ސެންޓު އާދަމް މަނިކު
އިންޖިނޭރިންގެ ދެވަނައެއް ނުވާ ޚިދުމަތްތެރިޔާ
ކ. މާލެ |

ރާއްޖޭގެ އެންމެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ސެންޓު އާދަމް މަނިކު ވަނީ ހުސްވި ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އަވަހާރަވެފައެވެ. އާދަމް މަނިކުގެ ވަކިވުމަކީ މުޅި ދިވެހި ގައުމަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެކެވެ. ވަކިވެގެން އެދިޔައީ ހުރިހާ ރޮނގަކަށް ބެލިނަމަވެސް ނަމޫނާ ޚިދުމަތްތެރިއެކެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 73 އަހަރެވެ. އަވަހާރަވީ ކޮވިޑުގެ އާލާސްކަންފުޅެއްގައި ހުޅުމާލޭ މެޑިކަލް ފެޝިލިޓީގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ.

މާލެއަށް އުފަން އާދަމް މަނިކުގެ ބައްޕަޔަކީ ޖާދޫ އިބްރާހިމް މަނިކެވެ. މަންމަޔަކީ އަރިއަތޮޅު ތޮއްޑޫ ޚަދީޖާ އިބްރާހީމެވެ. ސެންޓު އާދަމް މަނިކުގެ ޚިދުމަތް ގިނަ ދިވެހިން އެންމެ ބޮޑަށް ފާހަގަ ކުރަނީ އިންޖިނޭރިންގެ ދާއިރާގައެވެ. ސިންގަޕޫރަށް ވަޑައިގެން އެތާގައި އިންޖިނޭރިންގެ ދާއިރާއިން އިލްމާއި ތަމްރީނު ހޯއްދަވަން ފެއްޓެވީ އުމުރުން އެންމެ 19 އަހަރުގައެވެ. އާދަމް މަނިކު ހިމެނިވަޑައިގެންނެވީ ދިވެހީންގެ ތެރެއިން މި ދާއިރާގައި އެންމެ ފުރަތަމަ ތަމްރީނުވެ ވަޑައިގެންނެވި މަދު އިންޖިނޭރުންގެ ތެރޭގައެވެ. އެނބުރި ރާއްޖެއަށް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވީ ޔުނިވަރސަލް އެންޓަރޕްރައިޒަސްއާއެވެ. އެތަނުގެ އެންމެ އިސް އިންޖިނޭރުގެ ގޮތުގައެވެ. ބޯޓު ބިލްޑިންގެ ދާއިރާއަށް އާދަމް މަނިކުގެ ޝައުގުވެރިކަން ބޮޑުވެ އެދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ ތަންކޮޅެއް ފަހުންނެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޓަގް ބޯޓެއް ތަައްޔާރު ކުރެއްވީ އާދަމް މަނިކެވެ. މިކަން ފާހަގަކޮށް އުފެއްދުންތެރި މަސައްކަތްތެރިކަމުގެ ދާއިރާއިން 1994 ވަނަ އަހަރު ސަރުކާރުން ވަނީ އާދަމް މަނިކަށް އާއްމު ޚިދުމަތުގެ ގައުމީ އިނާމު އަރުވައިފައެވެ.

އާދަމް މަނިކުގެ ވިޔަފާރި އިތުރަށް ފުޅާވެ އައު އުސްމިނަކަށް އުފުލިގެން ދިޔައީ ދެހާހުގެ އަހަރުތަކުގައި ރަށްރަށަށް ފެން ފޯރުކޮށްދިނުމުގެ ޚިދުމަތް ފެއްޓެވުމާއެކުގައެވެ. އެންމެ ފުރަތަމަ ބެންނެވީ ދޯންޏެވެ. އެއަށްފަހު އެދޯނިތަކުގައި ރަށްރަށަށް ފެން ސަޕްލައި ކުރެއްވީއެވެ. ފުރަތަމަ މިކަމަށް ބޭނުން ކުރެއްވީ ހަތަރު ދޯންޏެވެ. ދާދިއަވަހަށް މި ފްލީޓް 7 އުޅަނދަށް އިތުރުވެގެން ދިޔައެވެ. މި މަސައްކަތާއެކު އަދި އިތުރު އެހެން މަސައްކަތެއްވެސް އާދަމް މަނިކު ކުރިއަށް ގެންދެވިއެވެ. އެއީ ރާއްޖޭގެ ކަންކޮޅުތަކުގައި އޮޑިދޯނިފަހަރު އެހެލައި ބާލައި އެއަށް ޚިދުމަތް ދިނުމަށް ސްލިޕްވޭތައް ތައްޔާރު ކުރުމުގެ މަސައްކަތެވެ. އެކަމުގައިވެސް ރާއްޖޭގައި އެންމެ މަގްބޫލު އެއް އިންޖިނޭރަކީ ސެންޓު އާދަމް މަނިކެވެ.

ކޮންމެ އަހަރެއްގެ އިރުވައި މޫސުމުގައި ވާރޭވެހުން މަދުވެ ރާއްޖޭގެ ބައެއް ރަށްރަށަށް ބޯފެނުގެ މައްސަލަ ކުރިމަތިވީމާ އެރަށްރަށަށް ފެން ފޯރުކޮށްދިނުމުގައި ވެސް އެންމެ ގިނަބަޔަކު ބަރޯސާކުރަމުންދިޔަ ޚިދުމަތަކީ އާދަމް މަނިކުގެ ޚިދުމަތެވެ. ފެން އުފުލަން ބޭނުންވާ އުޅަނދުތަކަށް ފަސޭހައިން ފެން އެރުވޭނޭ ގޮތަށް މާލެއާއި ހުޅުމާލޭގައި ފެންޖެޓީވެސް އެންމެ ފުރަތަމަ ގާއިމު ކުރެއްވީ އާދަމް މަނިކެވެ. ސުނާމީ ކާރިސާގައި ދިވެހިރާއްޖޭގެ އެތައް ރަށެއްގެ އެތައް ބަޔަކު 2004 ވަނަ އަހަރު ފެނަށް ޖެހިފައިވަނިކޮށް މުޅިން ހިލޭ އެރަށްރަށަށް އާދަމް މަނިކު ފެން ފޯރުކޮށްދެއްވިއެވެ. ހަމައެހެންމެ މާލެއަށް 2015 ވަނަ އަހަރު ކުރިމަތިވި ފެނުގެ ކާރިސާގައި މާލޭ ސަރަހައްދުގެ ރައްޔިތުންވެސް ފެނަށްޖެހިފައި ވަނިކޮށް ހަމަ މިޚިދުމަތް މުޅިން ހިލޭ ސާބަހަށް އާދަމް މަނިކު ފޯރުކޮށްދެއްވިއެވެ.

އާދަމް މަނިކުގެ ގައުމީ ޚިދުމަތުގައި އަދިވެސް ފާހަގަކޮށްލެވޭ ކިތަންމެ ކިތަންމެ ދާއިރާއެއް އެބަހުއްޓެވެ. ދިވެހިރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ފުޅާކުރުމުގައި އޭނާގެ އެހީތެރިކަން ވަރަށް ބޮޑަށް ވަނީ ލިބިފައެވެ. މާލެއަތޮޅު ތުލުސްދޫގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް އެކި ކަންކަން ތަރުތީބު ކުރުމުގައި އާދަމް މަނިކުގެ ފަރާތުން ލިބިފައިވާ އެހީތެރިކަން ފާހަގަކޮށް ޚާއްސަ ހަނދާނީ ލިޔުމެއް އަރުވާފައިވެއެވެ. އަދި ދިވެހި ސިފައިންގެ ޚިދުމަތަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުން ފާހަގަކޮށް ޚާއްސަ ހަނދާނީ ފިލައެއްވެސް ވަނީ އަރުވާފައެވެ. ޓެކްސް ދެއްކުމުގައި އާދަމް މަނިކުގެ ކުންފުނީގެ ޕާރފޯމަންސަށް ބަލައި މީރާގެ ފަރާތުން އެކުންފުންޏަށް 2015 ވަނަ އަހަރު ރަންލާރި އެވޯޑުވެސް ވަނީ ދީފައެވެ.

ކޮވިޑުގެ އާލަމީ ވަބާގެ ބޮޑު ރާޅު ދުނިޔެއަށް ބިންދާލި އަހަރު ކަމަށްވާ 2020 ވަނަ އަހަރަކީ ސެންޓު އާދަމް މަނިކުގެ ގައުމީ ޚިދުމަތަށް 53 އަހަރު ފުރުނު އަހަރެވެ. ކޮވިޑާއި ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވި ހީނަރުކަން އާދަމް މަނިކުގެ ވިޔަފާރިއަށްވެސް ކުރިމަތިވިއެވެ. އެހެންނަމަވެސް މުވައްޒަފުންގެ މުސާރައިން ބައެއް އުންޏެއް ނުކުރެއެވެ. މުސާރަދިނުން ލަހެއްވެސް ނުކުރެެއެވެ. ފަހަކަށް އައިސް މިވިޔަފާރި ހިންގުމުގެ ކުރީ ސަފުގައި ތިއްބަވަނީ އާދަމް މަނިކުގެ ކުދީންނެވެ. އޭނާގެ ކުދީންގެ އަދަދަކީ އެގާރާއެވެ. މާލެއިން ބޭރުގައި އާދަމް މަނިކުގެ އެންމެ ބޮޑު އެއް އޮޮޕަރޭޝަން ހިނގާ ރަށަކީ މާލެއަތޮޅު ތުލުސްދޫއެވެ. އެރަށުގައި އާދަމް މަނިކުގެ ގެސްޓް ހައުސްއެއް އެބަހުއްޓެވެ. ތުލުސްދޫގައި އިޖުތިމާއީ ކަންކަމަށް އެންމެ ބޮޑަށް ޚަރަދު ކުރެެއްވި އެއްބޭފުޅަކީވެސް ސެންޓު އާދަމް މަނިކެވެ.

އާދަމް މަނިކު މިދުނިޔެ ދޫކުރެއްވިއިރު އޭނާ ކުރައްވަން ބޭނުންފުޅުވި މުހިއްމު އެއްވެސް ކަމެއް ނުކުރެވި އެބައޮތްބާވައެވެ. އާދަމް މަނިކުގެ ބޭފުޅުން ވިދާޅުވާގޮތުގައި އެއްކަމެއް އެބައޮތެވެ. އަމިއްލަ ފެން ފެކްޓަރީއެއް ގާއިމް ކުރެެއްވުމަކީ އާދަމް މަނިކުގެ ހުވަފެނެކެވެ. އެކަން އޮތީ ނުކުރެވިއެވެ. އެހެންވީމާ ދެން މި ހުވަފެނުގައި ކުލަ ޖެއްސުން އޮތީ އާދަމް މަނިކުގެ އުފަން އެގާރަ ބޭފުޅުންނާއި ކާފަ ވިދާޅުވާ ސޯޅަ ބޭފުޅުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްގެ ގޮތުގައެވެ.

އާދަމް މަނިކުގެ ވަކިވުން އޭނާގެ ރަހުމަތްތެރިޔަކު ސިފަކުރީ މިހެންނެވެ. އިންޖީނެއް ރޫޅައި އެ އިންޖީނެއް އަލުން ރޭވުމުގައި އާދަމް މަނިކު ފަދަ ހުޝިޔާރު މަސައްކަތް ހަލުވި ފަރުވާތެރި ދެވަނަ އެހެން މީހަކު އަހަރެން ނުދެކެމެވެ. އެހެންވީމާ މިދާއިރާއިން ގެއްލިގެން އެދިޔައީ އެތަން ފޫނުބެއްދޭނެ ހުނަރުވެރި ފަންނާނެކެވެ.