ވާހަކަ
ސިލްސިލާ ވާހަކަ
16 އޮކްޓޯބަރ 2020 | ހުކުރު 15:13
3 ވަނަ ބައި

ދަރިފުޅާއެވެ. އެއީ މަންމަ މިއޮތް ތަނުގާ ދަރިފުޅުގެ ހަރަދުގައިވިޔަސް އިތުރު ފަންކާއެއް ހަރުކޮށްލަ ދިނުމަށެވެ. އަދި ކާން ގެންނަ އެއްޗެހި ކުނި ނުވާނެހެން ބަހައްޓާލަން މިތަނަށް އައިސް އަލަމާރީއެއް ހޯދަ ދިނުމަށެވެ. އެއީ ދަރިފުޅުގެ ދަރިން ދަރިފުޅު މިތަނަށްލާ ދުވަހަކުންވެސް ހޫނުވެގެން ދަރިފުޅު ނުނިދިފާ އޮންނަން މަންމަ ނޭދޭތީއެވެ. އަދި ކާން ގެންނަ އެއްޗެހި ބަހައްޓާލެވޭނެ ގޮތެއްނެތި ކުނިވުމުން ކުނިވެފައި ހުންނަ ތަކެތި ދަރިފުޅު ކާން މަންމަ ބޭނުން ނުވާތީއެވެ.

މަންމަގެ ލޯބިވާ ދަރިފުޅާއެވެ. މަންމަގެ މުހިންމުކަން ދަރިފުޅަށް ވިސްނޭނީ މަންމަ ނެތް ދުވަހަކުންނެވެ. ދަރިންނަށްޓަކާ މައިން އުފުލާ ބުރަޔާ ވާ ގުރުބާނީގެ އަގު ދުވަހަކުވެސް ދަރިންނަކަށް އަދާކޮށެއް ނުދެވޭނެއެވެ. ދަރިފުޅާމެދު މަންމަގެ ހިތުގާ ބުރަކަމެއް ޝަކުވާއެއް ނެތެވެ. މަންމަގެ ބަނޑުގައި ދަރިފުޅު އަށަގެން ދުވަހުން ފެށިގެން ދަރިފުޅުދެކެ ވެވުނު ލޯބި މިއަދުވެސް މަންމަ ދަރިފުޅުދެކެ ވަމެވެ. ދަރިފުޅުގެ އެންމެ ތުއްތު ދުވަހެކޭ އެއްގޮތައް މިއަދުވެސް މަންމަ އަށް ދަރިފުޅު ތަފާތެއް ނެތެވެ. އެދުވަހުވެސް ދަރިފުޅުގެ ކޮންމެ ޝަކުވާއެއް، ކޮންމެ ރުޅި ހަދާލުމެއް އަދި ކޮންމެ ބޮޑާ ހާކާލުމަކުން މަންމަ އަށް ގެނުވީ އުފާވެރި ކަމެވެ. ރުޅި އައުމެއް، ނުރުހުންވުމެއް އެދުވަހަކުވެސް އަދި މިއަދަކުވެސް ނެތެވެ.

މި ސިޓީ ދަރިފުޅަށް ލިބޭއިރު ފަހަރުގައި މަންމަ މިދުނިޔޭގައި ނެތިދާނެއެވެ. ދެރަވަނީ ދަރިފުޅުގެ މޭގާ ބޯ އަޅާލައިގެން އޮވެ ލޯމަރާލުމުގެ ފުރުސަތު ނުލިބިދާނެތީއެވެ. ދެރައީ މަންމަގެ ހަޔާތުގެ ފަހު ދުވަސްކޮޅު މަންމަގެ ޝަކުވާތަކާއި ރުއިންތައް އަޑު އަހަން މަންމަ ދެލޯ ނޭދި އެދުނު ދަރިފުޅު މަންމަގެ ކައިރީގައި ނެތަތީއެވެ. މަންމަގެ ފުށުން ދަރިފުޅު ދެރަވާފަދަ އަދި ރޯންޖެހޭ ފަދަ ކަމެއް ކުރެވިފައިވާނަމަ އަދި އެފަދަ އެއްޗެއް ބުނެވިފައިވާނަމަ މަންމަ ނެތް ދުވަހަކުންވެސް މަންމަ އަށް މާފުކޮށްދޭނެ ކަމަށް އުންމީދުކުރަމެވެ."

ސިޓީ ކިޔާ ނިމުނު އިރު އާތިފް އަށް ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. އޭނާގެ ލޮލުން އޮހެމުންދިޔަ ކަރުނަތަކުން ސިޓީގައި ލިޔެފާހުރި އަކުރުތައް ފޭދި އެއްވަމުން ދިޔައެވެ. ކުޑަކޮށް ކުރިއަށް ޖެހިލުމަށްފަހު މަންމަގެ ނިތްކުރީގައި އާތިފް އަތް ބާއްވާލިއެވެ. އޭރު އޭނާ އަށް ގިސްލެވެއެވެ. އޭރު އާބިދާވެސް އާތިފް އާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އާބިދާ އަށްވެސް ހުރީ ރޮވިފައެވެ.

"ޒުލޭހާ އަބަދުވެސް ކަލޭ ހޯދާ، ކަލޭ ނުގުޅައިގެން އަބަދުވެސް ވަރަށް އުޅޭ، އަބަދުވެސް ކިޔާނެ މަގޭ އާތިފް މިއަދު ގުޅާނޭ، މާދަމާ އަންނާނޭ، އޭނާ އެހެން އުޅުނަސް މަންމަ ދެކެ ވަރަށް ލޯބިވާނެއޭ، އަހަރެން މިތަނަށް ގެނައީވެސް އަހަރެން މަގުމަތީގައި އުޅޭތީ، އަދި ބޭރުގައި ނިދާތީ އޭނާ ދެރަވެގެންނެވެ. މަދު މަދުން ދިމާވިޔަސް ދިމާވާ ފަހަރަކުވިއްޔާ 100 ވަރަކަށް ރުފިޔާ އޭނާ އަހަރެންގެ އަތަށް ލައިދޭނެއެވެ. އެގެއަށް އޭނާ ހޯދަން ދިޔަޔަސް އޭނާ އުޅޭ ފަހަރަކު ވިއްޔާ ކޮންމެވެސް އެއްޗެއް ދިއްކޮއްލާނެއެވެ. މަގޭ އާތިފް މަދެކެ ވަރަށް ލޯބިވާނެ، އެކަމަކު އޭނާ އަށް މަށަށް ކަމެއްކޮށް ނުދެވެނީ އޭނާގެ އަންހެނުންނާ ހެދި އެވެ." އާބިދާ ވާހަކަ ދައްކަމުން ދިޔައީ ރޮމުން ރޮމުންނެވެ. "ކަލޭ ތީ ކޮންކަހަލަ ވިޔާ ނުދާ މީހެއް، މަންމަ އާ ދޭތެރޭ ކަންތައް ތިކުރީ ކޮންފަދަ ނުބައިކޮށް، އެކަމަކު އޭނާ މަރުވަމުންވެސް އެވިސްނީ ކަލެއަށް ދެރަގޮތެއް ވެދާނެތީ، ދެން ރޯނެ ކަމެއް ނެތް، ދެންވެސް ކަށުކަމާކެމީގެ ކަންތައް ރަނގަޅައް ކޮށްދެވޭތޯ ބަލާ" ދެލޯ ފުހެލުމަށްފަހު އާބިދާ ހިނގައިގެންފިއެވެ.

އިސް އުފުލާލުމަށްފަހު އާތިފް ދެލޯ ފޮހެލިއެވެ. ރޮއިރޮއި އޭނާގެ ދެލޯ ހުރީ ރަތް ވެފައެވެ. އޭރު ހަމަ އެއްކޮށް އަނދިރިވެއްޖެއެވެ. މަގުތަކުގައި މިހާރު ހުރީ މަގުގެ ދެފަރާތުން ޖަހާފައި ހުރި ހޮޅި ދަނޑިތަކުގެ އަލިކަމެވެ. ދެން ކޮޅު ކޮޅު މައްޗަށް ދުއްވަމުންދާ އުޅަނދު ފަހަރުގެ ހެޑްލައިޓްތަކުގެ އަލިކަމެވެ.

ފޯނު ރިންގުވާން ފެށުމާއެކު އާތިފް ޖީބުން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. "އެބަ ދަން" ފޯނު ކަނޑާލުމަށްފަހު އާތިފް ތެދުވެއްޖެއެވެ. ދެން މަޑު މަޑުން މަގުގެ އެއްފަރާތުން ހިނގައިގެންފިއެވެ. މިހާރުވެސް އޭނާ ހީވަނީ ފުރާނަ ނެތް މަސްގަނޑެއް ހެންނެވެ.

ގޭގެ ދޮރު ހުޅުވާލުމަށްފަހު އާތިފް ގެއަށް ވަދެއްޖެއެވެ. އޭރު އޭނާގެ އަންހެނުންނާ 10 އަހަރަށްދާ ދަރިފުޅު ގޭގައި އުޅެއެވެ. "މަންމަ ވަޅުލީތަ" ވަރަށް އާދައިގެ ގޮތަކަށް އާތިފްގެ އަންހެނުން އަހާލިއެވެ. ވަކި ޖަވާބެއް ދިނުމުގެ ބަދަލުގައި އާތިފް ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. "ކީއްވެ އެއްޗެކޭ ނުބުނެ ތިދަނީ، ތީކީ މީހުންނަށް ދިމާ ނުވާ ކަމެއް ނޫނޭ" އެހެން ނޫނަސް އާތިފް ތީ މާ މަންމަ ދެކެ ލޯބިންވެސް އުޅުނު މީހެއް ނޫނެއްނު، ދެން މަރުވީމަ ކޮން ދެރައެއް ވާކަށް، އެހެން ނޫނަސް އެމީހާ އަށް އެންމެ ރަނގާޅުވާނީވެސް އެގޮތް، އޭރުން އެހާ ހާލުގަ ނޫޅެ ވާނެ އެންނު." އެއްޗެކޭ ނުބުނެ އާތިފް ހިނގައިގަތުމުން އަނެއްކާވެސް އާތިފްގެ އަންހެނުން ވާހަކަ ދައްކަން ފެށިއެވެ. ދެރަވެފައި ހުރި ކަމުގެ އެއްވެސް އަސަރެއް އޭނަގެ އަޑަކު ނެތެވެ. މާބޮޑު ކަންބޮޑުވުމެއް ފިކުރު ބޮޑުވުމެއްވެސް ނެތެވެ. ފިރިމީހާ އަށް ލިބުނު ހިތާމައިގައި ބައިވެރިވާން ބެނުންވާ ކަމުގެ އެއްވެސް ސިފައެއް އޭނާގެ މޫނު މައްޗަކުން، ވާހަކަ ދެއްކުމަކުން ފާހަގައެއް ނުވެއެވެ. އެ ގޭތެރެއިންވެސް އެކަހަލަ ކަމެއް ފެންނާކަށް ނެތެވެ. އެކަމަކު އޭރު އާތިފްގެ ދަރިފުޅު އާތިފް އާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ.