ޗިޅިޔާ މޫސާމަނިކު
ދިވެހިންގެ ކުރަހާ ފިހިގަނޑު
ކ. މާލެ |

ދިވެހި ބަހުން ޗިޅިޔާއޭ ކިޔާ ދޭއްޗެއް ވެއެވެ. އެކައްޗަކީ ކުޑަވަރެއްގެ ދޫންޏެކެވެ. އިނގިރޭސިބަހުން ސްޕެރޯ ކިޔާ ދޫނީގެ ދިވެހި ނަމަކީ ޗިޅިޔާއެވެ. އުރުދޫ ބަހުންވެސް ކިޔަނީ އެހެންނެވެ. އެއީ އުރުދޫ ބަހުން ދިވެހި ބަހުގެ ތެރެޔަށް ވަދެފައިވާ ލަފުޒެކެވެ. ޗިޅިޔާއޭ ކިޔާ ދެވަނަ އެއްޗަކީ ތާސްބައިގެ ހަތަރު ރަނގައިގެ ތެރެއިން އެއް ރަނގައެވެ. މިއީ ކަޅުކުލައިގެ ރަނގައެކެވެ. ވައްތަރުވާނީ ތިން ފަތް ހުންނަ ފަތްކޯޅިޔަކާއެވެ. މި ރަނގަޔަށް އިނގިރޭސި ބަހުން ކިޔަނީ ކުލަބެވެ.

ބަޔާން ކުރެވުނު ދެ ޗިޅިޔާއަށްވުރެ މަޝްހޫރު އެހެން ޗިޅިޔާއެއް ދިވެހިންނަށް ލިބިގެންވިއެވެ. އެއީ ޗިޅިޔާ މޫސާމަނިކެވެ. ނަން ކުރުކޮށްފައި އެންމެންވެސް ކިޔަމުން އައީ ޗިޅިޔާއެވެ. އެއީ އެއް ފަންނަށް ވުރެ ގިނަ ފަންނުގައި އެފަދަ ދެވަނައެއް ނެތް ހުނަރުވެރިއެކެވެ. ޚާއްސަކޮށް ކުރެހުމާއި އެކްޓް ކުރުމުގައެވެ. މޫސާމަނިކުގެ ނަމުގެ ކުރިޔަށް ޗިޅިޔާ އައުމުގެ ސިއްރަކީ އާއިލީ ގެޔަށް ޗިޅިޔާގެއޭ ކިޔުމެވެ. އެއީ ޗިޅިޔާގޭ މޫސާމަނިކެވެ. ޗިޅިޔާގެއޭ ކިޔާފައިވަނީ ކުރިން ދެންނެވި ޗިޅިޔާ ދޫންޏަށް ނިސްބަތްކޮށްފައެވެ. ދޫނިސޫފާސޫފީގެ ނަމުން ގޭގެޔަށް ނަންދިނުމަކީ ކުރީގައިވެސް އަދި މިހާރުވެސް ދިވެހީންގެ ސަގާފަތެކެވެ. މީގެ އެއް މިސާލަކީ ކެނެރީގެއެވެ. ކެނެރީއަކީވެސް ދޫންޏެކެވެ.

ފިލްމުތަކާއި ޑްރާމާތަކުގައި އެކްޓް ކުރަން ފެށުމުގެ މާކުރީގައިވެސް ޗިޅިޔާއަކީ ތަރިއެކެވެ. ކުރެހުމުގެ ފަންނުގައެވެ. ރާއްޖޭގެ އިހުގެ މަޝްހޫރު ކުރެހުންތެރިޔާ ސަރުދާރު ދޮންމަނިކަށް ފަހު ދެން ދިވެހިރާއްޖެއިން ފެނުނު އެންމެ މޮޅު އެންމެ މަޝްހޫރު ކުރެހުންތެރިޔަކީ ޗިޅިޔާއެވެ. ހުރިހާ ވައްތަރެއްގެ ކުރެހުންވެސް ކުރެއްސެވިއެވެ. ދިވެހި ނޫސްވެރިކަމުގެ ތެރެއަށް ކާޓޫނު ތައާރަފު ކުރެެއްވި ބޭފުޅަކީވެސް ޗިޅިޔާއެވެ. ސިޔާސީ ކާޓޫނަކީ ޗިޅިޔާގެ ޚާއްސަ ފަންނެކެވެ. އެފަދަ ކުރެހުންތަކުގައި ގިނަ ފަހަރަށް ލިޔެފައި އޮންނާނެއެވެ. ކުރެހުން ޗިޅިޔާއެވެ. ޚިޔާލު ކޮޕީ ރަޝީދެވެ. މީގެ މާނައަކީ ކޮންސެޕްޓް އުފެއްދީ ކޮޕީ މުހައްމަދު ރަޝީދެވެ. ކުރެހީ ޗިޅިޔާ މޫސާމަނިކެވެ.

ޗިޅިޔާގެ ސިޔާސީ ކާޓޫނުތައް އެންމެ ހިނގި ދުވަސްވަރަކީ ރައީސް ނާސިރުގެ ވެރިކަން 1978 ގައި ނިމި ރައީސް މައުމޫނުގެ ވެރިކަން ފެށިގެން އެ ދައުރުގެ ކުރީކޮޅުގައެވެ. އޭރުގެ ވަރަށް ގިނަ ނޫސް މަޖައްލާތަކުގައި ޗިޅިޔާގެ ކާޓޫނުތައް ޝާއިއު ކުރިއެވެ. އެދުވަސްވަރު ޗިޅިޔާގެ ކުރެހުންތައް ދެން އެންމެ ގިނައިން ފެންނާނީ އެކިއެކި ފިލްމުތައް އިޝްތިހާރު ކުރުމުގެ ޕޯސްޓަރުތަކުންނެވެ. މާލޭގައި އޭރު ހިންދީ ފިލްމެއް އެޅުވިޔަސް އޭގެ ޕޯސްޓަރު ކުރެހުން އޮންނަނީ ޗިޅިޔާއަށެވެ. މީގެ އެއް މިސާލަކީ މަޝްހޫރު ފިލްމު ޝޯލޭއެވެ. އެ ފިލްމުގެ އެކި ވައްތަރުގެ ޕޯސްޓަރުތަކުން މާލޭގެ ފާރުތައް ފޮރުވިގެންދިޔައިރު ގިނަ ޕޯސްޓަރުތައް ކުރެއްސެވީ ޗިޅިޔާއެވެ.

މާލޭގައި 70ގެ އަހަރުތަކާއި 80ގެ އަހަރު ތަކުގައި ލޯގޯއެއް ފަރުމާ ކުރިޔަސް އަދި ރަގަޅު ފެންވަރެެއްގެ ދައުވަތު ކާޑެއް ފަރުމާ ކުރިޔަސް އެކަމުގެ ހުނަރުވެރިޔަކީ ޗިޅިޔާއެވެ. ކޮންމެ ކަހަލަ ކުރެހުމަކަށް ވިޔަސް އެ ކުރެހުމެއްގެ ތިރިން ކޮންމެވެސް ތަނެއްގައި ޗިޅިޔާއޭ ޖައްސަވާނެއެވެ. އަރަބި ނަންބޯޑުތަކުގައި މަޝްހޫރު ކެލިގްރާފަރު ތަބައް އަލިފުޅު، އަލީ ފަހުމީއޭ ޖައްސަވައި އުޅުއްވި އުސޫލުންނެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ގައުމީ މަރުކަޒުން ނެރުނު މަޝްހޫރު އަދަބީ މަޖައްލާ ކަމަށްވާ ފަތްތޫރައިގެ ލޯގޯ ކުރެެއްސެވީ ވެސް ޗިޅިޔާއެވެ. އެ ލޯގޯއިންވެސް ޗިޅިޔާގެ ނަން ފެންނާނެއެވެ. އަދިވެސް މިކަހަލަ ކިތަންމެ ލޯގޯއެކެވެ.

ޗިޅިޔާގެ ދެވަނަ ފަންނު ކަމަށްވާ އެކްޓްކުރުމުގެ ފަންނަކީ ތަންކޮޅެއް ފަހުން ތަރައްގީވެގެން އައި ފަންނެކެވެ. ޗިޅިޔާގެ އެކްޓިން ދިވެހިންނަށް އެންމެ ފުރަތަމަ ފެނިގެން ދިޔައީ މަޖީދިއްޔާ ސްކޫލަށް ފަންސާސް އަހަރު ފުރުމުގެ މުނާސަބާގައި 1977 ވަނަ އަހަރު ހިންގުނު ރަންޔޫބީލް ކާނިވަލުގެ ސްޓޭޖް މަތިން އެކި ތަމްސީލުތަކުގައެވެ. އޭގެ ފަހުން ރާއްޖެއަށް ޓީވީ ތައާރަފުވެ ދިވެހި ފިލްމާއި ޑްރާމާތައް ޓީވީ ސްކްރީނަށް އަންނާން ފެށުމުންނެވެ.

ޗިޅިޔާއަށް އެ ރޯލަކުން އެންމެ ބޮޑު މަޝްހޫރުކަމަކާއި މަގްބޫލުކަމެއް ލިބިގެންދިޔައީ 1982 ގައި ޓީވީ މޯލްޑިވްސްގެ އުފެއްދުމެއްކަމަށްވާ -ޣާޒީ ބަންޑާރައިން" ޑްރާމާއިންނެވެ. އޭގައި ޗިޅިޔާގެ ރޯލަކީ ވިޔަޒޯރުގެ ރޯލެވެ. އެއީ ދިވެހި ތާރީޚުގެ މައްޗަށް އުފެއްދުނު ފުރަތަމަ ސިލްސިލާއެވެ. އޭގައި ބޮޑު ތަކުރުފާނުގެ ރޯލް އަދާކުރެއްވީ ސިފައިންގެ ބޭކަލެއް ކަމުގައިވި އާދަމް ޒާހިރެވެ. ކަނބާ އައިޝާގެ ރޯލް އަދާކުރެއްވީ ކެނެރީގޭ ޒުހައިރާ އުމަރެވެ. ދަންޑެހެލުގެ ރޯލް ކުރީގެ ވަޒީރެެއް ކަމުގައިވި އަބްދުއްރަޝީދު ހުސައިނެވެ. ސިއްތިމާވާގެ ރޯލް އޮގަރު ހަފްސާ އަލީއެވެ. ހަސަން ތަކުރުފާނުގެ ރޯލް ކަށިމާ އަހުމަދު ޝާކިރެވެ.

ޗިޅިޔާ މޫސާމަނިކުގެ އެކްޓިންއާއި އޭނާގެ ފިލްމީ ހަޔާތުގެ އިތުރު ތައާރަފަކަށް ދިވެހިން ބޭނުމެއް ނުވާނެއެވެ. މިރޮނގުން 1982 ވަނަ އަހަރުން ފެށިގެން 2010 ގެ ނިޔަލަށް ގާތްގަޑަކަށް ފަންސާހަކަށް ފިލްމާއި ޑްރާމާތަކުގައި ޗިޅިޔާ ވަނީ އެކި ކަހަލަ ރޯލްތައް އަދާކުރައްވައިފައެވެ. މި ރޯލްތަކުގައި އޭނާ އެކި ބައިތައް އަދާކުރައްވާފައިވާލެއް މޮޅުކަމުން ގައުމީ ފެންވަރުގައި އަދި ދާއިރާގެ ފެންވަރުގައި އެކި އެވޯޑުތައްވެސް ވަނީ އެރުވިފައެވެ. މިގޮތުން ފާހަގަ ކުރެވޭ ފަސް އެވޯޑެއް އޭނާ ވަނީ ހާސިލް ކުރައްވާފައެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގައި ކުރެހުމާއި އެކްޓިން ހިމަނައިގެން ގާތްގަޑަކަށް ފަންސާހަކަށް އަހަރު ޚިދުމަތްތަކެއް ކުރެއްވި ޗިޅިޔާ މޫސާމަނިކު ވަނީ އުމުރުފުޅުން 81 އަހަރުގައި މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ އަވަހާރަވެފައެވެ. ޗިޅިޔާގެ ވަކިވުމަކީ ދިވެހީންނަށް ލިބުނު ވަރަށް ފުން ހިތާމައެކެވެ. އާރޓްގެ ދާއިރާއަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ. ނިވިގެން އެދިޔައީ އެތައް ޖީލަކަށް އަލިކޮށްދިން އާރޓުގެ ދަންމަރެކެވެ. ގެއްލިގެން އެދިޔައީ ދިވެހިންގެ ކުރަހާ ފިހިގަނޑެވެ. ޗިޅިޔާ މޫސާމަނިކު އަވަހާރަވީއިރު އަނބިކަނބަލަކާއި އެގާރަ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.