މުލަރޯދަ ދުވަހެކެވެ. މާރުކޭޓުގައި އުޅެއުޅެފައި އިރުއޮއްސެން ވާއިރަށް ގެއަށް ވަދެވޭތޯ ދޮހޮއްކޮ ދެފައި ދެރާއްޖޭގައި އަޅަމުން ގެއާދިމާއަށް ހިނގައިގަތެވެ. ދޮހޮއްކޮ އަކީ އޭނާގެ މިޒާޖުގައި އެއްއިރެއްގައިވެސް އަމިއްލަ އަށް ކުރެވޭ ކުށް ގަބޫލުކުރުމުގެ ސިފަ ހުންނަ މީހެއް ނޫނެވެ. އަވަސް ރުޅިއެއް އައުމާއެކު ކުރު ޖަވާބެއް ދީފައި އެހެން މީހުން ގޯސްކޮށްފައި ނިންމާލުން އެއީ ދޮހޮއްކޮގެ އާއްމު އުސޫލެވެ. މިހުރިހާ ކަމެއްގެ އިތުރުން ރޯދަމަހުގެ ދުވާލު ނުކައި ހުރުމުން ލިބޭ ހައިހޫނު ކަމަކީ ދޮހޮއްކޮ އަށް ތަޙައްމަލުކުރަން އެހާ ފަސޭހަ ކަމެއް ނޫން ކަން ދޮހޮއްކޮ ދަންނަ އެންމެންނާއި، އެންމެ ގާތުން އާއިލާ އަދި އެންމެ ގާތް ރައްޓެހިންނަށްވެސް މިކަން ވަރަށް ރަނގަޅަށް އެނގެއެވެ. ދުވަހަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް، މުލަ ރޯދަ ދުވަސް ކަމުން އެދުވަހު ދޮހޮއްކޮގެ ގޭގައިވެސް ވަނީ އިރުއޮއްސެންވާއިރަށް އެޒަމާނާ ގުޅޭ ގޮތަށް އެންމެ ރަނގަޅަށް ސުފުރާމަތި ތައްޔާރުކޮށްފައެވެ.
ބޮޑުތައްޓަކަށް ބަތްޕެންއަޅާފައި ހުއްޓެވެ. އަދި އެވަރުގެ އެހެން ތައްޓެއްގައި މަސްކުރޮޅި ހުއްޓެވެ. ދެންހުރީ ކަދުރެވެ. މޭޒުވަށައިގެން ދޮހޮއްކޮގެ ފަސްދަރިން އެތުރިފައިވާއިރު، އެކުދިންގެ ތެރޭގައިވެސް ވަނީ އަވަހަށް ރޯދަވީއްލުމުގެރޫހެވެ. އޭގެތެރެއިން ދެބަސްވުމާއި ތޮޅުމުގެ އަޑުތައްވެސް އިވެމުންދެއެވެ. ދަރިންގެ ކޯޅުމާއި ޝަކުވާ ހަންމަތަކޮށް މައިތިރިކުރެވޭތޯ، ޙަލީމަ މަސައްކަތް ކުރަމުންދެއެވެ. "އައްޕަ ނާންނަނީސް އެއްވެސް ކުއްޖަކު ސަމުސަލުގައި ނުހިފާތި" ޙަލީމަ އަމުރު ކުރަމުންގެންދިޔައެވެ. "ނުތޮޅިތިބޭ! ބަނދެފާނަން، ކިތައް ފަހަރު ބުނެފިން އައްޕަ އައިމައޭ ފެށޭނީ، އެހެންނޫނަސް ބަންގިވެސް އަދި ނުގޮވާ! މައިތިރި ވެގެން ތިބެބަލަ، ހެޔޮނުވާނެ!" ޙަލީމަ ރުންކުރު ގޮތަކަށް ބުނެލިއެވެ.
ރޯދަ ވީއްލުމަށްޓަކައި ދޮހޮއްކޮ ތެޅެމުން ފޮޅެމުން އައިސް އޭނާގެ ގެ ހުރި ގޯޅިއަށް ލަނބާލުމާއެކުގައި (އެޒަމާނުގައި އިރުއޮއްސުނީ ކަން އިޢުލާންކުރުމަށް ރޯދަމަހު ޖަހާ އުޅޭ) ބަޑީގެ އަޑުއިވުނެވެ. ހައިވެފައި ހުރިލެއް ބޮޑުކަމުން، ދޮހޮއްކޮ އަވަސްއަވަހަށް އައިސް ފުޅަލީގައި ހިފިއެވެ. ފުޅަލިހުރީ އެތެރެއިން އައްސާފައެވެ. ޙަޤީޤަތުގައި ދޮހޮއްކޮއަށް ހިފުނީ ފުޅަލީގެ ތޮނގީ ކޮޅުގައެވެ. ދެންވަރަށް ރުޅިއައިސްގެން، ރޯދަމަހު އިރުއޮއްސޭވަގުތު ފުޅަލި އައްސާފައި ބަހައްޓަނީ ކީއްވެހޭ ގޮވާ ހަޅޭލަވައި ފުޅަލިގަނޑުނަގާ ހޫރާލުމަށްފަހު، އެތެރެއަށް ވަނެވެ. އޭރު އޭނާ ހުރީ ވެފައި ހުރި ހައި ކަމާއެކު ހަލީމަދެކެ އަލިފާންވެ ރުޅި އައިސް ތަންދޮރު ނޭނގޭވަރު ވެފައެވެ. ގޭތެރެ އަށް ވަނުމާއެކު އަތެއް ފައެއް ދޮވެލުމެއްވެސް ނެތި، އެހެން މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި، ދޮހޮއްކޮގޮސް ހުހަށްހުރި ގޮނޑީގައި ޖައްސާލިއެވެ. އޭރު 5 ދަރިން ތިބީ ސުފުރާ ވަށާލާފައެވެ. ބަލާކަށްނުހުރެ، ދަރިއަކަށްވެސް ބެލުމެއްނެތި، އެތާ އޮތް ސަމްސާ ބަރީގައި ދެއަތުންހިފިއެވެ. އެއީ ނައިބޮލި ސަމްސަލުގެ 6 ސަމްސަލެވެ. އަތަކުން 3 ސަމްސާ ހިފިފައިވެއެވެ. ހަލުވި ކެޔޮޅަކު މަސްބާނާހެން ދެއަތުން ބަތްޕެން ބޮމުން މަސްކުރޮޅި ކަމުން ގެންދެއެވެ. ބައްޕަ އަށް ވެފައި އިން ވަރު ފެނިފައި އަދި ބައްޕަ ކަމުން ގެންދިޔަ ގޮތުން، ދަރިންކޮޅު ތިބީ ބިރުންގޮތް ހުސްވެފައެވެ. ބައްޕާއޭ ގޮވާލިޔަސް، ދޮހޮއްކޮ ހަޅޭލަވައިގަނެ، އެކުދިންނަށް ފޮޅާލައެވެ. އެއީ ދޮހޮއްކޮ ގަސްދުގައި ކުރާކަމެއް ނޫނެވެ. ރޯދަ ވީއްލާ ވަގުތު "ހަމަބިމަށް ތިރިނުވެވޭތީ" ވާގޮތެކެވެ. ކުދިންކޮޅު އެތިބީ ރޯދައަށް ކަމާއި، އެކުދިންވެސް ބަނޑުހައިވާނޭކަމެއް ދޮހޮއްކޮ އަކަށް ނުވިސްނެއެވެ.
ބަތްޕެން ތަށީގެ ފޫފެންނަން ކައިރިވީތަނާ، ދޮހޮއްކޮ އިސްއުފުލާލައި، ކުދިންކޮޅާ ދިމާއަށްބަލައިލިއެވެ. "ބަލާ ތިޔަކުދިން މަސް ކުރޮޅި ނުކައި، ބަތްޕެން ނުބޮއެ ތިތިބީ ކީއްވެފަ؟" - ދޮހޮއްކޮ ސުވާލުކުރިއެވެ. "ބައްޕަ ހުރިހާ ސަމްސަލެއްގައި އެއްފަހަރާ ހިފައިގެންއިނީމާ އަހަރެމެން ކިހިނެއް ބަތްޕެންބޯނީ؟" އެއްދަރިފުޅަކު ބުނެލިއެވެ. "އަނެއްކާ ބަތްޕެން އެތިވެސް ތިހިރީ ހުސްވެފައެއްނު" – އަނެއް ދަރިފުޅަކު ބުނެލިއެވެ. "އަޅުގަނޑުމެން ހަމަ އަތް ދިއްކޮށްލާ އިރަށް ބައްޕަ ހަމަ ފޮޅާލަނީ ވިއްޔަ!" އެންމެ ކުޑަ ސޮރު ވަރަށް ހިތްވަރުލާފައި ބުނެލިއެވެ.
ދޮހޮއްކޮ ވަރަށް ދެރަވެފައި "އެހެންތަ! ބައްޕައަށް ހުރިހާ ސަމްސަލުގައި އެއްފަހަރާ ހިފިފައި ދޯ މިވަނީ؟ ބަތްޕެން ތަށިވެސް ހުސްވީދޯ؟ ހާދަ ދެރައޭ މިވީ ގޮތް! ދެން ކިހިނެއް ހަދާނީ! ދަރިފުޅުމެންނޭ، މީކަލޭމެންގެ މަންމަގެ ކަންތައް" ދެން ދޮހޮއްކޮ ވަރަށް ބާރަށް ހަލީމާއަށް ގޮވާލިއެވެ. "ޙަލީމާ ކީއްވެތަ، އަހަންނަށް ހުރިހާސަމްސަލުގައި އެއްފަހަރާ ހިފިފައިވާއިރު އެވާހަކަ ނުބުނީ؟ މިތަށި ހުސްވިއިރުވެސް އެވާހަކަ ނުބުނީ؟ މަގޭ ކުދިންކޮޅު އެތިބީ ހުސްބަނޑާ، އެކުދިން ކިހާ ހަޔެއް ވާނެ! ކިތައްފަހަރު ބުނަންތަ ތިވަރު ހޭބުއްދި ފަސްވަންޏާ ރޯދައަށް ނުހުންނާށޭ! މިއަދު މީ ފުރަތަމަ ރޯދަ ވިއްޔަ އެކަމަކު ޙަލީމަ ތިޔަވަރު ވާކަށް ނުވާނު! ދެން މަގޭ ދަރިންކޮޅު ކާނީވެސް ކޯއްޗެއް! ދާންވީ އަނެއްކާ މިތާ ކައިރި ހޮޓަލަކުން އެއްޗެއް ލިބޭތޯ!" ދޮހޮއްކޮ ފުލުފުލުގައި ދުއްވާލިއެވެ.
"މިފަހަރުވެސް މަށެއްނުން މިގޯސްވީ! ނިކަން ދޮހޮއްކޮ، ތިޔައަރާއިން ގަހުންހަމަބިމަށް ތިރިވެބަލަ! އޭރުން އެނގޭނެ ކާކުކަން މިއުޅެނީ ބުއްދިފަސްވެގެން! ކާކުކަން ރޯދައަށް ނުހުންނަންވީ! ހޫނ! ދުވަހަކުވެސް އަމިއްލަ އަށް ކުރެވޭ ކަމެއް ނޭނގޭނެ! ދޮހޮއްކޮ ވެއްޖެއެއްނު މިހާރު އެންމެ ކުޑަމިނުން ހެދޭ ގޯސް ގަބޫލުކުރަން ދަސްކުރަން! އަބަދު މަ ގޯސް ކޮށްފައި ނިންމާލިޔަކަސް، ކަމަކު ނުދާނެ" ޙަލީމަރުޅިއައިސްގެން ތުންއަނބުރާލިއެވެ.