ރިނބުދޫ މުހައްމަދު ނާސިރު (ނާބެ)
ރާއްޖޭގެ ފުރަތަމަ "ކުޅިވަރު ދަސްކޮށްދޭ"
ކ. މާލެ |

ކުޅިވަރު ކޯޗުންނަށް ތަންކޮޅެއް ކުރީގައި ރާއްޖޭގައި ކިޔައި އުޅުނީ ސައްތައިން ސައްތަ ދިވެހި ނަމެކެވެ. "ކުޅިވަރު ދަސްކޮށްދޭ" އެވެ. މިނަމުގައި ރަސްމީގޮތުން މިވަޒީފާ އަދާކުރި ފުރަތަމަ ދިވެއްސަކީ މ.މެޓްރޯވިލާ މުހައްމަދު ނާސިރު، ނާބެއެވެ. ސަރުކާރުގައި އޭނާ އަދާކުރެެއްވި ފުރަތަމަ ވަޒީފާއަކީ ސްޕޯޓްސް ޑިވިޝަނުގެ ކުޅިވަރު ދަސްކޮށްދޭ ކަމެވެ. އުމުރުން މިހާރު 71 އަހަރު ވެފައިވާ ނާބެ ދިވެހީންގެ ގިނަ ބަޔަކަށް ތައާރަފުވެފައިވަނީ ރިނބުދޫ ނާސިރުގެ ނަމުންނެވެ. ރިނބުދޫ ނާސިރޭ ކިޔަނީ ނިލަންދެެއަތޮޅު ދެކުނުބުރީ ރިނބުދޫއަށް ނިސްބަތްވާތީއެއް ނޫނެވެ. ނާބެ ނިސްބަތްވަނީ މާލެއަށެވެ. ގޭގެ އަސްލު ނަމަކީ ގަލޮޅު ރިނބުދޫގެ ކަމަށްވާތީ އެނަމުން މަޝްހޫރުވީއެވެ.

ކުޅިވަރާ ގުޅުންހުރި ތަމްރީނުތަކެއް ރާއްޖެއިން ބޭރުގައި ހެދި ފުރަތަމަ ދިވެއްސަކީވެސް ނާބެއެވެ. ސަރުކާރުން ތަނަވަސްކޮށްދިން ފުރުސަތެއްގައި ފުޓްބޯޅައާ ގުޅޭ ތަމްރީނުތަކަކާއި ކޯހެއް ނާބެ ފުރިހަމަ ކުރެއްވީ ކުރީގެ އިރުމަތީ ޖާމަނީގައެވެ. ދެކުނު އޭޝިޔާގެ ގައުމުތަކާއި ހުޅަނގު އޭޝިޔާގެ ގައުމުތަކާއި އެފްރިކާގެ ގައުމުތަކުގެ ޒުވާނުން ކޯޗިންގެ ދާއިރާއަށް ނެރުމުގެ މިކޯސް ހިންގުނީ 1973 ވަނަ އަހަރު އިރުމަތީ ޖާމަނީގެ ލައިޕްޒިގްގައެވެ.

ގާތްގަޑަކަށް އަހަރެއްހައި ދުވަހުގެ މުއްދަތަކަށް ރާއްޖެއިން ބޭރުގައި ފުޓްބޯޅައިގެ ތަމްރީނުތަކެއް ނާބެ ހެއްދެވި ޒަމާނަކީ ބާރަށް ދުވެފައި ބާރަށް ޖެހުން ފިޔަވައި ބޯޅައިގެ އެހެންކަމެއް ދިވެހިންނަށް އެނގޭ ޒަމާނެއް ނޫނެވެ. ފުޓްބޯޅައިގެ އެކިއެކި ފަލްސަފާތަކާއި ފޯމޭޝަންތަކާއި އޭގެ ސައިންސް ރަސްމީ ސިފައެއްގައި ދަސްކުރި ފުރަތަމަ ދިވެއްސަކީ ނާބެއެވެ. އެހެންކަމުން އެދުވަސްވަރު ރާއްޖޭގެ ފުޓްބޯޅައިގެ ދިގަކީވެސް ހުރަހަކީވެސް ނާބެއެވެ.

ފުޓްބޯޅައަށް ނާބެގެ ޝައުގުވެރިކަން ހުއްޓުނީ ގޭގެ ކުރިމަތީގައި ބޯޅަކުޅޭ ދަނޑެއް އޮތުމުންނެވެ. ހުނަރުވެރި ކުޅުންތެރިޔަކަށްވީ މަޖީދިއްޔާގައި ކިޔަވައިވިދާޅުވާން އުޅުއްވި ދުވަސްވަރުއެވެ. އޭރު މަޖީދިއްޔާގެ ދަރިވަރުންގެ ފުޓްބޯޅަ ކޯޗަކީ މަރުހޫމު ހަސަން މުހައްމަދެވެ. ނާބެއަކީ އެންމެ ފުރަތަމަ މިޑްފީލްޑަރެކެވެ. ފަހުން ޑިފެންޑަރެކެވެ. އެދުވަސްވަރު ޑިފެންސަށް ކުޅުމަކީ ގިނަ ޒުވާނުން ބޭނުން ނުވާ ކަމެކެވެ. ބައިކޮޅަށް ވަންނަ ގޯލުގެ ޒިންމާ އުފުލަން ޖެހޭތީއެވެ. އެކަމަކު ނާބެއަކީ ޒިންމާ ނަގަން ކެރޭ މަސައްކަތް ކުރަން ކެރޭ ހިތްވަރު ހުރި ޒުވާނަކަށްވާތީ މިޑްފީލްޑުން ޑިފެންސަށް ފޭބީއެވެ.

މަދުރަސީ ދައުރަށްފަހު ނާބެގެ ފުރަތަމަ ކުލަބަކީ ޒަމާނީ މިއުޒިކް ކުލަބެވެ. ނާބެއަކީ ހަމައެކަނި ކުޅުންތެރިއެއް ނޫނެވެ. އެދުވަސްވަރު ކެޕްޓަނަކީވެސް ކޯޗަކީވެސް ނާބެއެވެ. އެއީ ޔޫރަޕުގައި ކޯސް ހެއްދެވުމުގެ ކުރިއެވެ. ކޯސް ހެއްދެވުމަށްފަހު މާލެ ވަޑައިގަތުމުން ކުލަބް ފުޓްބޯޅައިގައި އުޅުއްވުމުގެ ދޮރު ބަންދުވިއެވެ. "ކުޅިވަރު ދަސްކޮށްދޭ" ގެ ނަމުގައި ސްޕޯޓްސް ޑިވިޝަނުގެ ވަޒީފާއެއްގައި އުޅުއްވަން ޖެހިވަޑައިގަންނަވާތީ ވަކި ކުލަބަކަށް ކުޅެން ހުއްދަ ނޯންނަނީއެވެ.

ހުއްދަ ނޯންނަނީ ކުލަބް ފުޓްބޯޅައެވެ. އޭރުގެ ކުޅިވަރާބެހޭ މުޝީރު މަރުހޫމް ޒާހިރު ނަސީރު ހައްދަވައިގެން އުޅުއްވި ޚާއްސަ ޓީމުތަކާއި ގައުމީ ޓީމަށް ކުޅެވެއެވެ. ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ރާއްޖެއިން ބޭރުގައި ވާދަކުރި ފުރަތަމަ މުބާރާތަކީ 1978 ވަނަ އަހަރު ރިޔުނިއަންގައި ބޭއްވުނު އިންޑިޔާ ކަނޑުގެ ޖަޒީރާ ގައުމުތަތަކުގެ ކުޅިވަރު މުބާރާތެވެ. ނާބެއަކީ އެ މުބާރާތުގައި ކުޅުނު ރާއްޖޭގެ ގައުމީ ޓީމުގެ ވައިސް ކެޕްޓަނެވެ. ފުރަތަމަ މެޗުގައި ނާބެއަކީ ފޯވާޑެކެވެ. ފޯވާޑުންގެ ބޭނުމަށްވުރެ ޑިފެންޑަރުންގެ ބޭނުން ބޮޑުކަމަށް ފެނިގެން ދެން ހުރިހާ މެޗެއްގައި ނާބެ ކުޅުނީ ޑިފެންސަށެވެ.

ނާބެ ވަނީ އެއް އަހަރަށްވުރެ ގިނަ އަހަރުތަކުގައި ރާއްޖޭގެ އެއްވަނަ ޑިފެންޑަރުކަންވެސް ހޯއްދަވައިފައެވެ. އޭރު މިއަށް ކިޔަނީ ތަފާތު ނަމެކެވެ. އެދުވަސްވަރު ހޮވަނީ އެންމެ މޮޅު ބެކެވެ. އެގޮތުން ނާބެއަކީ އެހެން ކުޅުންތެރިޔަކަށް ގާތްވެސް ކޮށްނުލެވޭ އެއްވަނަ ބެކެވެ. މިމަގާމު އެންމެ ފުރަތަމަ ހޯއްދެވީވެސް ތާރީޚީ އަހަރެއްގައެވެ. ގައުމީ ފުޓްބޯޅަ މުބާރާތް އައްޑުއަތޮޅުގައި ކުޅުނު އަހަރުއެވެ. އެއީ އިނގިރޭސިން ގަމުގައި ތިބެގެން އެމީހުންގެ އެހީޔާއެކު އައްޑޫގައި ފުޓްބޯޅަ ވަރަށް ރަނގަޅަށް ވައިގައި ހިފާލާފައި އޮތް ދުވަސްވަރެވެ. އުދުހޭ މުފީދުމެންގެ ޑީއެންސީ ކުލަބާއި އެފަދަ އެނޫންވެސް ކުލަބުތަކުގެ ރަން ޒަމާނެވެ. އެދުވަސްވަރު އެމީހުންގެ ރަށުގައި ކުޅެގެން އެމީހުންނަށްވެސް ފޫއަޅުވައި ނުލެވުނު ޑިފެންސަކީ ނާބެގެ ޑިފެންސެވެ. އެހެންވީމާ އެއްވަނަ ޑިފެންޑަރުކަން ނާބެއަށެވެ.

ރާއްޖޭގައި އަލަށް ދޭންފެށި މަގާމެއް ކަމުގައިވާ ބަޔަށް އެންމެ ފައިދާހުރި ކުޅުމެއް ކުޅުނު ކުޅުންތެރިޔާގެ މަގާމުވެސް އެންމެ ފުރަތަމަ ހޯއްދެވީ ނާބެއެވެ. އެކަމަކު އެއީ ކުޅުންތެރިއެއްގެ ގޮތުގައި ނާބެ ފެނިގެންދިޔަ އެންމެ ފަހު އަހަރުތަކުގެ ތެރޭގައެވެ. އެއީ 80ގެ އަހަރުތަކުގެ ކުރީކޮޅެވެ. އެދުވަސްވަރުގެ ތެރޭގައި ވިކްޓަރީ ސްޕޯޓްސް ކުލަބް ވުޖޫދު ކުރުމުގައިވެސް ނާބެ ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބުކަމަށް އެންމެންވެސް ގަބޫލުކުރާ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ އެއް ބާނީއަކީ ނާބެއެވެ.

ކެރިއަރުގެ ފަހުކޮޅު ވިކްޓަރީގެ ކުޅުންތެރިއެއްގެ ގޮތުގައްޔާއި ކޯޗެއްގެ ގޮތުގައިވެސް ނާބެ ފެނިގެން ގޮސްފައެވެ. ސްޕޯޓްސް ޑިވިޝަނުގެ ކުޅިވަރު ދަސްކޮށްދޭގެ މަގާމުގައި ހުންނަވައިގެން ކުލަބް ހަރަކާތްތަކުގައި ވާދަނުކުރެެއްވޭތީ ނާބެ ވަނީ ހަތަރު ފަސް އަހަރެެއް ފަހުން އެގާމުން އިސްތިއުފާ ދެއްވައި މިނިވަންވެ ވަޑައިގެންފައެވެ.

ނާބެއަކީ ހަމައެކަނި ފުޓްބޯޅަ ކުޅުންތެރިއެއް ނޫނެވެ. އެޒަމާނުގައި ހުރިހާ ކުޅިވަރެެއްވެސް ގައުމީ ފެންވަރުގައި ކުޅެނީ މައިގަނޑު ގޮތެެއްގައި އެއްބައެކެވެ. އެގޮތުން ނާބެވެސް ރާއްޖޭގައި ބޭއްވޭ ހުރިހާ ބާވަތެއްގެ ކުޅިވަރު މުބާރާތްތަކުގައި ވާދަކުރެއްވިއެވެ. ފުޓްބޯޅައިގެ އިތުރުން ކުރިކެޓާއި ވޮލީއެވެ. ޓެނިހާއި ހޮކީއެވެ. ޓޭބަލްޓެނިހާއި މަންޑިއެވެ. އަދި ބައިސިކަލް ރޭހުގައިވެސް ވާދަކުރެެއްވިއެވެ. މިހުރިހާ ކުޅިވަރުތަކުންވެސް ގައުމީ ފެންވަރުގައި ވަނަވަނަ ހޯއްދަވާފައިވެއެވެ.

ބައިނަލްއަގުވާމީ ސަނަދެއް ހާސިލްކުރައްވައިގެން "ކުޅިވަރު ދަސްކޮށްދޭ" ގެ މަގާމުގައި ހުންނަވައިގެން ދިވެހި ޒުވާނުންނަށް ނާބެ ދަސްކޮށްދެއްވީ ހަމައެކަނި ފުޓްބޯޅައެއް ނޫނެވެ. ހުރިހާ ކުޅިވަރަކަށްވެސް ޒުވާނުން ތަމްރީނު ކުރެެއްވިއެވެ. މަގު ދެއްކެވިއެވެ. ލޯހުޅުވައި ދެއްވިއެވެ. އެކަމަކު އެންމެ ގަޔާވެގެން ނާބެ ކުރެއްވި މަސައްކަތަކީ މަޖީދިއްޔާ ސްކޫލްގެ ފުޓްބޯޅަ ކޯޗުކަމެވެ. ނާބެގެ ކުޅިވަރުގެ ހަޔާތުގެ ބިންގާ އެޅުނީ މަޖީދިއްޔާގައެވެ. އެހެންވީމާ އެ ސްކޫލުގެ ފުޓްބޯޅަ ކޯޗުކަމަކީ ނާބެގެ އެންމެ ޚާއްސަ އެއް މެޑެއްޔެވެ. އެންމެ ރަން އެއް ހަނދާނެވެ.

ނާބެގެ އިރުޝާދާއި އެހީތެރިކަން ލިބިގެން ރާއްޖޭގެ އެކިއެކި ކުޅިވަރުތަކުގެ ތެރެއަށް ތައާރަފުވެގެން ދިޔަ ޒުވާނުންގެ އަދަދު ވަރަށްވެސް ގިނައެވެ. އެއްޖީލުން އަނެއް ޖީލަށް ރާއްޖޭގެ ކުޅިވަރުގެ ދަންމަރު ނަގުލު ކުރުމުގައި ނާބެއަކީ ވަރުގަދަ ބުރިޖެކެވެ. ކުޅިވަރުގެ ކުރީ ޒަމާނުން މިޒަމާނަށް ދިވެހި ޒުވާނުން ކުރި ދަތުރުގައި ހުރަސްކުރި ބުރިޖަކީ އެއްވެސް ޝައްކެއްނެތި ނާބެގެ ބުރިޖެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ނުވަތަ އެތުލީޓެއްގެ ގޮތުގައި ރިޓަޔަރ ކުރެެއްވުމަށްފަހު ދެންވެސް ނާބެ ފެންނަމުން ދިޔައީ ކުޅިވަރުގެ ހަރަކާތްތަކުގެ ތެރެއިންނެވެ. "ކުޅިވަރު ދަސްކޮށްދޭ" އެއްގެ ގޮތުގައްޔާއި އެދާއިރާގެ މެނޭޖްމަންޓުންނެވެ. މިގޮތުން އެންމެ ފަހުން ނާބެ ފެނިގެންދިޔައީ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ބޯޑުންނެވެ.

ރާއްޖޭގެ ކުޅިވަރަށް ނާބެ ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކޮށް 2006 ވަނަ އަހަރު ސަރުކާރުން ވަނީ ނާބެއަށް އާއްމު ޚިދުމަތުގެ ގައުމީ އިނާމު އަރުވާފައެވެ. ނާބެގެ ފުޓްބޯޅައިގެ ޚިދުމަތުގެ އަގު ވަޒަންކޮށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމުން ވަނީ 2017 ވަނަ އަހަރު ނާބެއަށް ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް ވެސް އަރުވައިފައެވެ.