އައްނަބީލާ ހަބީބާ ހުސައިން ހަބީބު
ގައުމީ ކިތާބުދާރު
ކ. މާލެ |

މިއަދަކީ ދިވެހިރާއްޖޭގެ ގައުމީ ދުވަހެވެ. އެހެންވީމާ މިއަދު ކުރަހައިލާން ބޭނުންވަނީ ގައުމުގެ މަންމަޔަކަށް ފުދޭނޭ ޝަޚުސިއްޔަތެއްގެ ސޫރައެވެ. ލިޔާން ބޭނުންވަނީ ގައުމީ ޚިދުމަތާއި އުމުރާއި ގަދަރާއި އިހުތިރާމުގެ ގޮތުންވެސް ގައުމުގެ މަންމައޭ ބުނެގެން މައްސަލަޔަކަށް ނުވާނޭ ބޭފުޅެއްގެ ވަނަވަރެވެ. ޚިދުމަތުގެ ދާއިރާގައި އެންމެ ގިނަދުވަސްވީ އަދި އެންމެ ފާހަގަކުރެވޭ އަންހެން ބޭފުޅެއްގެ ވާހަކައެވެ. އެފަދަ ބޭފުޅަކާމެދު ޚިޔާލުކޮށްފިނަމަ ވަރަށް ގިނަބައެއްގެ ސިކުނޑީގައި ކުރެހިގެންދާނެ ސޫރައަކީ އެއްވެސް ޝައްކެއް ނެތި ހަބީބާ ހުސައިން ހަބީބުގެ ސޫރައެވެ. އަންނަ ހަފުތާގެ ހޮނިހިރު ދުވަހަކީ އެކަމަނާގެ 91 ވަނަ އުފަން ދުވަހެވެ.

ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިވެ އެދާއިރާ އިޚުތިޔާރު ކުރުމުގެ މާކުރިންވެސް އަޅުގަނޑުގެ ދުރުމިޔަށް ހަބީބާ ހުސައިން ހަބީބު އަރައިފިއެވެ. މާލޭގައި އުޅެވުނު ހިސާބުގެ ގޮތުންނެވެ. ވަދެއުޅުނު ގޭގޭގެ ބާވަތުންނެވެ. ޝައުގުވެރިކަން ދެވުނު އާދަތަކުގެ ސަބަބުންނެވެ. މައުލޫމާތުގެ ކަނޑަށް ފީނުމަށްޓަކައި އަޅުގަނޑުގެ އެހީތެރިޔަކީ ގައުމީ ކުތުބުޚާނާއެވެ. ވަގުތެއް ލިބޭއިރަށް ގޮސް އިންނަނީ އެތާގައެވެ. ހަބީބާއަކީ ކުތުބުޚާނާގެ ވެރިޔާއެވެ. ކިތާބުދާރެވެ. އެކި ދުވަސްވަރު މަގާމުގެ ނަމަށް ބަދަލުތަކެއް އަޔަސް ތަނުގެ ވެރިޔާއެވެ. އަބަދު ފެންނަ ބޭފުޅަކަށްވީމާ އިސާހިތަކު ވަނަވަރު ދަސްކޮށްފީމެވެ. އެކަމަކު ދުވަހަކުވެސް ވާހަކަ ދެކެވި ރަހުމަތްތެރިކަން ހިނގާފައެއް ނުވެއެވެ.

އެއީ އާދައިގެ ބޭފުޅެއް ނޫނެވެ. ރަސްކަލަކަށް ކާފަ ވިދާޅުވާ ބޭފުޅެކެވެ. ސުލްތާން މުހައްމަދު ޝަމްސުއްދީނު ތިންވަނައިގެ ދަރިކަނބަލުން އަމީރާ ޝަހީމާ ޝަމްސުއްދީނުގެ އައްނަބީލާ ހަބީބާ ހުސައިން ހަބީބެވެ. ފިރިކަލުން އަބްދުﷲ ޒުބައިރަކީ ވެސް ރަސްކަލަކަށް ކާފަ ވިދާޅުވާ ބޭފުޅެކެވެ. ސުލްތާން އިބްރާހިމް ނޫރައްދީނުގެ އަމީރާ ހަލީމާ ނޫރައްދީނުގެ އައްނަބީލު އަބްދުﷲ ޒުބައިރެވެ. ހަބީބާޔާއި ޒުބައިރުގެ ތިއްބެވީ ތިން ބޭފުޅުންނެވެ. އެއީ ޝަފީއާ ޒުބައިރާއި އިބްރާހިމް ޒުބައިރާއި ޝާހިދާ ޒުބައިރެވެ. ޒުބައިރަކީ އައްނަބީލާ އާމިނަތު ހުސައިނާ އެއްބަނޑު ކޮއްކޯފުޅެކެވެ. އާމިނަތު ހުސައިން އުޅުއްވަނީ ބޮޑުފެންވަޅުގޭގައި ކަމަށްވެފައި ނިކަން ގިނައިން އެގެޔަށް ވަދެ އުޅުމުގެ ފުރުސަތު ތަނަވަސްވެފައި އޮންނާތީ އެ އާއިލާގެ ވަނަވަރު އަޅުގަނޑަށް އޮތީ ދަސްވެފައެވެ.

ފަންތީގެ ލަގަބުތައް ރަސްމީ ސިފައެއްގައި މިހާރު އުވިގެންގޮސްފައި އޮތަސް އާދަކާދައިގެ މަތިން އެކަމަނާޔަކީ އަދިވެސް ދެންވެސް އައްނަބީލާއެކެވެ. ގަސްތަކީ ހަބީބާގެ އާއިލީ ވަނަވަރު ލިޔުމެއް ނޫނެވެ. ގަސްތަކީ އެކަމަނާގެ ޚިދުމަތުގެ ވަނަވަރުން ބައެއް ނަމަވެސް ގެނެސްދިނުމެވެ. އެކަމަށް ތަންހޯދައިލުމުގެ ގޮތުން ފެނުނުގޮތާއި ދަސްވީގޮތާއި ދަސްވި އެއްޗެއްގެ ވާހަކައިން ސުރުޚީއެއް އަޅައިލެވުނީއެވެ.

ކުރިންވެސް ދަންނަވައިލެވުނު ފަދައިން އެއީ އާދައިގެ ބޭފުޅެއް ނޫނެވެ. ދިވެހި އަންހެނުންގެ ތެރެއިން ވަރަށް ގިނަ ކަންކަމުގައި އަރައިހުންނެވި ބޭފުޅެކެވެ. ދިވެހި އަންހެނުން ބޭރު ގައުމުތަކަށް ގޮސް އުނގެނުމުގެ ސަގާފަތް އާއްމުނުވާ ޒަމާނުގައި އިންޑިޔާގެ ހައިދަރުއާބާދުގެ އުސްމާނިއްޔާ ހައިސްކޫލުގައި އުރުދޫ މީޑިއަމަށް ކިޔަވައި ވިދާޅުވިއެވެ. އޭގެފަހުން ސިލޯނުގެ ކޮޅުނބުގެ ހޯލީ ފެމިލީ ކޮންވެންޓް ސްކޫލްގައި އިނގިރޭސި މީޑިއަމަށް ކިޔަވައި ވިދާޅުވިއެވެ. އެގޮތުން އުރުދޫ ބަހާއި އިނގިރޭސި ބަހަށް އަހުލުވެރިވެ ވަޑައިގެންނެވިއެވެ.

ތައުލީމީ ދައުރަށްފަހު އެނބުރި ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ އަދާކުރެއްވީ ސަރުކާރުގެ މަދަރުސާގެ މުދައްރިސާ ކަމާއި ނާޒިރުގެ އެހީތެރިޔާކަމުގެ މަގާމެވެ. ޚިދުމަތުގެ އެންމެ ފުރަތަމަ ހަ އަހަރު 1956ން 1962ށް ހޭދަކުރެއްވީ ތައުލީމީ ދާއިރާގައެވެ. ދެންޖެހިގެން އައި ފަސް އަހަރު ހޭދަކުރެއްވީ ބޮޑުވަޒީރުގެ އޮފީހުގެ ސެކްރެޓަރީ ކަމުގައެވެ. އޭގެފަހުން 1970 ވަނަ އަހަރާ ހަމަޔަށް ދެ އަހަރުގެ މުއްދަތަކަށް ހުންނެވީ ޚާރިޖިއްޔާގައެވެ. އެއަށްފަހު ޓްރާންސްޕޯޓް ޑިޕާޓްމަންޓާއި މިނިސްޓްރީ އޮފް ޖަސްޓިސްގެ ސެކްރެޓަރީކަންވެސް ކުރެއްވިއެވެ.

އެދުވަސްވަރު ސެކްރެޓަރީ ކަމަކީ މިޒަމާނުގެ ހައިރާކީއަށް ބަލައިފިއްޔާ ޑީޖީ ފެންވަރުގެ މަގާމެކެވެ. އެދުވަސްވަރަކީ އޮފީސް އޮފީހުގެ ވެރީންގެ ގޮތުގައި އަންހެނުން ވަޒީފާތަކަށް ނުކުމެ އުޅުނު ދުވަސްވަރެއް ނޫނެވެ. އެކި ވުޒާރާތަކުގެ ސެކްރެޓަރީކަމުގެ ދައުރަށްފަހު 1978ން ފެށިގެން ދެން ގުނާން ފެށުނީ އެތަނެއްގައި ހަބީބާ އެންމެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ކުތުބުޚާނާގެ ދައުރެވެ. ކުތުބުޚާނާގައި ހަބީބާ ފުރުއްވި މަގާމުތަކުގެ ތެރޭގައި ލައިބްރޭރިއަންކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަމާއި ޑިރެކްޓަރުކަމާއި ޑިރެކްޓަރ ޖެނެރަލްކަމާއި އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރުކަމާއި އެގްޒެކެޓިވް ޑިރެކްޓަރުކަން ހިމެނެއެވެ.

ސަރުކާރުގެ ޚިދުމަތުގައި ގާތްގަޑަކަށް ފަންސާހަކަށް އަހަރު ހޭދަކުރެއްވިއިރު އޭގެ ތެރެެއިން ތިރީސް އަހަރު ހޭދަވެގެން ދިޔައީ ކުތުބުޚާނާގައެވެ. މަގާމުގެ ނަން އެކި ދުވަސްވަރު ތަފާތުވިޔަސް އެހުރިހާ ދުވަހު ތަން ހިންގެވުމުގެ ބުރަ އުފުއްލެވީ ހަބީބާއެވެ. އެހެންވީމާ މަގާމުން ރިޓަޔަރ ކުރެއްވިއަސް ގިނަބައެއްގެ ނަޒަރުގައި އެއީ އަދިވެސް ގައުމީ ލައިބްރޭރިއަނެވެ. ގައުމީ ކިތާބުދާރެވެ. އެ ތަސައްވުރަށް ބަދަލު އައުމެއް ނެތެވެ.

ހަބީބާ ހުސައިން ހަބީބަކީ ސަރުކާރުގެ ވަޒީފާ އަދާކުރައްވަމުން އަދި އޭގެ ފަހުންވެސް އަމިއްލަފުޅު ޝައުގުގައި ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރެއްވުމާއި ދިވެހި ތާރީޚަށް ޚިދުމަތް ކުރެއްވުމުގައި ވަރަށްވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ތަފާތު ފަންނުގެ ފޮތްތަކާއި ލިޔުންތައް ލިޔުއްވާފައިވެއެވެ. ވިޔަފާރި މިއަދު، އަދަބީ ޝުއޫރު، ޖިންސުއްލަތީފު، ހުވަނދު، މޫންލައިޓް، އަމާޒު އަދި ފަތްރޫތަ ފަދަ މަޖައްލާތަކަށް ލިޔުއްވާފައިވެއެވެ. އުރުދޫ ބަހުންނާއި އިނގިރޭސި ބަހުން ގިނަ ފޮތްތަކެއް ދިވެހިބަހަށް ތަރުޖަމާ ކުރައްވާފައިވެއެވެ. ތަރުޖަމާ ކުރައްވާފައިވާ ފޮތްތަކުގެ ތެރޭގައި އިސްލާމީ ތާރީޚު ހިމެނެއެވެ.

ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ލިޔުންތެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ހަބީބާއަށް ވަނީ ލިބިވަޑައިގެންފައެވެ. ދިވެހިބަހަށް ތަރުޖަމާ ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. މިނިވަން 25ގެ އިނާމުވެސް ލިބިވަޑައިގެންފައިވެއެވެ. ނޫސްވެރިކަމުގެ ރަން ގަލަންވެސް ލިބިވަޑައިގެންފައިވެއެވެ. ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެކަމަނާއަށް ސަރުކާރުން ދެއްވާފައިވާ އެންމެ ފާހަގަކުރެވޭ އިއްޒަތަކީ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތެވެ.