ފަތުހުﷲ ޖަމީލް
ދިވެހި ޚާރިޖިއްޔާގެ މާލިމީ
ކ. މާލެ |

މީހުން ބުނާތީ އަޑުއަހަމެވެ. ޝައިޚު މުހައްމަދު ޖަމީލްދީދީއަކީ ވަރަށް ސަމާސާ މިޒާޖުފުޅެއްގެ ވެރިޔެކެވެ. ޖީލުލް އުސްތާޒުގެ ނަންފުޅުން މަޝްހޫރުވެފައިވާ މުހައްމަދު ޖަމީލްދީދީގެ އަދަދެއް ނެތްހާ ގިނަ ލިޔުއްވުންތައް ހާވައި ބެލީމާ ސަމާސާ އަދަބުގެ ގިންތިޔަށް ފެތޭ ވަރަށް ގިނަ ލިޔުންތައްވެސް ފެނެއެވެ. އަޅުގަނޑުގެ މަދުރަސީ ދައުރުގައި ޝައިޚު ޖަމީލްދީދީއާ ބައްދަލުވެ ވާހަކަވެސް ދެކެވުނެވެ. އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރިޔަކު ޝައިޚުގެ އަރިއަހަށް ދިޔައީ މަދަރުސާގައި ނެރެން ޚިޔާލުކުރި މަޖައްލާއަކަށް ކިޔާނެ ރީތި މޮޅު ދިވެހިވަންތަ ނަމެއް ހޯދުމުގެ ގޮތުންނެވެ. ވިދާޅުވިއެވެ. ފުރޭފު، މިނަން ކިޔާށެވެ.

ޝައިޚު ޖަމީލްދީދީގެ ބޭފުޅުންގެ ތެރެއިން ބައްޕާފުޅުގެ ސަމާސާ މިޒާޖުފުޅު އެންމެ ބޮޑަށް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށް އަޅުގަނޑަށް ފެނުނީ އަލްއުސްތާޒު ފަތުހުﷲ ޖަމީލެވެ. އެމަނިކުފާނުގެ ޚާރިޖީވަޒީރު ކަމުގެ ފަހު ބައިގެ ތެރޭގައި ދޭތެރެޔަކުން އަޅުގަނޑާ ދިމާވެއެވެ. ގިނައިން ދިމާވެފައި ހުރީ ހަފުތާ ބަންދުގައި މާލެއިން ބޭރުންނެވެ. އެގޮތަށް ދިމާވާ ފަހަރުފަހަރު ސަމާސާ އަދަބުގެ ކޮންމެވެސް އައު ވާހަކައެއް ވިދާޅުވެ ދެއްވާނެއެވެ. އާއްމު ގޮތެއްގައި ބޭރުގެ ކޮންމެވެސް ގައުމަކާ ގުޅޭ ގޮތުންނެވެ. މިސްރާއި ސިލޯނުގެ ވާހަކަ ވާހަކަ ތަންކޮޅެއް ގިނައިން ވިދާޅުވެދެއްވާނެއެވެ. އެދުވަސްވަރު އަޅުގަނޑުގެ ވެރިޔަކީ އޮނަރަބަލް ފަތުހުﷲ ޖަމީލާއެކު މިސްރުގައި ކިޔަވައި ވިދާޅުވި އެކުވެރިޔެކެވެ. އެމަނިކުފާނާއި ބައްދަލުވެވެނީ އެގޮތުން ތަނަވަސްވެފައި އޮންނަ މަގަކުންނެވެ.

އަޅުގަނޑަކީ ބޭރު ޚަބަރުތައް ލިޔެ ދިރާސާކޮށް ޓީވީއާއި ރޭޑިޔޯގައި ވެސް ވާހަކަ ދައްކައި އުޅޭ މީހަކަށްވާތީ ބޭރު ދުނިޔެ ސިފަކުރުމުގައި ގެންގުޅެންވީ ހަމަތަކާއި ދުރުމި ފޯކަސްކޮށްފައި ނުކުރަންވީ ކަންކަމާމެދު ބައެއް ފަހަރު އިރުޝާދުވެސް ދެއްވައެވެ. އަޅުގަނޑަށް އޮނަރަބްލް ފަތުހުﷲ ނެގިފައިވަނީ ޚާރިޖީ ދާއިރާގައި އެފަދަ ދެވަނައެއް ނުވާ ތަޖުރިބާކާރެއްގެ ގޮތުގައެވެ. ހިކުމަތްތެރި ހަކީމެއްގެ ގޮތުގައެވެ. އެހެންވާނެތާއެވެ. މިދައްކަނީ އާދައިގެ ބޭފުޅެއްގެ ވާހަކައެއް ނޫނެވެ. ދިވެހިރާއްޖޭގައި އެންމެ ގިނަ ދުވަހު ޚާރިޖީ ވަޒީރުކަން ކުރެއްވި އެ ދާއިރާގެ މާލިމީގެ ވާހަކައެވެ. މުޅި ދުނިޔެއަށް ދިވެހިރާއްޖެ ހުޅުވިގެންދިޔަ ދައުރުގައި އެގުޅުންތައް ފަރުމާ ކުރައްވައި ބައްޓަން ކުރައްވައި ދެމެހެއްޓެވި އުސްތާޒުގެ ވާހަކައެވެ.

އަލްއުސްތާޒު ފަތުހުﷲ ޖަމީލު ދުނިޔޭގެ އަލިކަން ދެކެވެޑައިގެންނެވީ މީގެ 79 އަހަރު ކުރިން 5 ސެޕްޓެމްބަރު 1942 ގައި މާލޭގައެވެ. އެމަނިކުފާނު އަވަހާރަވީ އުމުރުފުޅުން 70 އަހަރުގައި 2012 ވަނަ އަހަރުގެ މާރޗް މަހުގެ އެއްވަނަ ދުވަހު ސިންގަޕޫރުގައެވެ. މަތީ ތައުލީމު އުނގެނިވަޑައިގަތީ މިސްރުގެ އަޒްހަރު ޔުނިވަރސިޓީންނެވެ. އެމަނިކުފާނު ދިވެހި ގައުމަށް ޚިދުމަތް ކުރެއްވުމުގައި އެންމެ ގިނަ ދުވަސް ހޭދަކުރެއްވީ ޚާރިޖިއްޔާގައެވެ. ޚާރިޖީ ވަޒީރުކަމަށް ވަޑައިގެންނެވުމުގެ ކުރީގައިގެސް އެ ވުޒާރާއަށް ނިސްބަތްވާ ތަފާތު އެކި މަގާމުތައް ފުރުއްވިއެވެ. އދ އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުކަން ނުވަތަ ސަފީރުކަން ވެސް 70 ގެ އަހަރުތަކުގެ ކުރީކޮޅު ކުރެެއްވިއެވެ.

ޚާރިޖީ ވަޒީރުކަން ލިބިވަޑައިގަތީ ރައީސް ނާސިރުގެ ވެރިކަމުގެ ދައުރުގެ އެންމެ ފަހު އަހަރުގެ ތެރޭގައެވެ. ވަޒީރުކަމާ ހަވާލުވެވަޑައިގަތީ 14 މާރޗް 1978 ގައެވެ. އެ އަހަރުގެ ފަހުކޮޅު ރައީސް މައުމޫނު ވެރިކަމާ ހަވާލުވެވަޑައިގެންފައި ދެންވެސް ޚާރިޖީ ވަޒީރުކަމަށް އައްޔަން ކުރެެއްވީ ފަތުހުﷲ ޖަމީލެވެ. މައުމޫނުގެ ދިގު ވެރިކަމުގެ ބޮޑު ބައެއްގައި ވެސް ޚާރިޖީ ވަޒީރުކަން ކުރެެއްވީ ފަތުހުﷲ އެވެ. މުޅިއެކު 27 އަހަރު އެ މަގާމު ފުރުއްވިއެވެ. ވަކިވެވަޑައިގެންނެވީ 14 ޖުލައި 2005 ގައެވެ. އޮނަރަބަލް ފަތުހުﷲ ޖަމީލް ހިމެނިވަޑައިގެންނެވީ މުޅި ދުނިޔޭގައިވެސް ޚާރިޖީ ވަޒީރުކަން އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅުންގެ ތެރޭގައެވެ. ރޫސީވިލާތުގެ އަންދްރޭ ގޮރްމީކޯ އާއި ސައުދީ އަރަބިޔާގެ އަމީރު ސައުދު އަލްފައިސަލް ފަދަ ބޭފުޅުންގެ ލިސްޓުގައެވެ.

ދުނިޔޭގެ ރިކޯޑު ލިބިވަޑައި ނުގެންނެވިޔަސް ދިވެހިރާއްޖޭގައި އެއް ވުޒާރާއެއްގައި އެންމެ ގިނަ ދުވަހު ވަޒީރުކަން ކުރެެއްވުމުގެ ރިކޯޑް އޮތީ ފަތުހުﷲ އަށެވެ. ޚާރިޖީ ވަޒީރުކަން ކުރެއްވި ދުވަސްވަރު އެ މަސްއޫލިއްޔަތުގެ އިތުރަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޕްލޭނިން އެންޑް އެންވައިރުމަންޓް ކަމުގެ މަގާމުވެސް 1989ން 1990ށް އަދާކުރެއްވިއެވެ. ވަޒީރުކަން ކުރެއްވުމުގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް 25 އަހަރުގެ މުއްދަތަކަށް ކުރެެއްވިއެވެ. އެޒަމާނުގައި ވަޒީރުންނަށް މަޖިލީހުގެ މެންބަރުކަން ކުރެއްވެއެވެ. އެކަން ބަދަލުވީ މިހާރު އަމަލުކުރަމުން މިދާ ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމުންނެވެ.

ދިވެހިރާއްޖޭގެ މުވާސަލާތީ ކުންފުނި ދިރާގު ވުޖޫދުވުމަށްފަހު 1988ން 2004ށް އެ ކުންފުނީގެ ޗެއަރމަންކަން ކުރެއްވީ ވެސް އޮނަރަބަލް ފަތުހުﷲ އެވެ. މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް އުފެދުމަށްފަހު 1990 ގެ އަހަރުތަކުގައި އެ ކުންފުނީގެ ޗެއަރމަންކަން ވެސް ކުރެއްވިއެވެ. ވޯލްޑް ބޭންކަށް ރާއްޖޭގެ ފަރާތުން ކަނޑައެޅުއްވި ފުރަތަމަ ގަވަރުނަރުގެ ގޮތުގައި ޖެނުއަރީ 1978ން 2005 ޖުލައި މަހާ ހަމަޔަށް މުޅިއެކު 27 އަހަރު އެ މަގާމު ފުރުއްވިއެވެ. އެހެންކަމުން އެ މުއްދަތުގައި ރާއްޖޭގެ މާލީ އަދި އިގްތިސާދީ ކަންކަން ބައްޓަން ކުރުމުގައިވެސް އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅުންގެ ތެރޭގައި އޮނަރަބަލް ފަތުހުﷲ ޖަމީލް ހިމެނިވަޑައިގެންނެވިއެވެ.

ޚާރިޖީ ވަޒީރުކަމުން ވަކިވެޑައިގަތް ދުވަހު އެމަނިކުފާނު އައްޔަން ކުރެވުނީ ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށެވެ. އެ މަގާމުގައި 30 އެޕްރީލް 2008 ވަނަ ދުވަހާ ހަމަޔަށް ދެމި ހުންނެވިއެވެ. ރައީސް މައުމޫނުގެ ވެރިކަން 11 ނޮވެމްބަރ 2008 ގައި ނިމުމާ ހަމަޔަށް އޮނަރަބަލް ފަތުހުﷲ ހުންނެވީ ރައީސް އޮފީހުގެ ސީނިއަރ މިނިސްޓަރުގެ މަގާމުގައެވެ. އޭގެފަހުން އަވަހާރަވުމާ ހަމަޔަށް ދިރިއުޅުއްވަމުން ގެންދެވީ ރާއްޖެއިން ބޭރުގައެވެ. އެމަނިކުފާނުގެ ގައުމީ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދިވެހި ޚާރިޖިއްޔާ ހިންގަމުންދާ އިމާރާތަށް 2021 ގައި ސަރުކާރުން ވަނީ ފަތުހުﷲ ޖަމީލް ބިލްޑިންގެ ނަން ދެއްވައިފައެވެ.