތާ މަޑުކޮށްލައިގެން ހުރި މުސްކުޅި އީސަބެއަށް މިވެރިން މިދެއްކި ހުރިހާ ވާހަކައެއް، ރަނގަޅަށް އަޑު އިވުނެވެ. އީސަބޭ އެވެރިންނާ ގާތަށް ޖެހިލިެވެ. "ތިޔަ ހެންޏާ ހާދަ ބަޔަކު ތިޔަ ކުޅިވަރުގައި ވެސް އުޅެފަ ހިންގައްޖެޔޭދޯ؟ އެމީހެއްގެ އުމުރު ހަމަވީމާ އެމީހަކު ދަނީ! އަޅެ ބޭބެވެސް ސުވާލެއް ކޮށްލާނަން! ބޭބެވެސް ހިސާބަކަށް މެޗު ފޮނުވާ އަޑުއަހަން! ބޭބެ ހިތަށް އަރަނީ ތިޔަ އެންމެން މަރުވެދިޔައިރު ވެސް ހާދަ އުމުރު ދިގު އެކަކު އެބަ އުޅެޔޭ!؟ އާނފަހެ!، އަބަދު މެޗުތައް ރެޑިޔޯއިން ވަގުތުން ދުރަށް އެފޮނުވާ ސޮރު އަބަދު ކިޔާނެ މާވަރުގަދަ ސެންޓަސާކަލެއްގެ ވާހަކަ! ހަމަ އިރުއިރުކޮޅާ ސެންޓަސާކަލް އެހެންނޭ މިހެންނޭ ކިޔާނެ! ހީވަނީ މުޅި ދަނޑުގައި ވެސް އުޅެނީ ސެންޓަސާކަލް އެކަނިހެން! ބޭބެ ކުޑައިރު އެދުރުގެއަށް ދިޔައިރުވެސް ސެންޓަސާކަލް ގެ ނަން އަހަން! މިހާރު ބޭބެ އުމުރުން 60 ވަނީ، އަދިވެސް އޭނަ ހަމަ އެވަރަކަށް އެބަ ކުޅޭ! އަޅެފަހެ ތިޔަ ކުދިން ބުނެބަލަ ސެންޓަސާކަލް އެއީ މި މާލެ ސޮރެއްތަ ނޫނީ، ރާއްޖެތެރޭ ސޮރެއްތަ؟ އަދި ބޭބެ ހަމަލޮލުން އެސޮރު ނުދެކެން!"  

(ނިމުނީ)