މާލޭގެ ދެކުނުފަރާތުން ލޮޅުންތަކަކާއެކު އިވެންފެށި އަޑަށް ޙައްލު ހޯއްދަވަން، ޖަމީލު އެއްސެވީ ވެސް އަޑުއަޑު!
އަބްދުﷲ ޖަމީލް
ކ. މާލެ |

މާލޭގެ ދެކުނުފަރާތުން ލޮޅުންތަކެއްގެ އިޙުސާސް ކުރެވެންފަށައި، އެ އަސަރުގެ ސަބަބުން ބައެއް ގޭގޭގެ ފާރުގައި ރެނދުލަނީއެވެ. މި ބުނާ އަޑެއް އެ އިވެނީ، ދެކުނުފަރާތް ހިއްކަމުން ގެންދިއުމުގައި، ބައެއް ބޮޑެތިގައުތައް ޑައިނަމައިޓް އަޅައި ގޮއްވަން ފެށުމުންނެވެ. އިސާހިތަކު، މި ޝަކުވާ ރައްޔިތުން ކުރަންފަށައިފިއެވެ. މައްސަލަ ރައީސް އޮފީހާ ހަމަޔަށް ހިނގައްޖެއެވެ.

ދުވަސްވަރަކީ މާލޭގެ ދެކުނުފަރާތް ހިއްކަމުން ގެންދިޔަ ދުވަސްވަރެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމު އޭރު ފުރުއްވަމުން ގެންދަވަނީ، އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމެވެ. 11 ނޮވެމްބަރު 1978ގައި، މައުމޫން ރައީސް އޮފީހަށް ވަޑައިގެން ޕްރައިވެޓް ސެކްރެޓަރީގެ މަޤާމަށް ގެންނެވީ، އޭގެ ފަހުން މައުމޫންގެ އެގްޒެކެޓިވް ސެކްރެޓަރީގެ މަޤާމު ވެސް ފުރުއްވި، މިއަދު އެބޭފުޅަކާ ވަކިވުމުގެ ހިތާމައިގައި ގައުމު މި އޮތް، މަރުޙޫމް ޢަބްދުﷲ ޖަމީލެވެ.

މާލޭގެ ދެކުނުފަރާތުން އަރާ ލޮޅުންތަކާއި އިވޭ އަޑުތަކުގެ ޝަކުވާ ރައީސް އޮފީހަށް ދިއުމުން، މައްސަލަ ބައްލަވަން އުފެއްދެވި ކޮމިޓީގެ ރިޔާސަތުގައި އެދުވަހު އިންނެވީ، މަރުޙޫމް އަބްދުﷲ ޖަމީލެވެ. އެމަނިކުފާނު ކަންކުރެއްވި ގޮތަކީ، ކަމާ ގުޅުންހުރި ހުރިހާ ޝަކުވާތަކެއް އަޑުއައްސަވަން ފެށްޓެވުމެވެ. އެއީ މައްސަލައިގެ ވަށައިގެންހުރި ހުރިހާ އަޑުތަކެވެ. ކަމާ ގުޅުންހުރި ވާހަކަ ތަކެވެ.

މިދެންނެވި ކޮމިޓީ ޗެއަރކުރެއްވި މަރުޙޫމް ޖަމީލު އެކަން ގެންދެވި ގޮތާމެދު، އޭރު މާލޭގެ ދެކުނު ފަރާތް ހިއްކުމުގެ މަސައްކަތާއި ޙަވާލުވެ ހުންނެވި ޢަބްދުﷲ ކަމާލުއްދީން، ވިދާޅުވީ، ޢަބްދުﷲ ޖަމީލް ފާހަގަ ކުރެއްވުނީ، ވާހަކަދެކެވޭ މައްސަލައިގެ ޙަގީގަތްތައް އޮޅުން ފިލުއްވައިފައި، އޭގެ ހައްލެއް ހޯއްދަވަން މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

އެކަމާބެހޭ ވަރަށް ގިނަ ބައްދަލުވުންތައް ރައީސް އޮފީހުގައި ޖަމީލް އިންނަވައިގެން ކުރިއަށް ގެންދެވި. އެ ބައްދަލްވުންތަކުގައި ހުރިހާ ފަރާތްތަކުން ދައްކާވާހަކަތައް ކެތްތެރިކަމާއެކު އަޑުއެއްސަވައި އެދެވޭޙައްލެއް ހޯއްދެވި. އެއީ ދައުލަތުގެ ޚިދުމަތުގައި ވަރަށް ރީތި ސިފަތަކެއް ދެއްކެވި ބޭފުޅެއް.
ޢަބްދުﷲ ކަމާލުއްދީން

އުމުރުފުޅުން 87 އަހަރުފުޅުގައި، މިއަދު ހެނދުނު، އަޅުގަނޑުމެންނާއި ވަކިވި، މަރުޙޫމް ޢަބްދުﷲ ޖަމީލަކީ، ދައުލަތާ ގައުމަށް 54 އަހަރަށް ވުރެން ގިނަ ދުވަހު، ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. 6 މޭ 1953 ގައި، ވުޒާރަތުލް މުވާސަލާތުގެ އޮބްޒާވަރެއްގެ ވަޒީފާއިން ފެށްޓެވި ސަރުކާރުގެ ޚިދުމަތުގެ ޗޭނަށް، ވަޒީފާގެ އެތައް މަޤާމުތަކެއް ގެތެމުން ގޮސް، ވަޒީރުކަމުގެ ބޮޅުތައް ގެތެމުންދިޔައިރު ވެސް، ޖަމީލްގެ އެޖެންޑާގެ އެއްވަނައިގައި ގެންގުޅުއްވީ،" ގައުމާ ރައްޔިތުންގެ މަސްލަޙަތު" އެވެ.

އެހެން ކަމުން، އެމަނިކުފާނު ވެވަޑައިގަތީ، ދަރަވަންދޫގޭ ޢާއިލާއިން، އެންމެ އިހުއްސުރެން ފެންނަމުން އައިފަދަ، މަޑުމައިތިރި،  ސާދާ މިޒާޖެއްގެވެރި ޙިކްމަތް ތެރިއަކަށެވެ. މިއީ، ރައީސް ނާސިރުގެ އިތުބާރާއި ރައީސް މައުމޫންގެ އިތުބާރު ވެސް، އެމަނިކުފާނަށް ގެރެންޓީވާން، މެދުވެރިވި މައިގަނޑު ސަބަބެވެ. އެއީ، ކެތްތެރިކަން އިސްކުރެއްވުމާއެކު، ތިމާގެ އަމިއްލަ މަސްލަޙަތަށްވުރެން ގައުމު އިސްކޮށްގެން، ގައުމީ ޚިދުމަތުގައި ދެއްކެވި ނަމޫނާއެކެވެ.  

ޖަމީލް ޚިދުމަތް ފެށްޓެވި އޮބްޒާވަރުގެ މަޤާމަށް ދޮޅު އަހަރަށްފަހު، ވުޒާރަތުލް މާލިއްޔާގެ ކާތިބު ކަމަށް ބަދަލުކުރެއްވިއެވެ. އެއަށްފަހު، ވަޒީރުލް ޢައުޒަމް އޮފީހުގެ ސެކެއްޓެރީ ކަމާއި، ހިންގާ ސެކެއްޓެރީކަމާއި، ވުޒާރަތުއް ދާޚިލިއްޔާގެ ސެކެއްޓެރީކަމާއި، ހިންގާ ސެކެއްޓެރީކަމާއި، ކޮޔަރ އެންޑް ކަވަރީޒް އެޑްވައިޒަރީ ބޯޑުގެ ހއ. މެންބަރުކަމާއި، އެ ބޯޑުގެ ތ. އަތޮޅު މެންބަރުކަމާއި، ސިނަމާ ކުންފުނީގެ ވިޔަފާރީގެ މެނޭޖަރުކަމާއި، ގައުމީ ކުންފުނީގެ ވިޔަފާރީގެ މެނޭޖަރުކަމާއި، ގައުމީ ކުންފުނީގެ 1 ނަންބަރު މަސްފިހާރައިގެ މެނޭޖަރުކަން ކުރެއްވިއެވެ.

ރައީސް ނާސިރުގެ ދައުރުގައި، ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވި ޢަބްދުﷲ ޖަމީލަށް، 11 ނޮވެމްބަރު 1968ގައި ނާސިރު ރައީސްކަމާއި ޙަވާލުވެވަޑައިގެން، ފުރަތަމަ ދެއްވީ އެޑިއުކޭޝަންގެ ޚާއްސަ ވަކީލް ކަމެވެ. އެއީ 13 ނޮވެމްބަރު 1968 ގައެވެ.  އެއަށްފަހު، މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަކީލްކަމެވެ. ދެން އޯޑިޓް އޮފީހުގެ ވެރިޔާކަމެވެ. އެއަށްފަހު، ޕަބްލިކް މެއިންޓަނަންސް ޑިވިޜަންގެ (ހ) ގެ ވަކީލް ކަމެވެ. ދެން އެއަށްފަހު، ކޮންޓްރޯލް އޮފް ކޮމިއުނިކަބަލް ޑިޒީޒަސް ޑިވިޜަންގެ ވަކީލު ކަމެވެ. އެއީ އެ ދުވަސްވަރަށް ބަލާއިރު، ރާއްޖޭގައި ގައިންގަޔަށް އަރާބަލިތައް ކޮންޓްރޯލް ނުވެ އޮތް ޒަމާނެކެވެ. އެހެން ކަމުން އެފަދަ ތަނެއްގައި ހުންނަވަން އެންމެ އެކަށޭނަ ހިނގުންތެރިޔަކަށް ވެވަޑައިގަތީ، ގައުމުގެ މަސްލަޙަތުގެ ނަމޫނާގެ ވެރިޔާއެވެ. އަބްދުﷲ ޖަމީލެވެ. ދެން، އެއަށްފަހު، ޖަމީލަށް ލިބިވަޑައިގަތީ ޝިޕިން ޑިޕާޓްމަންޓުގެ ވަކީލް ކަމެވެ. އޭރު ނާސިރު ފެށްޓެވި ޒަޢާމަތުގައި އެ ހިނގަނީ، 1972ން 1975ގެ އަހަރުތަކެވެ.

ނާސިރުގެ ދައުރުނިމި، 11 ނޮވެމްބަރު 1978 ރައީސް މައުމޫން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވާ ކުރައްވައި އޮފީހަށް ނިކުމެވަޑައިގަތް އިރު، ޢަބްދުﷲ ޖަމީލަކީ ރައިސް މައުމޫންގެ ޕްރައިވެޓް ސެކްރެޓެރީއެވެ. 16 ޑިސެމްބަރ 1978 ގައި ޖަމީލަކީ ރައީސްގެ ގެ އެގްޒެކެޓިވް ސެކްރެޓަރީއެވެ.

މައުމޫން ރިޔާސީ ދެވަނަ ދައުރެއް ފެށްޓެވީ 11 ނޮވެމްބަރު 1982ގައެވެ. އެ ދައުރު ފެށޭއިރު މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޕްރެޒިޑެންޝަލް އެފެއާޒަކީ ޢަބްދުﷲ ޖަމީލެވެ. 11 ނޮވެމްބަރު 1983 ގައި މިނިސްޓަރ އޮފް ހެލްތު ކަމަށް ޢަބްދުﷲ ޖަމީލް އައްޔަން ކުރެއްވިއެވެ. ޖަމީލަކީ، މައުމޫންގެ ރިޔާސީ 3 ވަނަ ދައުރުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރެވެ. އެއަށްފަހު، މައުމޫންގެ ކެބިނެޓުގެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނެވެ. ދެން އެއަށްފަހު، މައުމޫންގެ ކެބިނެޓުގައި މިނިސްޓަރ އޮފް ޓޫރިޒަމެވެ. އެއަށްފަހު މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ހައުސިން އެވެ. އެމަނިކުފާނު މައުމޫންގެ ކެބިނެޓުގެ އެންމެ ފަހުގެ ޚިދުމަތް ގުޅިފައިވާ ތާރީޚަކީ، 11،11،1998 އެވެ.

މަރުޙޫމް އަބްދުﷲ ޖަމީލްވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުކަމާއި، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަޤާމުވެސް ފުރުއްވައިފައެވެ. އަދި ޒުވާނުންގެ މަރުކަޒުގެ ރައީސްގެ މަޤާމު ވެސް ފުރުއްވައިފައެވެ.

އެމަނިކުފާނަކީ، ރާއްޖޭގެ ޕާލަމެންޓަރީ ޚިދުމަތުގެ ބާބުގައި މުހިންމު ތަނބެކެވެ. ތ. އަތޮޅުގެ މެންބަރުކަން 30 އަހަރަށްވުރެން ދިގު މުއްދަތެއްގައި ކުރެއްވިއެވެ. އައު ގާނޫނު އަސާސީ އިސްލާޙު ކުރުމަށް އެކުލަވާލި ޚާއްސަމަޖިލީހުގެ ކުރިން، އޮތް ޚާއްސަ މަޖިލީހުގެ ތ. އަތޮޅުގެ މެންބަރުކަން، އެމަނިކުފާނު 14 އަހަރު ކުރެއްވިއެވެ.

ހޯމަ ދުވަހުގެ 1:00ން ފެށިގެން ކުރިއަށް އޮތް 3 ދުވަހު، ދިވެހި ދިދަ ބައިދަނޑީގައި ވިހުރެން އެ ފަށަނީ، ބައިޤަރުނަށް ވުރެން ދިގުލައިދިޔަ، ގައުމީ ޚިދުމަތްތެރިޔާ ގައުމާ ވަކިވުމުގެ ހިތާމައިގައެވެ. އެއީ ފެއްސާއި ،ރަތާއި، ހުދުގެ މާނައަކީ، އެ ބޭފުޅެއްގެ ގައުމީ ޚިދުމަތުގެ ވެސް މާނަ ކަމަށް ހެއްދެވި މަރުޙޫމެވެ. އެމަނިކުފާނަކީ، ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރައްވައިގެން، ގައުމަށް 54 އަހަރަށް ވުރެން، ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ޚިދުމަތްތެރިޔާއެވެ.

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޖަމީލުގެ ސާދާ މިޒާޖުގެ މޫނުފުޅު، ދޮނަމަތިން، ނިވާގެން ދިޔައެއް ކަމަކު، އެމަނިކުފާނު ގައުމަށް ދޫކުރެއްވި މެސެޖުގެ މޫނު މައްޗަކު، ދޮނަމައްޗެއް ނޭޅެއެވެ. އެ މެސެޖަކީ، ކޮންމެ ފަރުދަކުމެ، ގައުމީ ޚިދުމަތުގައި އިސްކުރަންވީ "ގައުމާއި ރައްޔިތުންގެ މަސްލަހަތު" ކަމުގެ ސާދާ މެސެޖެވެ. އެ ރީތި މިސާލެވެ. މި ރީތި މިސާލުގެ މެސެޖާއެކު، މޮޅިވެރިކަމުގައި ހުރެ، ދިދަ ބައިދަނޑީގައި ވިހުރޭށިއެވެ. މަރުޙޫމް ޖަމީލުގެ ފުރާނަފުޅު ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ.