ދިހަ ރުފިޔާއަށް ދިހަފޫޓް!
ކޮޕީ މުހައްމަދު ރަޝީދު
14 އޭޕްރިލް 2021 | ބުދަ 13:43

މީ މީގެ ތިރީހަކަށް ފަންސަވީހަކަށް އަހަރު ކުރީގެ ވާހަކައެކެވެ. އަހަންމަދުބެއާއި އައިސަ މާލެ އައީ ބޮޑު އީދު ކައިރިވެފައި އޮތުމުން، ރިތި ހެދުމެއް ގަނެލުމަށާއި ދަރިންނަށް ދޭނެ ފައިވާނާ ބައެއްކަހަލަ ހަދިޔާކޮޅެއް ހޯދުމަށެވެ. މިދަތުރު މާލެ އައުމުގައި މިނޫން އަދި މުހިންމު އެހެން ބޭނުމެއްވެސް އޮތެވެ. އެއީ ޒަމާނުއްސުރެ އައިސަ ގެންގުޅޭ ރިހޭ ބަނޑަކަށް ބޭސްކުރުމެވެ. ރަށުގައި އޭރު މިކަހަލަ ބޮޑެތި ކަންތައްތަކަށް އެންމެ އެދެވޭ ފަރުވާ ލިބެން ނުހުންނާތީ، މާލޭން މޮޅު ޑޮކްޓަރަށް ދައްކައި، ކުރިއަށް އޮތް ތާނގައިވެސް އައިސަ ބަލިޙާލު ރަނގަޅު ކުރެވޭތޯއެވެ.

ދޯނިން ފޭބުމަށްފަހު ޓެކްސީއަކަށް އަރައިގެން ނައްޓާލީ ހެންވޭރަށެވެ. އަހަންމަދުބޭމެންގެ ރައްޓެހި ނަޖީބުގެ ގެއަށް ދިޔުމަށެވެ. އަހަންމަދުބެ ދެތެރެދޭތެރެއިން މާލެއައިސް އުޅުނަސް އައިސަ މިއައީ އެންމެ ފަހުން މާލެ އައިތާ ފަނަރަ ވަރަކަށް އަހަރުފަހުންނެވެ. ދުއްވަމުން ދިޔަ އިރު މާލެއަށް އައިސްފައިވާ ބޮޑު ބަދަލު ފެނިފައި އައިސަ އިނީ ތަލިން ކުޅުހިކި، ހައިރާންވެ ކޮސްވެފައެވެ. "އަހަންމަދާ ހާދަހާވާ ބޮޑެތި އިމާރާތްތަކޭ މިހިރަ ފެންނަނީ! ދުވާލު ވާނެ މަގޮވައިގެން މިތަންތަން ބަލައިލަން އަންނަން!" އައިސަ ބުނެލިއެވެ. "އިރާދަކުރެއްވިއްޔާ އައިސަގެ ޑޮކްޓަރު ކަންތައްތައް ނިމުމުން އޮންނާނީ ތިޔަކަން ކުރުން، އައިސަ އަށް މިފަހަރު މާލެ ދައްކާލާނަން! މިފަހަރު ވާނެ އައިސާ ބޭރުން ކާލަން ވެސް! މިދިޔަ ދަތުރުގަ އަހަރެން ގޮވައިގެން ނަޖީބުގެ ދެމަފިރިން ކާން ދިޔައީ ވަރަށް ފައްކާ ތަނަކަށް! އެތަނަށް އިރާދަކުރެއްވިއްޔާ ދާނީ!" އަހަންމަދު ވަރަށް ލޯބިން ބުނެލިއެވެ.  

ކުޑަ އިރުކޮޅަކު ދުއްވާލުމަށްފަހު ކާރު މަޑުކޮށްލީ ހެންވޭރު "ބުމަރުގެ" އަށެވެ. އަހަންމަދުގެ ރައްޓެހި ނަޖީބުގެ ގޭދޮށަށެވެ. ކާރު މަޑުކޮށްލުމާއެކު އައިސަ އާއި އަހަންމަދުބެ ފައިބައިފިއެވެ. ޑްރައިވަރުވެސް ފައިބާފިއެވެ. ޑިކީ ހުޅުވާލުމަށްފަހު އެތަނަށް ލާފާހުރި ފޮށިވަށިތައް ނަގައިދިނެވެ. "80 ރުފިޔާ!" ހުރިހާ އެއްޗެއް އެގޭ ދޮށުގައި ރީތިކޮށް އަތުރާލުމަށްފަހު ޑްރައިވަރު ބުނެލިއެވެ. "ހާދަ ބައިވަރެކޭ!" އަހަންމަދުބެ ދިޔައީ ސިއްސައިގެންނެވެ. "ރޭގަނޑު 12 ޖަހައިފިއެއްނު! އެހެންވީމާ ދަތުރަށް ތިރީސް، ކަލޭމެން ދެމީހުންގެ ދެ ފޮއްޓަށް ދިހައެއް، މިއޮށް ކޮޕީފަތް ބޮނޑިއަށް ފަހެއް، ކުންނާރުކޮތަޅަށް ފަހެއް، ބިލެތްބޮނޑިއަށް ފަހެއް، ކުންނާރު ކޮތަޅަށް ފަހެއް، ބަރަބޮލަށް ފަހެއް، ފުފުލަށް ފަހެއް، ދިޔާހަކުރުފުޅިއަށް ފަހެއް، އިލޮށިފައްޗަށް ފަހެއް، ޖުމްލަ ހަތްދިހަ! ދެން މިގަޑީގަ މަގޭ ބޯހާސް ކުރަން ނޫޅެ އަވަހަށް ލާރިކޮޅު ގެނޭ، މިހާރު ނިދިއައިސް ގެންވެސް ހުރެވެނީކީ ނޫން!" އަހަންމަދުބޭ ވަރަށް ނުރުހިފައި ހުރެމެ އެހެންނަމަވެސް ލާރިދީފިއެވެ. ލާރިކޮޅު ހަމަ ދޭއިރަށް ޑްރައިވަރު ނައްޓާލައިފިއެވެ. "އެއީ ހަމަ އައިސަގެ ގޯސްކަން! މަ އޭރުވެސް ބުނީމެއްނު، ކޮތަޅުތަކާ ފުޅިތަކާ ބަރަބޯ އުނގުމަތީ ބާއްވާށޭ! އެހެންނުހެދުމުން ވީގޮތޭމީ! ދެން ލާހިކު ކުޅަދާނައެއްނޫން މިކަހަލަ ކެއްސެއް ލިބޭކަށް!" އަހަންމަދު ހަރުދަނާވެލިއެވެ.

އަހަންމަދުބޭގެ ދެމަފިރިން އަންނަން ވާއިރަށް ނަޖީބުގެ ދެމަފިރިން ހުރީ ގަޑިއާ ގުޅެގޮތުން ލުއި ސަޔެއްވެސް ތައްޔާރު ކޮށްފައެވެ. ސައިގައި ތިބެގެން އަހައްމަދުބެ ނަޖީބުގެ ދެމަފިރިންނަށް ޑްރައިވަރު ކަންތައް ކުރި ގޮތުގެ ވާހަކަ ކިޔައިދޭށެވެ. ވާހަކަ އަޑުއަހާފައި ނަޖީބުގެ ދެމަފިރިން ގާތަށްވެސް ވަރަށް ރުޅިއައެވެ.  "ކީއްވެ އަހަންމަދުބެ ވަދެ މަށަށް ނޮގޮވީ!؟" ނަޖީބު ބުނެލިއެވެ. ބުމަރުގޭގައި ދެރެއެއް ވެލުމަށްފަހު ރައްޓެއްސަކާ ވާހަކަދައްކައިގެން ޑޮކްޓަރަށް ދެއްކުމުގެ މަސައްކަތް ފަށައިފިއެވެ. "މިރޭ 9.30 ގައި ރާޒީ ކްލިނިކަށްދާނީ! ގަޑިނުޖެހޭތި! އަހަރެން އޮންނާނީ ނަންނޯޓު ކޮއްފަ! ކަލޭމެން ދާއިރު އަހަރެން އެތާ ހުންނާނަން!" ރައްޓެހިމީހާ ފޯނުން ހަބަރުދިނެވެ.

އަހަންމަދުބެގެ ދެމަފިރިން، އިޝާނަމާދުން ފޭބުމާއެކު ގެއިން ނުކުމެއްޖެއެވެ. ގަސްދުކޮށްފައިވަނީ އަދިވެސް އީދަށް ގަންނަން ހުރި ބައެއް ތަކެތި ނުގަނެ ހުރުމުން، ވިޔަފާރިކޮށްލުމަށްފަހު ޑޮކްޓަރަށް ދިޔުމެވެ. މަޖީދީމަގުގެ އިރުމަތީކޮޅުން ފެށިގެން އައިސް، ފަހަރަކު ފިހާރަައަކަށް ވަންނަމުން ނުކުންނަމުން އެންމެ ފަހުން 9 ޖެހިއިރު އައިސް ވަދެވުނީ މަޖީދީމަގުން ޗާނދަނީމަގާ ބެދުނު ހަތަރު އަނގޮޅިއާ ދާދި ކައިރީގައިވާ ހަގީގީސޭލް ފިހާރައަކަށެވެ. "މިއީ ފައްކާތަނެއް ދޯ؟" އައިސަ އެފިހާރައާ ވަރަށް ގަޔާވިއެވެ. "އަގުވެސް ކިހާ ހެޔޮ؟" އަހަންމަދުބޭ އުފަލުން ވަރެއްނެތެވެ. އޭތިމީތި ނަގަންފެށިއެވެ. "އޭ! ޑޮކްޓަރަށްދާ ގަޑި ޖެހިދާނެ!" އައިސަ ހަނދާން ކޮށްދިނެވެ. އޭރު ގަޑިން 9.20 ހިނގައިފިއެވެ. "އެހެންނަމަވެސް އެފިހާރައާ ޖެހިގެން ހުޅަނގަށް މިހިރަ ޖަންކްޝަން ސްޓޯރަށް ވަދެލާފަ ދާނީ!" އަހަންމަދުބޭ ބުނެލިއެވެ.

އެފިހާރައަށް ވަދެއްޖެއެވެ. ދެތިންއެއްޗެއް ގަނެލުމަށްފަހު، އަވަހަށް ފިހާރައިގާ ބުނެލައިގެން ޓެކްސީއެއް ގެނުވިއެވެ. "ދާންވީ ރާޒީ ކްލިނިކަށް!" ކާރަށް އަރާފައި އަހަންމަދުބެ ބުނެލިއެވެ. ޓެކްސީ ފަހަތަށް  ޖަހާލާފައި، ދިހަވަރަކަށް ފޫޓު ދުއްވާލައިފާ މަޑުކޮށްލިއެވެ. "އާނ، ފައިބާ! މިއޮތީ ރާޒީ ކްލިނިކަށް އާދެވިފަ! 10 ރުފިޔާ ގެނޭ!" އަހަންމަދުބޭ ދިހަ ރުފިޔާ ދިން އިރު އިނީ ހައިރާންވެ ދެލޯބޮޑުވެ އަނގަހުޅުވިފައެވެ. މިއޮއްވީ ގޮތަކުންނެވެ. ދިހަވަރަކަށް ފޫޓު ދުއްވާލާފައި ދިހަ ރުފިޔާ އަތުލުމުންނެވެ.  

 (ނިމުނީ)

އެޑިޓަރުގެ ނޯޓް:މިއީ އަލްފާޟިލް ކޮޕީ މުޙައްމަދު ރަޝީދުގެ ކުރު ވާހަކައެކެއެވެ.

100%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
ކޮޕީ މުހައްމަދު ރަޝީދު
އަލްފާޟިލް ކޮޕީ މުޙައްމަދު ރަޝީދަކީ ، ހިންގުންތެރި ނާޒިރެކެވެ. ކުޅަދާނަ މުމައްސިލެކެވެ. ޅެންވެރިކަމުގެ ޝަރަފުވެރިކަން ލިބިވަޑައިގެންފައިވި ޅެންވެރިއެކެވެ. ބޮޑުއަކުރުކުރުމުގެ ފަންނުގައި އެންމެވިދާ ކެލިގްރާފަރެެކެވެ. ހަމަ އެހެންމެ ކޮޕީގެ ވާހަކަ ތަކަކީ ، އިންސާނީ އިޙުސާސީ ހަވާދެއްގެ ރަހަތައް އެކުކެވިފައިވި ، އަސަރުގަދަ ވާހަކަތަކެކެވެ.