ކިމްގެ ހިތް ގަލޮޅު ދަނޑަށް ދޫވެ، ހަނީމޫން މަންޒިލަކީ ވެސް ރާއްޖެ
ކިމްނޯ ވޮޓް ޔެންސަން
ކ. މާލެ |

1995 ވަނަ އަހަރަކީ ރާއްޖޭގެ ފުޓްބޯޅައިގެ ބޮޑު އަހަރަކަށްވި އެވެ. ވެލެންސިއާ ގައުމީ ތަށި މިލްކުކުރަން ނުކުންނާތީވެ އެބަޔަކަށްވީ ގޮތަށް ޓީމުތައް ވަރުގަދަކުރި އެވެ. ދިވެހި މޮޅު ކުޅުންތެރިނާއެކު އެހެން ޓީމުތަކުން ޖެހިލުންވާވަރުގެ ޓީމަކަށް އެ އަހަރުގެ ފުރަތަމަކޮޅު ލެގޫންސްގެ ވެގެންދިޔައީ ޑެންމާކުން ގެނައި މާމޮޅު ފޯވަޑަކާ ހެދި އެވެ. އެއީ އެއިރު އުމުރުން 22 އަހަރުގެ ކިމް ނޯހޮލްޓް ޔެންސަން އެވެ.

ލެގޫންސަކީ މަޝްހޫރު ޗަމްޕާ އާއިލާއާ ގުޅުން އޮތް ކުލަބެކެވެ. އެއާއިލާގެ މެމްބަރުންގެ ތެރެއިން ލެގޫންސް ހިންގުމުގައި އެންމެ އިސްކޮށް އުޅުނު އެއް ބޭފުޅަކީ ޑެންމާކް މީހަކާ ކައިވެނި ބައްލަވައިގެން އުޅުއްވި ނިޔާޒެވެ. ލެގޫންސް ވަރުގަދަ ކުރުމަށް އޭނާ އަށް ކިމް ލިބުނީ ޑެންމާކުގެ ދެ ވަނަ ޑވިޝަނުގެ ކުލަބަކުން ކުޅުންތެރިން ހޯދަން އުޅުމުގެ ތެރޭގަ އެވެ.

އެއިރު ރާއްޖެ އަކީ ޑެންމާކް މީހުންގެ ތެރޭގައި މަޝްހޫރު ޓުވަރިސްޓް މަންޒިލެއް. އެންމެންވެސް ޗުއްޓީ ހޭދަކުރަން މިތަނަށް އަންނަން ބޭނުންވޭ. އެކަމަކު އެ ފުރުސަތު ލިބެނީ މަދު މީހަކަށް. އަހަރެންގެ ކުލަބުން ރާއްޖޭގައި ކުޅެން ޝައުގުވެރިވޭތޯ އެހުމުން އަހަރެން އެކަމަށް އާއެނކޭ ބުނީ ރާއްޖެ ދެކިލުމުގެ ޝައުގުއޮތްލެއް ބޮޑުކަމުން
ކިމް ބުންޏެވެ.
ކިމް ލެގޫންސްގެ ބެންޗުގައި އިނދެ އޭނާ އަށް ލިބުނު މޭން އޮފްދަ މެޗު ޓްރޮފީ ދައްކާލަނީ - އަބްދުﷲ އަޒުމީން

ފުރަތަމަ މެޗުގައި ވެސް ގަލޮޅު ދަނޑުގައި ކިމް ވިދާލި އެވެ. އޭނާގެ ސްޕީޑް ބާރެވެ. ކޮއްޓުން މޮޅެވެ. ބާރަށް ބޯޅައިގައި ޖެހުމާއި ޕާސްތައް ބަރާބަރުވެފައި، ޓީމުލައްވައި ކުޅުވައިދެ އެވެ. ގައުމީ މުބާރާތުގެ ފުރަތަމަ މެޗުގައި ބޯ ވިއްސާރައިގެ ތެރޭގައި ވެލެންސިއާ ކޮޅަށް އޭނާ ހެޓްރިކް ހެދީ އެއިރުގެ އެންމެ މޮޅު ޑިފެންޑަރުން ކައިރީގައި "ބޭނުން އެއްޗެއް،" ހަދައިފަ އެވެ. ކިމްގެ ބުނާ ގޮތުން އޭނާގެ އެންމެ ހާއްސަ އެއް މެޗަކީ ވެސް ވެލެންސިއާކޮޅަށް ހެޓްރިކް ހެދި މެޗެވެ.

ނޯޓް: އޭނާގެ ގޯލްތައް މިލިންކުން ފެންނާނެ އެވެ.https://www.youtube.com/watch?v=LIW2Fzh_vj4

ގޯލް ޖަހަން އަހަރެން ލޯބިކުރަން. އަދި އެހެން މީހުން ލައްވައި ގޯލު ޖަހަން ވެސް އަހަރެން ބޭނުންވޭ. އަހަރެންގެ އެންމެ ހާއްސަ ގޯލަކީ ފުރަތަމަ މެޗުގައި ޖެހި ގޯލުތައް. ހާއްސަކޮށް ފުރަތަމަ ލަނޑު. ދަނޑު އޮތީ ފުލްކޮށް. ގާތްގަނޑަކަށް 10000 ނުވަތަ އެއްވުރެ ގިނަ މީހުން ކުޅިބަލަން ތިބޭނެ. އަހަރެންގެ ފުރަތަމަ ގޯލަކީ ވަރަށް ދުރުން (ޕެނަލްޓީ އޭރިޔާގެ ބޭރުން) ގޯލުގެ މަތީ ކަނަށް ޖެހި ގޯލެއް. އެ ގޯލަކީ ލެގޫންސަށް ވަރަށް މުހިންމު ގޯލަކަށްވި. އެއީ ޑެންމާކުގެ ތަރި ގަލޮޅު ދަނޑަށް އެރި މެޗު. އެ ގޯލުގެ ސަބަބުން ކުޅުންތެރިންނާއި މެނޭޖްމަންޓްގެ އިތުބާރު އަހަންނަށް ލިބުނު
ކިމް ބުންޏެވެ.
ކިމް (މ) ލެގޫންސް ޓީމާއެކު ގަލޮޅު ދަނޑުގައި - އަބްދުﷲ އަޒުމީން

މަޑު ފަސްގަނޑުގައި ޕްރެކްޓިސް ކުރަން ޖެހުމާއި ވަސީލަތްތައް ނެތުމާއި ރާއްޖެ ހޫނުވުމުން ކިމް ބުނީ އޭނާއަށް ދިވެހިންގެ ތެރޭގައި އުޅެން ފުރަތަމަ ވަރަށް ދަތިވި ކަމަށެވެ.

ގަލޮޅު ދަނޑުގައި ވިނަ ހުރުމުން އެތަނުގައި ކުޅޭކަށް މައްސަލައެއް ދިމާނުވޭ. އެކަމަކު ދިވެހި ކުޅުންތެރިން އެއިރު ވެސް ވަރަށް ހަލުވި. އެކަމަކު އަހަންނާއި އަހެރެންނާއެކު އައި އަނެއް ކުޅުންތެރިޔާ އަށް ރާއްޖޭގައި ކުޅެވުނީ އުނދަގޫ ކަންތައްތަކެއްގެ ތެރެއިން ރަނގަޅު އަހުލާގަކާއެކު މަސައްކަތް ކުރުމުން. އަހަރެން އުފާކުރަން ލެގޫންސް ކަހަލަ އާކުލަބަކަށް އަދި ކުޑަކުޑަ ޓީމަކަށް އެ އަހަރު އެހެން ޓީމުތަކާ ވާދަކޮށް، ރަނގަޅު ނަތީޖާތަކެއް ނެރެވުނީތީވެ
ކިމް ބުންޏެވެ.
(ކ-ވ) މާއްޓޭ، ސުޒޭން، ކިމް އަދި އައްފާލް: 2005 ވަނަ އަހަރު ފޮޓޯއަކަށް ހުއްޓިގެން - އަބްދުﷲ އަޒުމީން

އޭނާ ބުނީ ދިވެހި ޓީމުތަކުގެ ތެރެއިން އެންމެ އުނދަގުލީ ނިއުރޭޑިއަންޓާއި ވިކްޓަރީއާ ދެކޮޅަށް ކުޅެން ކަމަށެވެ. ލެގޫންސްގައި ކިމްގެ އެންމެ ގާތް މީހުންނަށްވީ ކީޕަރު މައުރޫފް އަހުމަދު (މާއްޓޭ) އާއި ދޮންބިލެތް އަހުމަދު ހަލީމާއި އަލީ ސުޒޭނެވެ. މިއީ މުޅިން ވެސް ވިކްޓަރީގެ ތަރިންނެވެ. ކިމް 2005 ވަނަ އަހަރު ވިކްޓަރީ އަށް އައުމުގެ ފަހަތުގައި ވެސް އޮތީ މި ގުޅުމެވެ.

މާއްޓޭއާ އަހަންނާ އަބަދުވެސް ގުޅުން އޮވޭ. މާއްޓޭއާއެކު ވިކްޓަރީ އަށް ކުޅެން އަބަދުވެސް ބުނަމުންދިޔައިން. އެކަމަކު ވިކްޓަރީ އަށް ކުޅެން އަންނަން އޮއްވާ 2005ވަނަ އަހަރު އައިސްލޭންޑްގައި ކުޅެނިކޮށް އަހަރެންނަށް އަނިޔާވީ. އެކަމާ ވަރަށް ރޮވުނު. މި އަނިޔާގެ ސަބަބުން އަހަރެން މާލެ އައީ އަހަރެންގެ ބަދަލުގައި ވިކްޓަރީއަށް ކުޅެދޭނެ ޑެންމާކުގެ މޮޅު ދެ ކުޅުންތެރިން ގޮވައިގެން. އަހަރެން މަސައްކަތް ކުރަން ނިންމީ މާއްޓޭގެ ދަށުން އެސިސްޓެންޓް ކޯޗަކަށް. އެ އަހަރު ގައުމީ ތަށި އަހަރުމެންނަށް ލިބުމުން ވަރަށް އުފާވި
ކިމް ބުންޏެވެ.
ކިމް 2005 ވަނަ އަހަރު ވިކްޓަރީ ޓީމާއެކު - އަބްދުﷲ އަޒުމީން

އެއް ކުލަބަކަށް ކުޅެފައިހުރި ބިދޭސީ މޮޅު ވާދަވެރި ކުލަބަކަށް ގެނައުމަކީ ރާއްޖޭގައި ވަރަށް މަދުން ކުރާ ކަމެކެވެ. ނަމަވެސް މާއްޓޭގެ ބަހުންނަނަމަ ވިކްޓަރީ އަށް ކިމް ގެނައުމަށް ތަކުރާރުކޮށް މަސައްކަތް ކުރީ  "އެއީ ރާއްޖެ އައި އެންމެ ތަފާތު އެއް ކުޅުންތެރިޔާ،" ކަމަށްވުމުންނެވެ.

އޭނާ ކުޅެން އައިއިރު އެއީ އަހަރުމެންގެ ފެންވަރަށްވުރެ މާމޮޅު ކުޅުންތެރިއެއް. ވަރަށް ޓީމް ޕްލޭޔަރެއް. ވަރަށް ޕްރޮފެޝަލް އެއިރު ވެސް އެހެން ކުޅުންތެރިންނަށް އެހީވެ ހަދާނެ. ކޯޗިން ޓީމާއި މެނޭޖްމަންޓަށް ވެސް އެހާމެ އެހީތެރިވާނެ. އޭނާ އަކީ ރާއްޖޭގައި ކުޅުނު އެންމެ ޓެކްނިކްމޮޅު އެކަކު. ވިކްޓަރީ އަށް އޭނާ ގެންނަން އަހަރެން ބޭނުންވީ ވެސް މިހެންވެ
މާއްޓޭ ބުންޏެވެ.
ކިމް 2005 ވަނަ އަހަރު ދޯންޏެއްގެ ތެރޭގައި: ރާއްޖެ އަންނަން ބޭނުން - އަބްދުﷲ އަޒުމީން

ކިމް އެންމެ ފަހުން ރާއްޖެ އައީ 2018 ވަނަ އަހަރު އެވެ. އޭނާގެ ފަހުން މީހަކާ އިނދެ އޭނާ އަށް ދެކުދިން ވެސް ލިބިއްޖެ އެވެ. މިހެންވެ ކިމް ބުނީ ހަނީމޫނަށް ރާއްޖެ އަންނަން ބޭނުންވެފައި ހުރި ކަމަށެވެ.

ވަރަށް ބޭނުން އަންނަން. އެފުރުސަތު ފަހިނުވެގެން މި ހުންނަނީ. އަހަރެންގެ ރަހުމަތްތެރިންނާއި ބައްދަލުކޮށް ހަދަން ބޭނުން. ރާއްޖެ އަކީ އަހަރެން ވަރަށް ލޯބިކުރާތަނެއް. ދިވެހި ފުޓްބޯޅަ މިހާރު ވަރަށް ކުރިއަރައިފި. ވަސީލަތްތައް ބައިވަރު. މިކަންކަން އަހަރެންގެ ލޮލުން ދެކިލަން މިހުރީ ކެތްމަދުވެފައި
ޑެންމާކުގައި ފުޓްބޯޅަ ސްކޫލެއް ހިންގަމުން އަންނަ ކިމް ބުންޏެވެ.