ވަރަށް ގިނައިން އަޑުއިވޭ ވާހަކައެކެވެ. ކޮންމެ މީހަކަށްވެސް ކުރިއަށްދެވޭނީ އެމީހަކު ޝައުޤުވެރިވާ ދާއިރާއަކުންނެވެ. އެކަމަކު މި ވާހަކަތަކަކީ މުޅިން ދޮގެއްކަން ސުލަފް މޫސާ ލަތީފް މިވަނީ ސާބިތުކޮށްދީފައެވެ. މިހާރު ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގައި ކިޔަވަމުން އަންނަ ސުލަފްއަށް އޯލެވެލްގައި ޓްރެވެލް އެންޑް ޓޫރިޒަމް އިން މުޅި ދުނިޔެއިން އެއްވަނަ ވަނީ ލިބިފައެވެ. މުޅި ދުނިޔެއިން އެއްވަނަ ލިބުނު ނަމަވެސް ސުލަފް ޝައުޤުވެރިކަން ހުރީ މިދާއިރާއަކަށް ނޫނެވެ.
ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ސުލަފް ބުނީ އޭނާ އެންމެ ފުރަތަމަ މެރިން ސައިންސް މާއްދާ އިހްތިޔާރު ކުރިނަމަވެސް އެ މާއްދާ އުނދަގޫވުމުން ޓީޓީއަށް ބަދަލުކުރި ކަމަށެވެ. ޓީޓީ ކިޔަވަމުންދިޔައިރު އެއީ ފޮތުން އެކަނި ކިޔަވާ މާއްދާއެއް ނޫންކަން އިހްސާސްވި ކަމަށާއި ރާއްޖޭގައި އުޅޭއިރުވެސް އެ މައުލޫމާތު ލިބޭނެ ކަމަށް ސުލަފް ބުންޏެވެ. އަދި ފޮތުގައި އޮންނަ އެއްޗަކަށްވުރެން ބޮޑަށް އަމިއްލަ އިބާރާތް ބޭނުންކޮށްގެން ޖަވާބުތައް ދިނުމުން ފަސޭހަވާނެ ކަމަށް އޭނާ ބުންޏެވެ.
ގްރޭޑް 9ން ފެށިގެން އޯލެވަލްއަށް ތައްޔާރުވަމުންދިޔަކަން ފާހަގަކޮށް ސުލަފް ބުނީ ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ވަރަކަށް ކިޔެވުމުން ނަތީޖާ ފެންނާނެ ކަމަށެވެ. އެގޮތުން ޓީޗަރުން ދޭ ނޯޓްސްތައް ކިޔުމަށްފަހު ޕާސްޓް ޕޭޕަރ ހަދާ ކަމަށް ވެސް ބުންޏެވެ. އަދި އެއްވެސް ސުވާލެއް އޮތްނަމަ ވައިބަރ އިން ޓީޗަރުންނަށް މެސެޖްކޮށްގެން އޮޅުން ފިލުވާ ކަމަށް ސުލަފް ބުންޏެވެ.
ސްކޫލުގައި އުޅުނުއިރު ވަރަށް ގިނަ އިތުރު ހަރަކާތްތަކުގައި ބައިވެރިވެ، ސުލަފް ވަނީ 2019 ވަނަ އަހަރު ވާރލްޑް ސްކޮލަރސް ކަޕުން އެއްވަނަ އަށް ވެސް ގޮސްފައެވެ.
ސުލަފް ބުނީ އެންމެ ފުރަތަމަ ޓީޓީން ދުނިޔެއިން އެއްވަނައަށް ދިޔަކަން އެނގުނީ ބައްޕަ ގުޅުމަށްފަހު ބުނުމުން ކަމަށެވެ. އެންމެ ފުރަތަމަ އެވާހަކަ ޤަބޫލުކުރަން ދަތިވި ކަމަށާއި ސަބަބަކީ އެއީ އޭނާގެ އެންމެ ވަރުގަދަ މާއްދާއަށް ޓީޓީ ނުވާތީ ކަމަށް ސުލަފް ބުންޏެވެ.
އަޅުގަނޑަށް އެނގުނީ ބައްޕަ ފުރަތަމަ ގުޅީ، ބައްޕަ ފުރަތަމަ ގުޅާފައި ބުނީ ޓީޓީ އިން ދުނިޔެއިން އެއްވަނައަށް ދިޔައޭ، އަޅުގަނޑު ޤަބޫލެއް ނުކުރަން. ޓީޓީ އަކީ އަޅުގަނޑުގެ އެންމެ ވަރުގަދަ ސަބްޖެކްޓެއް ނޫން. އަންމި މިސް ވެސް މެސެޖް ކުރި، އަސްލު ވަރަށް ސަޕްރައިޒްވި އެކަމަކު އުފާ ވެސް ވިސުލަފް މޫސާ ލަތީފް
ޓީޓީ އަކީ ޖަވާބުތައް ވަރަށް ބޮޑަށް ލިޔަން ޖެހޭ މާއްދާއަކަށްވުމުން ޓެސްޓް ހެދި ދުވަހު ވަރަށް ބިރުން ހުރި ކަމަށާއި ޓެސްޓް ނިންމާފަވެސް އެހާ ޔަޤީންކަމެއް ނެތް ކަމަށް އޭނާ ބުންޏެވެ.
އިކޮނަމިކްސް އާއި ފިޒިކްސް މާއްދާއިން މަތިން މާކްސް ހޯދުމަށް ވަރަށް މަސައްކަތްކުރި ކަމަށާއި ކަން ދިމާކުރި ގޮތުން އެންމެ ބޭނުންވި ވަރަށް މާކްސް ނުލިބުނު ކަމަށް ވެސް ސަލަފް ބުންޏެވެ. ނަމަވެސް އޭ ލެވެލްގައި ފިޒިކްސް މާއްދާ އިން ވަރަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރިއެވެ.
ޓީޓީން ދުނިޔެއިން އެއްވަނައަށް ދިޔަ ނަމަވެސް ސުލަފް ކުރިއަށްދާން ބޭނުންވަނީ އިންޖީނިއަރިންގ ދާއިރާއިންނެވެ. ސުލަފް އިންޖީނިއަރިންގް ދާއިރާ އިން ކުރިއަށްދާން ބޭނުންވަނީ ކުޑައިރުއްސުރެން ވަރަށް ޝައުޤުވެރިކަން ހުންނަ ދާއިރާއަކަށްވެފައި އެއީ މުސާރަ ވެސް ރަނގަޅު ދާއިރާއަކަށްވުމުންނެވެ.
ޕްލޭން އަކީ އޭލެވެލް ނިންމާފައި އިންޖީނިއަރިންގް ރޮނގުން ކުރިއަށްދާން. އަޅުގަނޑު ކުޑައިރުއްސުރެން ވަރަށް އިންޓްރަސްޓް ހުންނަ ކަމެއް އެއީ ފިޒިކްސް، އިންޖީނިއަރިންގް އަކީ ފިޒިކްސްގެ ނޮލެޖް ބޭނުންކޮށްގެން ވަރަށް މުސާރަ ވެސް ބޮޑު ވަޒީފާއެއްސުލަފް މޫސާ ލަތީފް
ސުލަފް ހޯދި މި ކާމިޔާބީއާމެދު މައިންބަފައިން ފަހުރުވެރިވާއިރު އަދި ކުރިއަތް އޮތްތާނގައި ވެސް މިއަށްވުރެން ރަނގަޅު ކާމިޔާބީތައް ހޯދޭނެ ކަމަށް ބުނެ އޭނާގެ މައިންބަފައިން ވަނީ ހިތްވަރުދީފައެވެ.