ރާއްޖޭގެ ރަށްރަށުގައި ދިރާގުން ޓެލެފޯން ބޫތުތައް ބަހައްޓަން ފެށި ދުވަސް ވަރެވެ. މީހުން، ފޯނު ރިންގުވާ އަޑު އަހާހިތުން، އޭގެ ކައިރިން ދުރަށް ނުގޮސް އުޅުން ދުވަސްވަރެވެ. އެރީތި ހިމަފޮށީގެ ތެރެއަށް މީހުން ވަދެ ތިބޭ މަންޒަރު ބަލައިލާ ހިތުން ހަވީރު ފިނީގައި ދަރިން އިނގިލިކުރީ ލައިގެން ހިނގާލާ އުޅުނު ދުވަސް ދުވަހެވެ. ދުރު ރަށްރަށާއި މާލެއިން އަންނަ ފޯން ކޯލްތަކަށް، އަވަހަށް އަތްގަނޑު ނަގާ ހިތުން، ކުޑަކުދިންތައް ދޫނިބައެއްހެން ބޫތު ފެންނަ ހިސާބުގައި ތިބި ދުވަސްވަރެވެ.
އެއްދުވަހެކެވެ. ހަސަންބެ، ގޭގައި އުޅެނިކޮށް، ކުޑަ ކުއްޖަކު ދުވެފައި ގޮސްބުނީ 10 ޖަހާއިރަށް ހަސަންބެއަށް މާލެއިން މީހަކު ގުޅާނެ ކަމަށެވެ. މިހާރު އެހެރީ 10 އެއް ޖަހަން 15 އެވެ. "އަހަރެން ކަހަލަ މުސްކުޅިންނަށްވެސް މާލެއިން ގުޅާނެ މީހުންތިބޭ؟ އަޖައިބެއް! – އެކަމަކު މިދަނީ! އެފޮށިގަނޑު ތެރެއަށް ވަންނަން އަހަންނަށް އެނގޭނެބާ؟ ކީއްވެ ނުވަދެވޭނީ ދޯކަލޯ؟ އެހެން މީހުންނަށްވެސް ވަދެވެންޏާ އަހަންނަށްވެސް ވަދެވޭނެއެއްނު!" ހަސަންބެ މިހެން ބުނަމުން ހިނގައިގަތެވެ. ކުރިއަށް ދެފިޔަވަޅު، ފަހަތަށް ފިޔަވަޅެއް އަޅަމުންދިޔައެވެ. މަޑުހިނގުމެއްގައި 10 އެއް ޖަހަންވާއިރަށް ހަސަންބެއަށް ބޫތާ ހަމައަށް ފޯރާވަރު ވިއެވެ. އޭރު ފޯނު ރިންގުވާއަޑު އިވެއެވެ. އެއަޑަށް، ކުޑަކުއްޖާ ވަދެ އަތްގަނޑު ނެގިއިރު، އެއީ ހަސަންބެ ހޯދަންގުޅި މީހާއެވެ. ދެން، އެސޮރު ނުކުމެފައި ހަސަންބެ ވެއްދިއެވެ. އަތްގަނޑުގައި ހިފާނެ ގޮތާއި، ނިމުނީމާ ބާއްވާނެ ގޮތް އެސޮރު ހަސަންބެއަށް އޮޅުން ފިލުވައި ދިނެވެ.
ހަސަންބެ ވަރަށް ބިރުންހުރެ، އަތްގަނޑު ކަންފަތުގައި ޖެއްސިއެވެ. "ހަސަންބެތޯ؟" "އާދެ، ލައްބަ – އަޅުގަނޑު! ކާކު؟ ކީއްކުރަން އަހަރެން ތިޔަހޯދަނީ؟" ހަސަންބެގެ ހަތަރެސްފައި އޭރު ރޫރޫލައެވެ. "މީ އެއްކަހަލަ މާހިރު! ހަސަންބެގެ ދަރިފުޅަށް ދޯނިބަނދެދިން މާހިރު! ކޮބާ ދަލޭކަ ގަދަތަ؟" "އަސްތަ މާހިރުތޯ؟ ދެންކޮންއިރަކުންތޯ މިރަށަށް ދުރުވާނީ؟ އަޅުގަނޑު ހާދަހާ މާހިރު ދެކިލާ ހިތްވެޔޭ!" – ހަސަންބެއާއި މާހިރު ވާހަކަ ދައްކަމުން ދިޔައިރު ބޫތުން ޖާގައެއް ނުލިބިގެން އެރަށު އަތިރިމަތީގޭ ބަޝީރު އެތާ ކައިރީ ދެކޮޅަށް ހިނގާލަ ހިނގާލާ ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. އެންމެފަހުން ބަޝީރު ރުޅިއައިސްގެން "ކޮންފަދަ ކަމެއްހޭ؟ ދުވަހަކު ނުނިމޭ ފޯނެއްހޭ؟ މުސްކުޅިވިޔަސް ގޭގަ އޮންނާކަށް ނޭނގޭދޯއޭ؟" މިފަދަ އެއްޗެހި ހަސަންބެއާ ދިމާއަށް ބުނަން ފަށައިފިއެވެ. އަދި ބޫތުގެ ދޮރުފަތުގައި ޓަކިތަޅައި، އަޑުލައްވާ ހަދަންވެސް ފަށައިފިއެވެ. އެންމެފަހުން، އެ ޒަމާންވީ ދެ ރަހުމަތްތެރިން ދައްކަން ހުރި ވާހަކަތައް ނިންމައިނުލައި ހަސަންބެއަށް ޖެހުނީ އަތްގަނޑު ބާއްވާށެވެ، ނަމަވެސް، ހަސަންބެގެ ރުޅި އޭރުހުރީ އަށްޑިހަ ފަހަކަށް އަރާފައެވެ. "އަން، މިއޮތީ މިތަން! ވަދޭ އުމުރުން އެއްފަހަރު މިތަނަށް ވަނީތީ، ތިޔަފަދަ އުނދަގޫ ކުރަން އަޅެ ހެޔޮވާނެތަ؟ ހަންދާންކުރާތި! އަހަރެމެންނަށްވެސް ދުވަހެއް އަންނާނެ!" ހަސަންބެ ކުދި ކިޔަމުން ގެއަށްދާން ހިނގައިގެންފިއެވެ. ނަމަވެސް، އޭގެ ފަހުން ހަސަންބެ، ބަޝީރަށް ފާރަލުމުގައި އޭނާގެ ބޯކޮޅުބަލަމުން ހިނގަންފެށިއެވެ.
އެއްދުވަހަކު، ހަސަންބެ އަތިރިމަތީ ހޮޅުއައްޓެއްގައި އިންދާ، ބަޝީރު ފޯނު ކުރަން ބޫތުގައި ހުރި ވާހަކަ އެއްކަލަ ކުޑަކުއްޖާ އައިސް ބުނެފިއެވެ. "ދެންކަލޯދޭ! އަހަރެން ކުޑައިކޮށް އެބަޝީރު ހަދާނަހަދާ ބަލައިލާނަން! އެތަނުގައި ކިހާއިރެއްވާން ކެރޭތޯ މަބަލައިލާނަން!" މިހެން ބުނެފައި، ބާކުލިން ދުފާއެއްޗެހި އަނގަޔަށް އަޅާލަމުން ބޫތާ ދިމާއަށް ހިނގައިގަންފިއެވެ. ހަމަ ކައިރިއަށް ހުއްޓުނުއިރު ބަޝީރުހުރީ ހަމަ ފޯރީގައި ވާހަކަ ދައްކާށެވެ. ހަސަންބެ ކަޅިޖަހައިނުލައި ބަޝީރުގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ. ގިނައިރެއްނުވެ ވާހަކަ ދައްކާ ނިމި، ކާޑު ނަގައިގެން ބަޝީރު ނުކުމެއްޖެއެވެ. "ހަސަންބެ މިއަދުވެސް ދިގުވާހަކަ ދައްކަން އައީދޯ؟ އެކަމަކު އެހެންމީހުންވެސް ފޯނުކުރަން ވާނެކަން ހަނދާން ކުރާތި!" ބަޝީރު ނުކުމެގެން ދިޔައިރުވެސް ހަސަންބެ ހުރީ އޭނާއާ ދިމާއަށް ކަޅި އަޅައިގެންނެވެ. "ބަލާބަލަ ކޮށްފައި ދިޔަ ކަންތައް!" ބޭއިޚްތިޔާރުގައި ހަސަންބެއަށް ބުނެވުނެވެ.
އެންމެ ހިނދުކޮޅެއްވެސް ނަގާނުލައި ހަސަންބެގޮސްވަނީ ރަށު އޮފީހަށެވެ. "ކަތީބު ނިކަން ބައްލަވާ! އެހެރަ އަގުބޮޑު އެއްޗެހި ސަރުކާރުން މިރަށުގައި ބެހެއްޓީމާ ބައެއްމީހުން ޢަމަލުކުރާގޮތް! އަޅުގަނޑު ލޮލުން ދެކި އަތުން ހިފައިފިން! ހަމަ ދެންމެ މިރަށު އަތިރިމަތީގޭ ބަޝީރު، ފޯނުކޮށްނިމިގެން ދިޔައީ، އޭގައިވާ އެއްޗެއްވެސް އުފުރާލައި ޖީބަށް ލައިގެން! މިއީ ހަމަ ހަދަންވާނެ ގޮތެއްތޯ؟ ރަށު އޮފީހު މުވައްޒަފަށް ބަޝީރުވެސް އަދި ހަސަންބެވެސް ރަނގަޅަށް އެނގެއެވެ. އަދި މިވީ ކީއްކަންވެސް އޭނާ އަށް ވިސްނުނެވެ. އެހެންކަމުން އައި ހިނިގަނޑު އޮއްބާލަމުން ހަސަންބެ ގޭދޮށަށް ދާށޭ މަ ތިކަން ބަލާނަމޭ ކިޔައި ހަސަންބެ އަނބުރާ ފޮނުވާލައިފިއެވެ. "ރަށު އޮފީހުން މައްސަލަ ބެލީމާ ބަޝީރަށް ހުންނާނީ ދެން ފޯނު ކުރެވިފަ! އާނ އެހެންޏަ، އެދިޔައި ދަމުން އޭގެން ކޮންމެވެސް އެއްޗެއް ދަމައިގަނެގެން ވިއްޔަ! އަހަރެންގެ ލޮލުން ވިއްޔަ ދުށީ! އަހަރެން ބަޝީރު ދެކެ އެއްވެސް ބިރެއް ނުގަނޭ! ހަމަ ދުށް ގޮތަށް ކިޔައިދޭނަން އަހަރެން ޙާޒިރުކޮށް ސުވާލު ކޮށްފިއްޔާ! ކޮންކަމާ ޑަރު ހީވާންވީ، މީ އަހަރެންގެ ވެސް ރަށް ވިއްޔަ" ހަސަންބެ ދަމުން ދަމުން ހިތާ ހިތުން މިހެން ކިޔަމުން ހިނގައްޖެއެވެ.