ވާހަކަ
ސިލްސިލާ ވާހަކަ
20 އޮކްޓޯބަރ 2020 | އަންގާރަ 12:30
4 ވަނަ ބައި

ގޭގެ ދޮރު ހުޅުވާލުމަށްފަހު އާތިފް ގެއަށް ވަދެއްޖެއެވެ. އޭރު އޭނާގެ އަންހެނުންނާ 10 އަހަރަށްދާ ދަރިފުޅު ގޭގައި އުޅެއެވެ. "މަންމަ ވަޅުލީތަ" ވަރަށް އާދައިގެ ގޮތަކަށް އާތިފްގެ އަންހެނުން އަހާލިއެވެ. ވަކި ޖަވާބެއް ދިނުމުގެ ބަދަލުގައި އާތިފް ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. "ކީއްވެ އެއްޗެކޭ ނުބުނެ ތިދަނީ، ތީކީ މީހުންނަށް ދިމާ ނުވާ ކަމެއް ނޫނޭ" އެހެން ނޫނަސް އާތިފް ތީ މާ މަންމަ ދެކެ ލޯބިންވެސް އުޅުނު މީހެއް ނޫނެއްނު، ދެން މަރުވީމަ ކޮން ދެރައެއް ވާކަށް، އެހެން ނޫނަސް އެމީހާ އަށް އެންމެ ރަނގާޅުވާނީވެސް އެގޮތް، އޭރުން އެހާ ހާލުގަ ނޫޅެ ވާނެ އެންނު." އެއްޗެކޭ ނުބުނެ އާތިފް ހިނގައިގަތުމުން އަނެއްކާވެސް އާތިފްގެ އަންހެނުން ވާހަކަ ދައްކަން ފެށިއެވެ. ދެރަވެފައި ހުރި ކަމުގެ އެއްވެސް އަސަރެއް އޭނަގެ އަޑަކު ނެތެވެ. މާބޮޑު ކަންބޮޑުވުމެއް ފިކުރު ބޮޑުވުމެއްވެސް ނެތެވެ. ފިރިމީހާ އަށް ލިބުނު ހިތާމައިގައި ބައިވެރިވާން ބެނުންވާ ކަމުގެ އެއްވެސް ސިފައެއް އޭނާގެ މޫނު މައްޗަކުން، ވާހަކަ ދެއްކުމަކުން ފާހަގައެއް ނުވެއެވެ. އެ ގޭތެރެއިންވެސް އެކަހަލަ ކަމެއް ފެންނާކަށް ނެތެވެ. އެކަމަކު އޭރު އާތިފްގެ ދަރިފުޅު އާތިފް އާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. ހިނގާފައިގޮސް އާތިފް ކޮޓަރިއަށް ވަދެއްޖެއެވެ. ކުޑައިރުކޮޅަކު ބަލަހައްޓައިގެން އިނުމަށްފަހު އާތިފްގެ ދަރިފުޅުވެސް ކޮޓަރިއަށް ވަދެއްޖެއެވެ. އޭރު އާތިފް އިނީ އެނދު މަތީގައި އިށީނދެލައިގެންނެވެ.

އޭގެ ކުޑައިރުކޮޅެއް ފަހެވެ. ދޮރުމަތީގައި ކުޑައިރުކޮޅަކު ބައްޕައާއި ދިމާލަށް ބަލަން ހުރުމަށްފަހު ލާނާ ގޮސް ބައްޕަ ގާތު އިށީނދެއްޖެއެވެ. އޭރުވެސް އާތިފް އިނީ އިސްޖަހަލައިގެންނެވެ. އޭނާގެ ލޮލުން ކަރުނަ ހިކޭވަރެއް ނުވެއެވެ. ހީވަނީ ދުވަހަކުވެސް އޭނާ މިނުނީ ނުރޯހެންނެވެ. އަދި އެހުރިހާ ދުވަހެއްގެ ކަރުނަ މިއަދު ފައިބާ ހުސްވާން އުޅޭހެންނެވެ. "މާމަ އަށް ކިހިނެތްވީ" އާތިފްގެ ގައިގާ ކުޑަކޮށް ބައްދާލަމުން ލާނާ އަހާލިއެވެ. އާތިފް އަށް ލާނާގެ ސުވާލު އިވުމާއެކު ކުރިއަށްވުރެއްވެސް ބާރަށް ރޮއިގަނެވިއްޖެއެވެ. "މާމަ ނިޔާވެއްޖެ" ލާނާ ގައިގާ އާތިފް ބައްދައިގަތެވެ.

މަގުމަތި މިހާރު ފެންނަނީ ކުރިއަށްވުރެވެސް މާ ބޮޑަށް ހަމަހިމޭންކޮށެވެ. ދުއްވާ އެއްޗިއްސައިގެން ތޮއްޖެހިފައިވާ މަގުތައް މިހާރު ފެންނަނީ ފަޅުކޮށެވެ. ބާރު ބާރަށް ކޮޅު ކޮޅުމައްޗަށް ހިނގަމުންދިޔަ މީހުންތައް މިހާރަކު މަގުމައްޗަކު ނެތެވެ. މަގުތަކުގެ ދެފަރާތުގައިވާ ފިހާރަތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން މަގުމަތިން ކުރިން ފެންނަމުން ދިޔަ އަލިކަމެއް މިހާރަކު ފެންނާކަށްނެތެވެ. ދުއްވާ ތަކެތީގެ އިންޖީނުގެ އަޑާ، ބަރުގަނޑުގެ އަޑުތަކާއި މަގުމަތީގައި ހޭލަމޭލި ވަމުން ދިޔަ މީހުންގެ އަޑުތަކުން އޭރު މާހައުލުގައި ބޮލަށް އުނދަގޫ ކަހަލަ ގޮތްތަކެއް ހުއްޓަކަސް މިހާރަކު އެކަހަލަ އުނދަގުލެއް ނެތެވެ. މަގުގެ ދެފަރާތުގައިވާ ގޭގޭގެ ސިޓިންގރޫމްތަކުގައި އަޅުވާފައިހުރި ޓީވީ ތަކުގެ އަޑާއި އެގެތަކުން މީހުން ވާހަކަ ދައްކަމުންދާ އަޑުތައްވެސް މަގުމައްޗައް އިވޭހާ މަގުތައް ހަމަހިމޭނެވެ.

އެއީ ދަންވަރުގެ ވަގުތެވެ. މެންދަމުން އަލިވެ ދެގަޑި ތިރީސް އެހާކަންހާއިރެވެ. ގޭގެ ދޮރުހުޅުވާލުމަށްފަހު އާތިފް މަގުމައްޗަށް ނިކުމެއްޖެއެވެ. ނުނިދައި އުޅުމުންނާއި، ގިނަ އިރު ރުއިމުގެ ސަބަބުން އޭނާގެ ލޯ ހުރީ ދުޅަވެ ރަތްވެފައެވެ. މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ހިނގާފައި ގޮސް އާތިފް މަޑުކޮށްލީ މާރުކޭޓް ސަރަހައްދަށެވެ. އެއީ މާލޭގެ އެންމެ ކާރޫބާރު ބޮޑު ސަރަހައްދެވެ. އެކަމަކު މިސަރަހައްދު ވެސް މިވަގުތު ފެންނަނީ ފަޅުކޮށެވެ. ބާޒާރުމަތީގެ އެކި ތަންތާގައި ނިދާފައިތިބި އުމުރުން ދުވަސްވީ ބައެއް މީހުން އޭރު ފެންނަން ތިއްބެވެ. ރޭގަނޑުގެ ފިނީގެ ސަބަބުން އެމީހުންގެ ހަށިގަނޑަށް ލިބެމުންދާ ފިނިން ސަލާމަތްވުމަށް އެކި ގޮތް ގޮތަށް ފުރޮޅި އުޅޭތީ ފެނެއެވެ. ގިނަ މީހުން ތިބީ ކޮންމެވެސް ތަޅުންގަނޑެއްގެ މަތީގައެވެ. ގައިދަށަކު ގައިމައްޗަކު އަޅާލާނެ އެއްޗެއް އެމީހުންގެ އަތަކު ނެތެވެ. ބައެއް މީހުން މަގުމައްޗާ ނިވާވެގެން ތިބެނީ ޕާކުކޮށްފައި އޮންނަ ކޮންމެވެސް އުޅަނދެއްގެ ނިވަލުގައެވެ.

އާތިފް ހިނގާފައި ގޮސް މަގުގެ އަރިމައްޗެއްގައި ހުރި ސިމެންތި އަށިގަނޑެއް ކަހަލަ އެއްޗެއްގެ ކައިރީގައި ހުއްޓިއްޖެއެވެ. އެއްވެސް ނިވާ ކަމެއް ނެތުމުންނާ ދިމާލަށް ހާމަޔަށް ހުންނަ ތަނެއް ކަމުންނާ ވާރޭ ވެހިގަތަސް ހިޔާވެވޭނެ ފަދަ ގޮތެއްވެސް ނެތް ތަނެއް ކަމުން މިސަރަހައްދުގައި ނިދާ އުޅޭ މީހުންވެސް މިތަން އެހާ ވަރަކަށް ބޭނުމެއް ނުކުރެއެވެ. އަށިގަނޑާ ދިމާލައް ބަލަހައްޓައިގެން އާތިފް ހުއްޓާ ދުވަސްވީ މީހަކު އޭނާ ގާތަށް އައިސް ހުއްޓިއްޖެއެވެ.

"އޮށޯންނާނެ ތަނެއް ދޯ ކަލޭ ތި ހޯދަނީ، ރަނގަޅުވާނެ ތިޔަތާ އޮށޯވެ، މަމިދަނީ ތިޔޮއްތާ އެތެރެއަށް، އެކަމަކު ތިޔަތާ އޮވެވޭނީ ވަރަށް ފިންޏަށް ގަދަ މީހަކަށް، ކަލެ އަށް ކެއްވަންޏާމު އޮންނަންވީ، އެކަމަކު ބުނަން ވާރޭ ވެހިގެންފިއްޔާމު ނިވާވެވޭނެ ގޮތެއް ތިޔަތާކު ނެތެއްނު، ކަލޭ ބޭނުމިއްޔާމު މަށާއެކީ ތިޔޮށް އަސްކަނި ދަށައްވެސް ދެވިދާނެ، އަދި ކުޑަ ޖާގަކޮޅެއްވެސް އެތާ އޮންނާނެ ކައްނޭނގެ. ނާންނަންޏާމު ތިޔަތާނގަ އޮވޭ" އާތިފް އެއްޗެކޭ ނުބުނުމުން އެމީހާ ހިނގައިގެންފިއެވެ. އޭރުވެސް އާތިފް އެހުރި ގޮތައް ހުރީއެވެ. "ތިޔަތަނުގަ ކުރިން އޮންނާނީ އެ ޒުލޭހާ، އަހަރެމެން ކާރިޔަކައް އޭނާ ނާންނާނެ ހުސް ފިރިހެނުން ތިބޭތީ، ފިނިވެގެން ތުރުތުރު އަޅައަޅަ އޮންނާނީ، އެކަމަކުވެސް ނާންނާނެ، މިހާރު ދުވަސް ގަނޑެއް ވެއްޖެ އޭނާ ނުފެންނަތާ، އެހެންވެ ތިޔަތަން ހުސްކޮން ހުންނަނީ، މަގާތު މީހަކު ބުނި އިއްޔެ އޭނާ މަރުވެއްޖެއޭ ވެސް.