ވާހަކަ
ސިލްސިލާ ވާހަކަ
13 އޮކްޓޯބަރ 2020 | އަންގާރަ 22:32
2 ވަނަ ބައި

އެއީ ދުވަސްވީ މީހުން ބައިތިއްބާ މަރުކަޒެއްގެ ތެރެއެވެ. އެތަނުގައި އޮތް އަންހެނަކު ވަރަށް ބޮޑަށް ހާލުދެރަވެގެން މީހުންތައް ކޮޅުކޮޅު މައްޗަށް ހަރަކާތްތެރިވަނީއެވެ. އެމީހުން އެއުޅެނީ ކޮންމެވެސް މީހަކު ނައިސްގެންނެވެ. ބަލިވެފައި އޮތް އަންހެން މީހާގެ ނޭވާ ކުރުވަމުން އަވަސްވަމުންދެއެވެ. ހީވަނީ އޭނާ އެލަނީ އޭނާގެ އެންމެ ފަހުގެ ނޭވާތައް ހެންނެވެ. ކާރީގައި އިން މީހަކު އޭނާ އަށް ޝަހާދަތް ލައިދެވޭތޯ މަސައްކަތް ކުރަމުންދެއެވެ. ބައެއް ފަހަރު އުނދަގުލުން އޭނާގެ ލޯ ހުޅުވާލެވެއެވެ. އެކަމަކު އެއަށްވުރެއް އަވަހަށް އެދެލޯ މެރެއެވެ. ހީވަނީ ހުޅުވާލައިގެން އޮތުމުގެ އިޙްތިޔާރު މިހާރު އެލޮލަށްވެސް ނެތީހެންނެވެ. އެކަމަކު އޭނާ އެ ހޯދަނީ ކޮންމެވެސް މިހެއްކަން އިނގެއެވެ.

ހިކިފައިވާ އޭނާގެ ދެތުންފަތް މަޑުމަޑުން ބައެއް ފަހަރު ހަރަކާތް ކުރެވޭތޯ އޭނާ މަސައްކަތް ކުރަމުންދެއެވެ. ހީވަނީ ކޮންމެވެސް އެއްޗެއް ބުނެވޭތޯ އުޅޭހެންނެވެ. އެކަމަކު އޭނާ ބުނަން ބޭނުންވާ އެއްޗެއް ބުނުމަށް އޭނާގެ ދޫ އިންކާރު ކުރަނީއެވެ.

"އަދިވެސް ނާދޭ ދައްތާ، ކުރިން ގުޅުނު، އެބަ ދަމޭ ބުނި، މިހާރު ފޯނު ނިވިފަ އޮތީ "ކައިރީގައި ހުރި މީހަކު އެދައްތަ އަށް ވިސްނަދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެކަމަކު އޭނާ އަށްވެސް ބުނެވުނީ އެހާ ވަރަށެ އެވެ. އެހާ ހިސާބަށް ބުނެވުމާއެކު އެމީހާއަށް ވެސް ރޮއިގަނެވުނީއެވެ. ހީވަނީ އޭނާ އަށްވެސް މާބޮޑަށް އަސަރުކުރީ ހެންނެވެ.

މާ ބޮޑަށް ހާސްވެގެން ކުއްލިއަކަށް އެ އަންހެން މީހާ ތެޅި ފޮޅެން ފަށައިފިއެވެ. ދެން މަޑު މަޑުން އޭނާ ޝަހާދަތް ކިޔަންފަށައިފިއެވެ. ހަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ އަންހެން މީހާގެ ލޯ އަބަދުގެ އަބަދަށް މަރާލައިފިއެވެ.

އާތިފް އަށް އެތަނަށް އާދެވުނުއިރު އޭނާގެ މަންމަ ނިޔާވެއްޖެއެވެ. އޭރު އެތަނުގައި ތިބި އެންމެން ތިބީ ވަރަށް ބޮޑަށް ރޮވިފައެވެ. އާތިފް ފެނުމާއެކު އާތިފް މަންމަ ކާރީގައި ހުރި އަންހެން މީހާ އައިސް އާތިފްއާ ވާހަކަ ދެއްކިއެވެ. "މަންމަ ވަރަށް ހޯދި، ވަރަށް އިންތިޒާރުކުރި، މީ މަންމަ ދިން އެއްޗެއް، މަންމަ ބުނެގެން އަހަރެން ލިޔުނީ" އެމީހާ ވާހަކަ ދެއްކީ ރޮމުން ރޮމުންނެއެވެ. އެއާއެކު އޭނާ އަތުގައި އޮތް ކަރުދާސް ގަނޑެއް އާތިފް އަތަށް ދިއްކޮއްލިއެވެ. އޭގައި ހިފުމަށްފަހު އާތިފް މަރުވެފައި އޮތް އޭނާގެ މަންމަގެ މޫނަށް ބަލާލިއެވެ. ދެން އޭނާގެ އަތުގައި އޮތް ކަރުދާސް ގަނޑު ހުޅުވާލުމަށްފަހު އެއަށް ބަލާލި އެވެ.

"ކޮންމެ ދުވަހަކު ދަރިފުޅު އާދޭތޯ މަންމަ ވަރަށް އިންތިޒާރުކުރަމެވެ. މިތާ އެކަނި އުޅެން ޖެހުމުން އެންމެ ހަނދާންވަނީ ދަރިފުޅު މަތިންނެވެ. މާލެގައި އުޅުނު އިރު ދަރިފުޅު ނުފެނުނަސް މަންމަގެ ރަހުމަތްތެރިންނާއި ބައްދަލުވެ ވާހަކަ ދެއްކޭތީ މަންމައަށް ހިތްހަމަޖެހުން ލިބެއެވެ. އެކަމަކު މިތަނުގައި މަންމަގެ އަމިއްލަ އެކަކުވެސް ނެތެވެ. ދަރިފުޅު މަތިން އެހާ ބޮޑަށް ހަނދާން ވަނީ އެހެންވެގެންނެވެ. މަންމަގެ އިތުރު މީހަކު ދަރިފުޅު ނޫނީ ނެތީމައެވެ. މިތަނުގައި ތިބޭ އެހެން މީހުންގެ ދަރިން އެމީހުންނާއި ބައްދަލުކުރަން އަންނަ ދުވަސް ދުވަހު މަންމަ ވަރަށް ދެރަވެއެވެ. އެމީހުންގެ ދަރިން އެމީހުންނަށް ގުޅައިގެން ވާހަކަ ދައްކާ އަޑު މަންމަ އަށް އިވެއެވެ. ދަރިފުޅު މަންމަ އަށް ގުޅައިތޯ ކޮންމެ ދުވަހަކު މިތާ މީހުން ގާތު މަންމަ އަހަމެވެ. ކޮންމެ ފަހަރަކު އެމީހުން ބުނަނީ ދަރިފުޅު ނުގުޅާ ކަމަށެއެވެ. އަދި މިތާ މީހުން ލައްވާ ދަރިފުޅަށް ގުޅުވަމެވެ. ދަރިފުޅުގެ ސަލާން އެމީހުން މަންމަ އަށް ބުނެދެއެވެ. އެމީހުން ބުނަނީ ދަރިފުޅު ބުރަކަމުން ސަލާމް ބުނެފަ ފޯނު ބާއްވަނީ ކަމަށެވެ. ބައެއްފަހަރު ދަރިފުޅު ފޮނުވާ ކޮންމެވެސް އެއްޗެއް މަންމަ އަށް ލިބެއެވެ. އެކަމާ މަންމަ ވަރަށް އުފާވެއެވެ. ދަރިފުޅާއެވެ. މަންމަ މި އޮންނަ ތަނަކީ ވަރަށް ހޫނު ގަދަ ތަނެކެވެ. ހޫނުވާ ވަރުންނާއި ކަންކަމާއި މާބޮޑަށް ވިސްނޭ ވަރުން ގިނަ ރޭ ރޭ މަންމަ އޮންނަނީ ނުނިދިފައެވެ. ބައެއް ފަހަރު ދެރަ ވެގެން ވަރަށް ރޮމެވެ. ކާން ގެންނަ އެއްޗެހި ނުކެވޭތީ އެތިކޮޅެއް ކާލާފައި ބެހެއްޓިއަސް ދެން ކާން ބަލާލާއިރު ހުންނަނީ ނުބައިވެފައެވެ. މަންމަ ދުނިޔޭގައި ހުއްޓާ ދަރިފުޅު ދެކެން ވަރަށް ބޭނުންވެއެވެ. އާބިދާ ލައްވާ މި ސިޓީ ލިޔުއްވީ ފަހަރުގައި އެފުރުސަތު ނުލިބިދާނެތީ މަންމަ ނެތް ދުވަހަކުންވެސް މިސިޓީ ދަރިފުޅުގެ އަތަށް ލިބުމުން ދަރިފުޅުދެކެ މަންމަ ލޯބިވާވަރު ބުނެދިނުމަށެވެ. މިސިޓީ ކުރުކޮށްލުމުގެ ކުރިން ދަރިފުޅު ގާތު މަންމަ ކަމަކު އެދެން ބޭނުމެވެ.

(ނުނިމޭ)