18 އޭޕްރިލް 2021 | އާދީއްތަ 10:51

މީގެ ސާޅީހަކަށް އަހަރުގެ ކުރިއެވެ. އޭރު ރާއްޖެގައި އެންމެ އިތުބާރު އެންމެ ގާބިލް ޗާޕްޚާނާއަކީ އާރޯ ޗާޕްޚާނާއެވެ. އެހެން ކަމުން ޗާޕުކުރުމަށް އެންމެގިނަ އޯޑަރުތައް ލިބެނީވެސް އެތަނަށެވެ. އޭރު މުޅި ރާއްޖޭގައިވެސް އޮތީ، އިސްޓެންސިލްގައި ލިޔެގެން ކުރާ ޗާޕްކަމަށް ވިޔަސް އެފެންވަރުގައިވެސް، އާރޯ ޗާޕްޚާނާގެ އުފެއްދުންތައް އާދަޔާ ޚިލާފަށް ރީތިވެފައި މީހުންނަށް ކަމުދެއެވެ. މީގެ ފަހަތުގައި ވަރަށް ބޮޑު ސިއްރެއްވެސް ވެއެވެ. އެހެނީ އެދުވަސްވަރު ރާއްޖޭގެ އެންމެ މަޝްހޫރު ލިޔުންތެރިޔާ ނަޝީދާއި އެންމެ މަޤުބޫލު ކުރެހުންތެރިޔާ ހަސަންމަނިކު އެޗާޕްޚާނައިގާ އުޅުމެވެ. މިދެމީހުންނަކީ އެތާގެ ކުރިއެރުމުގެ އެއް ސިއްރެވެ. މީ އެންމެންވެސް ގަބޫލުކުރާ ވަރަށް ބޮޑު ހަގީގަތެކެވެ.

ކޮންމެއަކަސް ނަޝީދާއި ހަސަންމަނިކުގެ މުހިއްމު ކަމުގެ ބޮޑުކަމުން އެމީހުން ތިބެނީ އާރޯ ޗާޕުޚާނާއިން އޭރުގެ ނިސްބަތުން ވަރަށް ބޮޑު މުސާރައެއް ދީފައެވެ. އެ ދެވެރިންނަކީ އެތާނގެ ލިޔުމާއި ކުރެހުމުގެ ދެ ތަނބުކަމަށް ވުމުން، އާރޯ ޗާޕްޚާނާއަށް އެތެރެވާ ހަމަ ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް ޗާޕާހަމައަށް ދަނީ، އެމީހުންގެ އަތުގައި ޖެހިފައެވެ. ޚާއްޞަކޮށް ދަޢުވަތު ކާޑުފަދަ ލިޔުމާއި ކުރެހުން ހިމެނޭ ތަކެއްޗެވެ.

އެހެންކަމުން ރަށުތެރޭގައި ފާތިހާއަކަށް ކެއްކިއަސް، ކާވެންޏެއް ކުރިޔަސް، އެހެން މުނާސަބަތެއް ފާހަގަ ކުރިޔަސް އެދެމީހުންނަށް ސިއްރެއް ނުވެއެވެ. ނަޝީދާއި ހަސަން މަނިކަކީ ގަދައަށް ކެއުމަށް ބޫތު ކައިފައި ތިބޭ ދެވެރިން ކަމުން، ކޮންމެ ކާޑެއް ލިޔެ ކުރެހުމުގެ މަރުޙަލާގައި، އޭގައިވާ އެޑްރެހާއި ތާރީޚާއި ގަޑިއާއި، އޭގައިވާ މުނާސަބަތު، ފޮތެއްގައި ލިޔެ ބަލަހައްޓައެވެ. އެ ދެވެރިންގެ އާދަޔަކީ ރަށުގައި ބާއްވާ ކޮންމެ ކާވެނި ޕާޓީއަކަށް، ކޮންމެ ޙަފްލާއަކަށް، އަދި ކޮންމެ ފާތިޙާއަކަށް ދިޔުމެވެ. އެދާއިރު، ދަނީ ކޮންމެހެން އެވެރިންނަށް ކިޔައިގެނެއްނޫނެވެ. އަދި އެކަންކުރާ ފަރާތާއި ތިމާގެކަމެއް، ރައްޓެހި ރަޙުމަތްތެރި ކަމެއް އޮވެގެނެއްވެސް ނޫނެވެ. މީރުކޮށް ކާލާ، މީރުކޮށް ބޯލާ ހަދަން ދަނީއެވެ.

މިސިލްސިލާ މިގޮތަށް ކުރިޔަށް ދާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ދުވަހަކުވެސް މައްސަލައެއް ނުޖެހޭތީ، މިދެވެރިން ވަރަށް ފޯރީގައި މިކަން ކުރުމުގައި ދެމިތިއްބެވެ. ކޮންމެގެއަކުން ކެވުނީމާ ނުވަތަ ބޮވުނީމާ، ފޮތުގައި އެގެޔަކާ ދިމާލުގައި ރަސްގެއް ލަނީއެވެ. ހަސަންމަނިކާއި ނަޝީދު ހިންގާ މި "މަޝްރޫޢު" ގެ ސަބަބުން އެދެވެރިންނަށް މީރު ކެއުމެއް މީރު ބުއިމެއް ނުލިބޭ ރެއެއްދަނީ ހަމަހާލަކުންނެވެ. މިދެވެރިން މިކަން މިހެން ކުރާކަން ކޮންމެވެސް ސިފައެއްގައި ގާތް ރައްޓެހިން ދަނެއެވެ.

އެއްރެއެކެވެ. ކާވެނި ސަޔެއް ހަދާފައިއޮތް ގެއެއް ހޯދަމުން ދެވެރިން ދުއްވި ރެއެކެވެ. ފޮތުގައި ނޯޓުކުރެވިފައިއޮތީ ކާވެނި ޕާޓީއެއް ކަމާއި ތާރީޚާއި ގަޑިއެވެ. ދެން ކާވެނި ކުރި ދެކުދިންގެ ނަމެވެ. ޕާޓީ އޮންނަ ގޭގެ ނަންވަނީ ހަނދާންނެތި ނުލިޔެވިއެވެ. އަކަމާ ވަރަށް ހާސްވެ ފިކުރު ކުރަމުން ޕާޓީ އޮންނާނެކަމަށް އެންމެ ބޮޑަށް ހަސަންމަނިކަށް ހީކުރެވުނު ގެޔަށް ވަދެއްޖެއެވެ. އެއީ އަންހެން ކުއްޖާގެ ގެއެވެ. އޭރުވެސް ނަޝީދު ބުނަނީ، ޕާޓީ އޮންނާނީ ފިރިހެން ކުއްޖާގެ ގޭގައި ކަމުގައިއެވެ. ކޮންމެއަކަސް އެގޭ ތެރެއަށް ވަދެ ތަންތަނަށް ބޯދޭން ފެށިއެވެ. "މިތާކުނެތް ޕާޓީއޮތް ކަމުގެ އެއްވެސް އަލާމާތެއް" ނަޝީދު ބުންޏެވެ. "ކިހާދެރަ! މިހާރު ގަޑީޖެހިގެން އިތުރަށް ސާޅީސް މިނެޓު ހިނގީ" ހަސަންމަނިކު މިހެން ބުނެލިތަނާ އެތެރެއިން ނުކުތް މީހަކާ ދިމާވިއެވެ. "މިގޭގައި ކާވެނި ޕާޓީއެއް އެބަ އޮތްތޯ؟" "ޕާޓީ އޮތީ އަނެއް ގޭގައި! ފިރިމީހާގެ ގޭގައި! މިގޭ އެންމެންވެސް ވެއްޖެ އެގޭގައި!" އެމީހާ އެހެން ބުނުމުން އެދެވެރިން ވަރަށް ބާރަށް އެދިމާއަށް ނައްޓާލިއެވެ. އަކަމަކު ދެވުނުއިރު ޕާޓީ ނިމިގެން މީހުންތައް ނުކުންނަނީއެވެ.

އެހެން ދުވަހެކެވެ. ފާތިޙާއަކަށް ކައްކައިފާ އޮތް ގެޔަކަށްގޮސް އެންމެނާއެކު، ހަސަންމަނިކާއި، ނަޝީދުވެސް ވަދެ ޖައްސާލިއެވެ. "ހާދަ މީރު ވާނެއޭ ދޯ؟" ހަސަންމަނިކަށް ބުނެލެވުނެވެ. އެވަގުތު އެބޮޑު ކޮޓަރީގެ ކޮޅުގައިހުރި ދޮރެއް ހުޅުވާފައި އެގޭގެ ވެރި (ވަރަށް އަބުއި ބޭފުޅެއް ކަމުގައި ކިޔައި އުޅޭ) އަލިދީދީ ނުކުންނެވިއެވެ. އަތްޕުޅުގައި ކަރުދާސްގަނޑެއް އޮތެވެ. "އިހަށް އެއްވެސް ބޭފުޅަކު ކޭންބައްލަވަން ނުފައްޓަވާތި! އަޅުގަނޑު މިދަންނަވާލަނީ، މިފަރިއްކޮޅަށް ދަޢުވަތު އެރުވުނު ބޭފުޅުންގެ ނަންފުޅުތައް! މީގައި ނުހިމެނޭ ބޭފުޅުން، އެދެވެނީ ވެންނެވި ދޮރުން ނުކުމެ ވަޑައިގަތުމަށް!"

އަލީދީދީ ލިސްޓް ވިދާޅުވެ ނިމުނިއިރު ހަސަންމަނިކެއް ނަޝީދެއް ނުހިމެނެއެވެ. "ކޮބާ ކިހިނެއްހީވި! ބޮވުނު ބޮނޑި ކުޑަތަ؟" ހަސަންމަނިކު ވައިއަޑުން ބުނެލިއެވެ. "އަހަރެން ކުރިންވެސް ބުނީމެއްނު ކޮންމެވެސް ދުވަހަކުން ފަޅާ އަރާނެޔޭ! ދެންވެސް އަތުގައި ހިފާދަމާ ނުނެރެނީސް އަވަހަށް ސަލާމަތްވާން ހިނގާ!" ދެވެރިން މަޑުމަޑުން ފޫކޮޅު ހިއްލާލިއެވެ. އިސްޖަހައިގެން ތިބެ، ބޮނދަމުން ކަހަލަ ގޮތަކަށް، އަވަސް އަވަހަށް އެގެއިން ނުކުމެއްޖެއެވެ. "މިވަރުގެ ލަދެއް ދުވަހަކުވެސް ނުގަނޭ! އުމުރުގައިވެސް ދެން ދައުވަތު ނުލިބެނީސް މިކަހަލަ ތަންތާކަށް ނާންނާނަން!" ދެމީހުންނަށް އެއްފަހަރާ ބުނެލެވުނެވެ.

(ނިމުނީ)