މިއީ މީގެ ފަންސާހަކަށް އަހަރުކުރީގެ ވާހަކައެކެވެ. ޝަރުޢީ ނާއިބަކު، ޝަރީޢަތެއްކުރައްވާ ދުވަހެކެވެ. މިނައިބަކީ އޭނާގެ ޝަރީއަތްތައް ކުރުމުގަޔާއި ނިންމުމުގައި އަރާހުންނެވި ނައިބެކެވެ. އޭނާ މައްސަލަތައް ނިންމާ އަވަސްކަމާއި ހުކުމް އިއްވާލާ ގޮތަކީ މުޅި އެއަތޮޅަށް މަޝްހޫރު ވާހަކައެވެ. "ކާތިބު! ކޮބާ، ކިހިނެއް؟ މިއަދު އޮތީ އެންމެ މައްސަލައެއްދޯ؟ ތަންކޮޅެއް އަވަހަށް މިއަދު ނިމޭނެތާ! އާނ އަވަހށް އެދެމީހުން ވައްދާ!" ކާތިބު ލައްބައޭ ނަންގަނެފައި އެދުވަހު ހާޒިރުކުރެވިފައިވާ ދެމީހުން (ކާސިމާއި އާއި ހައްވަ) ވައްދައި ނާއިބުކަލޭގެ ކުރިމަތީގައި (ދެފަރާތުގައި ދެމީހުން) ބައިތިއްބައިފިއެވެ. ފުރަތަމަ ކުރެއްވި ދެތިން ސުވާލަކުން ނާއިބު ކަލޭގެއަށް އެނގިލެއްވީ ދަޢުވާ ކުރަނީ ހައްވަކަމާއި ދައުވާލިބޭ ފަރާތަކީ ކާސިމް ކަމެވެ. އަދި ހައްވަގެ ބޭނުމަކީ ކާސިމު ގާތުން ވަރިވުން ކަމެވެ. މިދެމަފިރިން ތިބީ ނިކަން ފާޑަކަށެވެ. ކާސިމު ފެންނަނީ ވަރަށް އަސަރު ކޮށްފައި ހަދާނެ ގޮތް ހުސްވެފައި ހުރި ކަހަލަ ގޮތަށެވެ. އޭގެ އަނެއް ކޮޅުން ހައްވަ ފެންނަނީ ވަރަށް ހިތްހަމަނުޖެހި ވަރަށް ބޮޑަށް ރުޅިއައިސްފައި ހުރި ގޮތަކަށެވެ. ކޮންމެ އަކަސް ނައިބު ކަލޭގެ ޝަރިއްޔަށް ފަށައިފިއެވެ.
"އަޅުގަނޑުގެ ބޭނުމަކީ މިހިރަ ފެންނަ ކާސިމު ގާތުން ވަރިވާން! މިހާރު ދެން މަށަކަށް ކެތްވާ ވަރެއްނޫން! ލައްކަ ދުވަހު ކެތްކޮށްފިން، މިފިޔަވަޅު ނާޅާ ފަރުޖެހޭތޯ! ދެނެއް މަށަކަށް ކެތެއް ނުކުރެވޭނެ" ހައްވަ ހުރީ ރުޅިއައިސްގެން ގޮސް އުކުޅުގައި އަތްވިދެލައިގެންނެވެ. "އަޅުގަނޑު ހައްވަ ވަރިކުރާކަށް ބޭނުމެއްނޫން! އިނދެގެން އުޅޭތާ މިވީ 25 އަހަރު! 4 ކުދިންވެސް އެބަތިބި!" "އަސަރާއެކު ކާސިމު ދެންނެވިއެވެ. "އާނ! އަނެއްކާ އިނދެގެން އުޅޭތާ އެހައި ގިނަދުވަސްވެފައި 4 ކުދިންވެސް ތިއްބާ، ދެމީހުން ދުރުވުމަކީ ދަރިންނަށްވެސް ހުރި ކޮންފަދަ ނިކަމެތިކަމެއް! ވިސްނާލަން ވާނެއެއްނު!" ނާއިބު ކަލޭގެ ބުނުއްވިއެވެ.
"ދަރިންނަށް ނިކަމެތިކަން ލިބޭނެކަން ވިސްނޭ މީހެއްނަމަ، ކާސިމް އެފާޑަކަށް ނޫޅުނީސް! މިހާރުވެސް ބައްލަވާ، އޭނާ ވަރިކުރި އަމީނާގެ ގޭދޮށުން ދުރަށްވެސް ނުދޭ! އެގެއަށް ނެސްޕިރޭވެސް ގެންދޭ! ގުޑާކު ގެންދޭ! ދުވާލަކު މަހެއް ވައްދާ" ހައްވަ އެއްފިޔަވަޅު ކުރިއަށް ޖެހިލިއެވެ. "އަޅުގަނޑު އެގެއަށް ނެސްޕިރޭ ގެންގޮސް، އެގެއަށް މަހެއް ވައްދާތީ އެވާހަކަ އެބުނީ! ބައްލަވާ އަޅުގަނޑުގެ ދަރިއެއް އެގޭގައި ހުރެޔޭ! އެހެންވީމަ އެގެއަށް އަޅުގަނޑު އެއްޗެހި ގެންގޮސްދޭން ވާނެއެއްނު! އަކަމަކު މިހާރުވެސް ގިނަ އެއްޗެހި ވައްދަނީ ހައްވަ ގެއަށް! އެގޭގަވިއްޔަ ގިނަ ދަރިންތިބީ! އަނެއްކާ އެގޭގަވިއްޔަ ދިރިއުޅުންއޮތީ!" ކާސިމް ދެންނެވިއެވެ. "އަޅުގަނޑު ހައްވަދެކެ ނުލާހިކު ލޯބިވޭ! އަޅުގަނޑު ވަރަށް ބޮޑު ވާހަކައެއް ދަންނަވަންތޯ؟ މިހާރުވެސް މިހައްވަ އޭނާ އިނދެ ވަރިކުރި ޔަހުޔާގެ ފޮޓޯގަނޑެއް އަޅުގަނޑަށް ސިއްރުން ގެންގުޅޭ! ބޯއަޅާ ބާލީސްދަށަށް ލައިގެންވެސް ގެންގުޅޭ! އަޅުގަނޑު މިހިރީ އެކަން ހުއްޓާލައިފިނަމަ މާފުދޭންވެސް ތައްޔާރަށް!" ކާސިމު އިތުރަށް ދެންނެވިއެވެ.
"ކާސިމު، ހައްވަދެކެ ލޯބިވޭތަ؟" "ވަރަށް ލޯބިވޭ! ދިހަފަހަރަކުވެސް، ސަތޭކަފަހަރަކުވެސް، އެއްހާސްފަހަރުވެސް ލޯބިވޭ! 4 ކުދިންގެ ހައްޤުގައި އަޅުގަނޑު އެއް ލައްކަފަހަރުވެސް ލޯބިވޭ!" ކާސިމުހުރީ ވަރަށް އަސަރު ކޮށްފައެވެ. "ވަރިހަމަ އަޅުގަނޑު-.." ހައްވަ، ފެށުމާއެކު، ސުވާލެއް ކުރަންދެން މަޑުން ހުރުމަށް ނާއިބު ކަލޭގެ އެންގެވިއެވެ. "އާނ، އަހަރެން މިސުވާލު ކުރަނީ ހައްވަޔާ! ހައްވަ ކާސިމުދެކެ ލޯބިވޭތަ؟" "ފަރުބަދައެއް ވަރަށްވެސް" ބޮޑު ބަނބުކެޔޮގަހެއް ވަރަށްވެސް، ކުޑަކުޑަ ކަރަންފުލެއް ވަރަށްވެސް ލޯތްބެއް ނުވޭ!" ހައްވަ، އެންނޭވާއިން އަމުނާލިއެވެ. "އަޅުގަނޑު ބޭނުމީ ވަރިވާން! ވަރިަ-ވަރި-ވަރި-ވަރި- ހަމަ މިހާރު ވަރި، ހަމަ މިވަގުތު ވަރި، ހަމަ މިތަންވަޅު ވަރި!" ހައްވަ ނަށަންފެށިއެވެ.
"އެންމެ ރަނގަޅު! ޖަވާބު ދޭތި! ހައްވަ ކާސިމާ އިނީ ލޯބިވެގެންތޯ؟ ހިތާވެގެންތޯ؟" ނާއިބު ކަލޭގެ ލޯ ބޮޑުކޮށްލިއެވެ. "ލައްބަ، އިނީ ލޯބިވެގެން! ހިތާވެގެން!" ހައްވަ ދެންނެވިއެވެ. "ދެން މިހާރުޔޯ" "މިހާރު ލޯތްބެއްނުވޭ! ހިތައެއްނުވޭ! ބޭނުމީ ހަމަ ވަރި!" "ތިހެން ހަމަ ބުނެލާއިރަށް ވަރިއެއް ނުވެވޭނެ! އެއީ މާތްކަލާނގެ ހުއްދަކުރެއްވި ކަންތައްތަކުގެ ތެރެއިން އެކަލާނގެ އެންމެ ނުރުއްސަވާ ކަންތައް! ވަރިއެއް ނުވެވޭނެ! ހައްވަ ޖެހޭނީ ހަމަ ކާސިމުދެކެ ލޯބިވާން!" ނާއިބު ކަލޭގެ ގުގުރައިގަތެވެ.
"ނުވާނަން ލޯތްބެއް! ނުވާނަން ލޯތްބެއް! މިދެންނެވީނު ނުވާނަމޭ ލޯތްބެއް!" ހައްވަ މުޅިތަނުގައި އެނބުރެނީއެވެ. "އެހެންތަ ހީކުރީ! މަދަންނަމޭ ތިޔަކަމުގެ މައިތިރި! ދޭވާނީ! ދުއްރަ ނަގާ! މިހިރަ ހައްވަގެ ފޫކޮޅުގައި ކާސިމުދެކެ ލޯބިވަންދެން ތަޅާ!" ނާއިބު ކަލޭގެ އިއްވި މިހުކުމަށް ދޭވާނީ ދުއްރަ އަތަށް ހެޔޮވަރު ކޮށްލުމަށްފަހު، ހައްވަގެ ފޫކޮޅުގައި ތަޅަން ފެށިއެވެ. އެކެއް – ދޭއް – ތިނެއް - މިހެންގޮސް ދިހަ އެތިފަހަރު ހަމަނުވަނީސް ހައްވަ ރޮއި ހޭރެން ފެށިއެވެ. "އަޅުގަނޑަށް ތިހެން ނަހައްދަވާށޭ ކާސިމުދެކެ ލޯބިވެޔޭ، ވަރިޔަކަށް ނޭދޭނަމޭ މަޢާފުކުރާށޭ!" ގޮވާ ހަޅެއްލަވަން ފަށައިފިއެވެ. އެހިސާބުން ނާއިބު ކަލޭގެ އިޝާރާތަށް ތެޅުން ހުއްޓާލިއެވެ. ކޮބާ، ލޯބިވާން ގިނައިރެއް ދިޔަ؟ އެންމެ ދިހަ ބޮނޑި އަޅާލީ! ތިހިރީ ލޯބިވެފަ! ދެންވެސް ކާސިމުގެ ބަސްއަހައިގެން ރީތި ގޮތުގައި ދިރިއުޅެން ގެއަށްދޭ! ކާސިމާ! ހައްވަ ގޮވައިގެން ގެޔަށްދޭ! މިހާރު ތިޔައީ އެއްވަރަށް ލޯބިވާ ދެމަފިރިން!" ނާއިބު ކަލޭގެ ބުނުއްވިއެވެ.