16 އޭޕްރިލް 2021 | ހުކުރު 11:23

ދުވަސްވަރަކީ ރާއްޖޭގައި ބޯހިމެނުމުގެ ކަންތައް ފެށިގެން ކުރިޔަށް ގެންދާ ދުވަސްވަރެކެވެ. އެގޮތުން އަޅުގަނޑުގެ އެކުވެރި ނަޒީރު މިކަމުގައި ކުރެއްވި ތަޖުރިބާއެއް ހިއްސާ ކޮށްލާނަމެވެ. މިއަދަކީ އެކުވެރި ނަޒީރުގެ ގެ ހިމެނޭ ސަރަޙައްދުގައި ބޯހިމެނުން ކުރިޔަށްދާ ދުވަހެވެ. ނަޒީރުއާއި އާއިލާ ތިބީ ބޯހިމެނުމުގައި އެސަރަޙައްދުގައި އުޅުއްވާ ޓީމުގެ އިންތިޒާރުގައެވެ. އެބޭފުޅުން ވަޑައިގަންނަވާނޭ އިރަކަށް އިންތިޒާރުގައެވެ. ބޭރުން ބަޔަކު ސަލާމް ގޮވާލި އަޑަށް "ބައްޕާ ބޯހިމަނާ މީހުން އަތުވެއްޖެ!" 10 އަހަރުގެ ސިޔާޒު މިހެން ގޮވާލުމުން، ނަޒީރު ކޮޓަރިން ސިޓިންގ ރޫމަށް ނުކުތް އިރު، ސާޅީހަކަށް އަހަރުގެ ފިރިހެނަކާ ޒުވާން ދެ އަންހެން ކުއްޖަކު ތިއްބެވެ. އެމީހުން ތިބީ ފާޑުފާޑުގެ ފައިލްތަކާއި އޭތިމީތި ހިފައިގެންނެވެ. ވަރަށް ރަސްމީކޮށް ހެދުން އަޅައިގެން ކަރުގައި ހުރީ ފާސް އަޅާފައެވެ.

"އައްސަލާމު ޢަލައިކުމް" އެޓީމުހައި ހުންނެވި، ފިރިހެން ބޭފުޅާ ހާދީ ކުރިޔަށް ޖެހިލާފައި ސަލާމް ކޮށްލިއެވެ. "އަޅުގަނޑުމެން މިއައީ މިގޭގެ ބޯހިމަނަން! ބޭނުންވަނީ ގޭގެވެރިޔާއާ ބައްދަލުކުރަން!" ޓައީ ރަނގަޅު ކޮށްލަމުން ހާދީ ގޮނޑިއެއްގައި ޖައްސާލިއެވެ. ޖެހިގެންހުރި ދެ ގޮނޑީގައި ދެ އަންހެން ކުދިންވެސް އިށީނދެއްޖެއެވެ. "ވަރަށް ޝުކުރިއްޔާ! މިއަދު އަޅުގަނޑުމެން ބޯހިމަނަން މިފަށަނީ މިގޭން! އުއްމީދުކުރަން، ތިޔަ ބޭފުޅުންގެ އެންމެ ފުރިހަމަ އެއްބާރުލުން ދެއްވާނޭކަމަށް! އެންމެ ރަނގަޅު، ހިނގާ ދެއްތޯ ކުރިޔަށް ގެންދަމާ! ތިޔައީ ގޭގެ ވެރިމީހާތޯ؟" ހާދީ އަހާލިއެވެ. "ލައްބަ، އަޅުގަނޑު މީ މިގޭގެ ވެރިއަކީ! އަޅުގަނޑަށް ކިޔަނީ ނަޒީރު!" "އެބުނުއްވާ ގޮތަށް ލިޔަންފަށާ!" ހާދީ، ކައިރީގައި ހުރި އަންހެން ކުއްޖަކަށް އިޝާރާތް ކޮށްލިއެވެ. "ނަޒީރު މިއޮތީ ފެށިފައި އިނގޭތޯ! މިކަހަލަ ކުދިކުދި އެކަމަކު ގިނަ ސުވާލުތަކެއް ހުންނާނީ، ވީމާ ވަރަށް ކެތްތެރި ކަމާއެކު ޖަވާބު ދެއްވަމުން ގެންދަވާތި! ..... އެހެންވިއްޔާ ވިދާޅުވެދެއްވާ ކޮބައިތޯ ނަޒީރު އަދާ ކުރައްވާ ވަޒީފާއަކީ؟" ހާދީގެ ސުވާލެކެވެ. "އަޅުގަނޑަކީ ރިސޯޓެއްގެ އެސިސްޓަންޓް މެނޭޖަރެއް! ކުރިން ސުކޫލެއްގެ ޕްރިންސިޕަލްކަންވެސް ކުރިން!" ނަޒީރު ނަންގަތެވެ. "އާނ، ވަރަށް ރަނގަޅު! ކުދިންނޭ، ބަރާބަރަށް ރަނގަޅަށް ގޮޅިތައް ފުރަމުން ގެންދާތި!" ހާދީ މިހެންބުނެފައި އަނެއްކާވެސް އެނބުރުނީ ނަޒީރާ ދިމާއަށެވެ. "ނަޒީރު ލިޔަން ކިޔަން ދަންނަމުތޯ؟" "އަޖައިބު، އަޅުގަނޑު ޕްރިންސިޕަލްކަން ކުރި މީހަކު ލިޔަންކިޔަން ދަންނާނެ އެއްނޫންތޯ؟" "ރަނގަޅު ރަނގަޅު، އެކަމަށްވެސް ގޮޅިއެއް އޮތީމާ އަޅުގަނޑަށް ސުވާލުކުރަން ޖެހުނީ!" ހާދީ ޖަވާބު ދިނެވެ.

"ކޮބައިތޯ އަނބިމީހާގެ ނަމަކީ؟" އެތަނުން އަންހެންކުއްޖަކު ސުވާލުކުރިއެވެ. "އަޅުގަނޑުގެ އަންހެނުންނަށް ކިޔަނީ ނަސީމާ!" "ރަނގަޅު، އެގޮތަށްޖަހާ ފޯމުގަ! އޮޅުވާނުލާތި!" ހާދީ ކާތިބާއަކަށް އެންގިއެވެ. "ނަސީމާ އިނދެގެން އުޅެނީ ކާކާތޯ؟ އަނެއްކާވެސް ސުވާލެކެވެ. "އަޖައިބު! އަޅުގަނޑު އަންހެނުންނަކީ ނަސީމާއޭ ދަންނަވައިފިން! އެހެންވީއިރު ނަސީމާގެ ފިރިއަކީ އަޅުގަނޑު ނޫން ދެން ކާކު؟" "އެކަމަށްވެސް ގޮޅިއެއް އޮވެޔޭ!" ހާދީ ނަންގަތެތެވެ. "ކުދިންނޭ ތަންކޮޅެއް ލަސްވިޔަސް ބަރާބަރަށް މަޢުލޫމާތު ހަމަކުރާތި! މިއީ ވަަރަށް މުހިއްމު މަސައްކަތެއް!" ހާދީ އެދެ އަންހެން ކުދިންނަށް ނަސޭހަތްތެރި ވިއެވެ. "ނަޒީރުގެ މިއީ ކިތައްވަނަ އަނބިކަނބަލުންތޯ؟" "އަޅުގަނޑު އަލަށް ނަސީމާއާ އިނީ!" "ކުރިން ކިތައް މީހުންނާ ނަޒީރު ކައިވެނި ކުރެއްވިންތޯ؟" އަންހެންކުއްޖެއްގެ ސުވާލެވެ. "އަޅެ، ކީކޭ ބުނާނީ! އަޅުގަނޑު ނަސީމާއާ އިނީ އަލަށް! ދެން ކުރިން ކުރި ކައިވެންޏެއް އޮންނާނެތޯ؟" "އެކަމަށްވެސް ގޮޅިއެއް އޮތީމާ ނަންގަނެވުނީ!" ހާދީ ނަޒީރުގެ މޫނަށް ބަލައިލިއެވެ. "އެންމެ ރަނގަޅު، އަނބިކަނބަލުން އަވަހާރަވެފައިވޭތޯ؟" ހާދީގެ މިސުވާލަށް ނަޒީރު ދައްކާލީ ދުރުގައިހުރި އޭނާގެ އަނބިމީހާއެވެ. "މަރުވާނީވެސް ކުރިން މީހަކާ އިންނަމަތާ! މަރުވިޔަސް، ދިރިހުއްޓަސް ހުރީ ހަމައެކަނި އެހެރަ ނަސީމާ!" "ގޮޅިއެއް އޮންނާތީ އެވާހަކަވެސް ނަންގަނެވުނީ! މިއީ ވަރަށް ފަރުވާތެރިވެގެން ފުރަންޖެހޭ އެއްޗެއްވިއްޔަ!" އަންހެން ކުއްޖަކު ނަންގަތެވެ. ދެން އަންނަން ފެށީ އެގޭގައި ހުރި ދޮންނަ މެޝިނާއި ޓީވީއާއި ރޭޑީޔޯއާއި އެނދު އައްޓާއި ގަސް ރުކާއި ފާޚާނާއާއި ވަޅާއި މިބާވަތުގެ ތަންތަނާއި ތަކެތީގެ އަދަދާބެހޭ ސުވާލުތަކެވެ. އޭގެ ޖަވާބުގައި، އެއީ ބޯހިމެނުމާ ބެހޭ ސުވާލުތޯ ނަޒީރު އެއްސެވިއެވެ. އަދި ބޯހިމެނުން ކަމަށް ވަންޏާ، މިގޭގައި ތިބީ އަޅުގަނޑުމެން ދެމަފިރިންނާ، 10 އަހަރުގެ ފިރިހެން ދަރިފުޅަކާ 6 އަހަރުގެ އަންހެން ދަރިފުޅަކާ 3 އަހަރުގެ ފިރިހެން ދަރިފުޅެއްކަމުގައި ޖެއްސެވީމާ ރަނގަޅުވާނެޔޭ ނަޒީރު ބުނުއްވިއެވެ. އެހެން ހިސާބެއް ނަންގަވަންޏާ މިހިރީ ދިމާއަށް ފެންނަން! ހަމަ ގޮޅިތައް ފުރުއްވީމާ ނިމުނީ! ދެން ނަޒީރު އެނބުރުނީ ނަސީމާއާ ދިމާއަށެވެ. "މި 3 ބޭފުޅުންނަށް ރަނގަޅަށް ސައި ތައްޔާރުކޮށްލާ! ވަރަށް ގިނައިރު ވެއްޖެ މިގޭގައި ތިއްބަވާތާ! ބަނޑުވެސް ހައިވާނެއެއްނު!" "އަޅުގަނޑުމެންވެސް ދެން މި ގާތްގަނޑަކަށް ނިމުނީ! އަދި އެކަމަކު އެބަ އޮތް މުހިއްމު ސުވާލެއް! ދެންމެ ވިދާޅުވި ފިރިހެން 2 ކުދިން ކިތައްއަހަރު ބޯޓު ދަތުރުކުރަން އުޅުނުތޯ؟" ކީކޭ ބުނާނީ! އެއީ 10 އަހަރުގެ ކުއްޖަކާ 3 އަހަރުގެ ކުއްޖެއް! އެކަމަކު-" "އެކަމަށްވެސް ގޮޅިއެއް އޮތީމާ ނަންގަނެވުނީ! އެކަމަކު ދެން މިހިސާބުން މިނިމުނީ! ގޮޅިތައްވެސް ހުސްވީ!

(ނިމުނީ)