މާއެނބޫދޫ އަހުމަދު އާދަމް
ދިވެހިރާއްޖޭގެ އިންޖިނޭރިންގެ ބައްޕަ
ކ. މާލެ |

ދިވެހިރާއްޖެ މިނިވަންކަމުގެ ދުނިޔެއަކަށް ނިކުތުމަށް މަސައްކަތް ކުރި ދުވަސްވަރާއި އަދި މިނިވަން ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސަފުގައި އެހެން ގައުމުތަކާ ފައިހަމަ ކުރުމަށް މަސައްކަތް ކުރި ދުވަސްވަރު ފަންނީ ކަންކަމުގެ ތައުލީމާއި ތަމްރީނާއި ހުނަރު ލިބިފައިވާ ދިވެހި ޒުވާނުންނަށްނަށް ދިވެހި ގައުމު އޮތީ ވަރަށް މަތީ ދަރަޖައަކަށް ބޭނުންވެފައެވެ. އެދުވަސްވަރު މިދާއިރާއިން މާގިނަ ދިވެހިން ތަމްރީނުވެފައެއް ނެތެވެ. މައިދާނުން ފެންނާންހުރީ ދިވެހި އެންމެ ޒުވާނެކެވެ. އެއީ ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫއަށް ނިސްބަތްވެވަޑައިގަންނަވާ އަހުމަދު އާދަނެވެ.

އަހުމަދު އާދަމް އުފަންވެވަޑައިގަތީ ދ. މާއެނބޫދޫގައެވެ. މާލެއަށް ވަޑައިގެންނެވުނީ މުހައްމަދު އަމީނުގެ ވެރިކަމުގެ ދައުރުގައި ދާރުލްއިގާމާއޭ ކިޔުނު މުއައްސަސާއެއް އުފައްދަވައި އަތޮޅުތެރޭގެ ދަރިވަރުންނަށްވެސް މާލޭގައި ތިބެގެން ތައުލީމު އުނގެނުމުގެ ފުރުސަތު ފަހިކޮށްދެއްވުމުގެ ތެރެއިންނެވެ. ނިލަންދެއަތޮޅު ދެކުނުބުރިން ދާރުލްއިގާމާއަށް ގެނެވުނު ދެ ދަރިވަރުންގެ ތެރެއިން އެއްދަރިވަރަކީ އުމުރުން އެންމެ ދިހަ އަހަރުވީ އަހުމަދު އާދަނެވެ.

ދާރުލްއިގާމާގައި މިދެންނެވި ގޮތަށް ތައުލީމު ހާސިލްކުރަން ފުރުސަތު ލިބޭ ކޮންމެ ކުއްޖަކީ ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއި ތަމްރީނުގެ ދޮރު ހުޅުވޭ ކުއްޖެއް ނޫނެވެ. އެދުވަސްވަރު މަތީ ތައުލީމަށްޓަކައި ބޭރަށް ފޮނުވޭ ގިނަކުދިންގެ ދާއިރާއަކީ އިސްލާމީ ޝަރީއަތާއި ދީނެވެ. އެދުވަސްވަރު ދުނިޔަވީ ތައުލީމުގެ އެކި ދާއިރާތަކަށް ދިވެހި ޒުވާނުންނަށް ގައުމު އޮތީ ނުހަނު ބޭނުން ވެފައެވެ. އެކަމަކު އެފުރުސަތު ފަހިކޮށެއް ނުދެވެއެވެ. އަހުމަދު އާދަނަކީ އެފުރުސަތު ފަހިވެގެން އެކަމުގެ ބޭނުން ހިފި ފުރަތަމަ ދިވެހި ޒުވާނާއެވެ.

ސާނަވީ ތައުލީމު އަހުމަދު އާދަނު ފުރިހަމަ ކުރެއްވީ ސިލޯނުން ހަމަޖެހުނު ސްކޮލަރޝިޕެއްގައި ކޮޅުނބުގެ ސެންޓް ޕީޓާރސް ކޮލެޖުގައެވެ. އެ ކޮލެޖުގައި ހުންނަވައިގެން ހަމައެކަނި ކިޔަވައިވިދާޅުވީކީއެއް ނޫނެވެ. ކުޅިވަރުގެ ރޮނގުންވެސް އޭނާއަކީ ކޮލެޖުގައި ވަރަށް ވިދި ތަރިއެކެވެ. ކޮލެޖުގެ ކުރިކެޓް ޓީމުގައި ހިމެނުނު ފުރަތަމަ ދިވެއްސަކީވެސް އަހުމަދު އާދަނެވެ. އިންޖިނޭރިންގެ ތެރެއަށް ލޯހުޅުވި އަދި އެދާއިރާގެ ތަމްރީނުގެ ބިންގާ އެޅިގެންދިޔައީވެސް ސިލޯނުގައެވެ. ސާނަވީ ތައުލީމު ފުރިހަމަ ކުރެއްވުމަށްފަހު ރާއްޖެއަށް ވަޑައިނުގެން ކޮޅުނބުން އޭނާ އަރައިވަޑައިގަތީ ދިވެހި ސަރުކާރުގެ ފުރަތަމަ އާގުބޯޓުކަމަށްވާ މޯނިންގް ސްޓާރއަށެވެ. އެ ބޯޓުގެ ދަސްކުރާ އިންޖިނޭރެއްގެ ވަޒީފާއާ ގުޅިވަޑައިގަތީ 1 ފެންބުރައރީ 1959 ގައެވެ.

މޯނިންގް ސްޓާރގައި އަމަލީ ތަޖުރިބާ ހޯއްދަވަމުން ގެންދަވަނިކޮށް ދިވެހި ސަރުކާރުން ހަމަޖެއްސެވި ސްކޮލަރޝިޕެއްގައި އިންޖިނޭރިންގެ ދާއިރާއިން މަތީ ތައުލީމުގެ ފުރުސަތު އަހުމަދު އާދަނަށް ލިބިވަޑައިގެންނެވިއެވެ. އޭނާ މިދާއިރާއިން ސަނަދު ހާސިލްކުރެއްވީ އިނގިރޭސިވިލާތުގައެވެ. އަހުމަދު އާދަނު ހިމެނިވަޑައިގަތީ އިންޖިނޭރިިންގެ ދާއިރާއިން ސަނަދު ހާސިލްކުރެއްވި ފުރަތަމަ ދިވެހި ޒުވާނާކަމުގައެވެ. ޒަމާނީ އުސޫލާއި ހަމަތަކުގެ މަތިން ދިވެހި ފުރަތަމަ އިންޖިނޭރުކަމުގައެވެ. އިނގިރޭސިވިލާތުން އަހުމަދު އާދަނަށް ކޯސް ހޯއްދަވައިދެއްވުމުގައި އޭރުގެ ބޮޑުވަޒީރު ވެލާނާގޭ އިބްރާހިމް ނާސިރުގެ ބޭނުންފުޅެއް އޮތެވެ. އެއީ މާލޭގެ ކަރަންޓުގެ ޚިދުމަތް ބޭރު މީހުންނާނުލައި ހިންގޭވަރަށް އެދާއިރާ ދިވެހިކޮށް މިނިވަން ކުރުމެވެ.

ދައުލަތުގެ އާގުބޯޓު ކުންފުނި ހިންގަވާން އޭރު ހުންނެވި ވެރިޔާއަށް ނާސިރު އެންގެވިކަމަށްވެއެވެ. އަހުމަދު އާދަނު ހުންނަވަންވީ އާގުބޯޓެއްގެ އިންޖީނު ފަލްކާތެރެޔަކު ނޫނެވެ. އޭނާ ހުންނަންވީ މާލޭގެ އިންޖީނުގެ ތަރައްގީކޮށް ހިންގާން މާލޭގައެވެ. ދައުލަތުގެ ބޮޑު އިންޖީނުގޭގައެވެ. ނާސިރުގެ މި ވިސްނުންފުޅާ އެއްގޮތަށް އަހުމަދު އާދަނު އިނގިރޭސިވިލާތުން ކިޔަވައި ވިދާޅުވެގެން އެނބުރި ރާއްޖެ ވަޑައިގަތުމަށްފަހު ގުޅިވަޑައިގަތީ މާލޭގެ އިންޖީނުގެއާއެެވެ. އޭރު މިދާއިރާގައި ދިވެހިންގެ ތެރޭގައި ހުރިހާކަމެއްވެސް ކުރައްވަން ހުންނެވީ އަހުމަދު އާދަނެވެ. އެހެންވީމާ އޭނާ ހިމެނިވަޑައިގަތީ ދައުލަތަށް ނުހަނު ބޭނުންތެރި ޒުވާނަކަށެވެ.

ނާސިރުގެ ބޮޑުވަޒީރުކަމުގެ ދައުރާއި އަދި ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރުގައި ފަންނީ ކޮންމެ ކަމެއްގައި އަހުމަދު އާދަނަކީ ނާސިރުގެ އެޑްވައިޒަރެވެ. ރައީސް އޮފީހުގެ އިންޖިނޭރިން ކޮންސަލްޓަންޓްގެ ގޮތުގައެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ހިންގެވުމުގެ އިތުރަށް ރާއްޖޭގެ މުވާސަލާތު ޒަމާނީ ވެގެން އައި ދުވަސްވަރު އޭގެ ތެރޭގައިވެސް އަހުމަދު އާދަނު އިސްދައުރެއް އަދާކުރެއްވިއެވެ. މޯލްޑިވްސް ޝިޕިން ލިމިޓެޑް ފުޅާކުރުމާއި ޒަމާނީ ކުރުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. ޓީވީ މޯލްޑިވްސް ވުޖޫދުކުރުމުގައި ދިވެހިންގެ ތެރެއިން އެންމެ އިސްދައުރެއް އަދާކުރެއްވީވެސް އަހުމަދު އާދަނެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ ވުޖޫދުވެގެން އައިސް އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރުކަން ކުރެއްވިއެވެ. ފަންނީ ކަންކަމުގައި ދިވެހިން ތަމްރީނުކުރުމުގެ ފުރަތަމަ މުއައްސަސާކަމުގައިވާ ވޮކޭޝަނަލް ޓްރޭނިން ސެންޓަރު، ވީޓީސީ އުފަންކުރުމާއި ހަމައިސްކޮޅަށް ތެދުކުރުމުގައިވެސް އެންމެ އިސްދައުރެއް އަދާކުރެއްވީ އަހުމަދު އާދަނެވެ. ދިވެހިރާއްޖޭގައި ދެވަނައަށް އުފެދުނު ރިސޯޓު ކަމަށްވާ ބަނޑޮސް އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރުކަން ކުރައްވައި ޓޫރިޒަމް ސިނާއަތުގެ ޅަފަތުގެ ދައުރުގައި އެ ސިނާއަތު ހަރުދަނާކުރުމުގެ އެއްމޭސްތިރިޔަކީވެސް އަހުމަދު އާދަނެވެ. ވަނަމެއްގެ ގޮތުގައި މެނޭޖަރު މިނަން އަހުމަދު އާދަނަށް ނިސްބަތް ކުރެވެން ފެށީ ބަނޑޮހުގެ މެނޭޖަރުކަން ކުރެއްވުމުން ކަމުގައި ބުނެވެއެވެ.

މިކަންކަމުގެ އިތުރަށް ޒަމާނީ ފެންވަރުގައި ބޯޓުފަހަރު ބަނުމާއި ބޯޓުތައް އެހެލައި ބޭލުމާއި ބޯޓުތައް މަރާމާތުކުރުމާއި ދޯނިފަހަރުގައި އިންޖީނު އެޅުމާއި މެރީން އިންޖީނަށް ދިވެހިން ތަމްރީނު ކުރުމުގައިވެސް އެންމެ އުސްތަނބަކީ އަހުމަދު އާދަނެވެ. މިކަންކަމުގެ އަގު ވަޒަންކޮށް ދިވެހި ސަރުކާރުން އޭނާއަށް ނިޝާން އިއްޒުއްދީނުގެ ޝަރަފު އަރުވާފައިވަނީ 2019 ވަނަ އަހަރުއެވެ.

މިހާރު އުމުރުފުޅުން 86 އަހަރުވީ އަހުމަދު އާދަނުގެ ގައުމީ ޚިދުމަތުގެ ސަފުހާތައް އަދިވެސް ދަނީ އިތުރުވަމުންނެވެ. ރިޓަޔަރ ކުރައްވައި ގޭގައި ހުންނެވުމާއެކުވެސްމެއެވެ. މާލޭގައި އަހުމަދު އާދަނުގެ އަމިއްލަފުޅު ގެޔަކީ ހެންވޭރު ހިކަރީއެވެ. މާލެއިން ދަނގަނޑާއި މިޒަމާނުގެ ބިލްޑިން މެޓީރިއަލް ލިބެން ނެތް ޒަމާނުގައި އެގެ އަމިއްލަފުޅު އިންޖިނޭރިންގެ ހިކުމަތުން އޭނާ ބިނާކުރައްވައިފައިވަނީވެސް ނަމޫނާއަކަށް ފުދޭ މިންވަރަށެވެ. ބައިގަރުނު ފާއިތުވެގެން ދިޔައިރުވެސް އެގެ އެހެރީ ހަމަ ބިނާކުރިގޮތަށެވެ. ރެނދުލުމެއް، ތަންތައް ވެއްޓި ފޭބުމެއް ނެތެވެ. ބޮޑެތި މަރާމާތުތައް ކުރާކަށްވެސް ނުޖެހެއެވެ. އަހުމަދު އާދަނަކީ ހުރިހާ ގޮތަކުންވެސް ދިވެހިން އިންޖިނޭރިންގެ ބައްޕައެވެ.