އިސްމާއީލް ފަތުހީ
ޚިދުމަތުގެ ވަނަވަރު
ކ. މާލެ |

މާފަންނު އެވިލާ އިސްމާއީލް ފަތުހީ އަވަހާރަވީ ކޮވިޑު ބަލީގެ އާލާސްކަންފުޅުގައި 23 މެއި 2021 ވީ އާދީއްތަ ދުވަހު ހަވީރު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 80 އަހަރެވެ.

އިސްމާއީލް ފަތުހީއަކީ ސަރުކާރުގެ މުދަލާއި ފައިސާ ޚަރަދުކުރުމުގައި ސަރުކާރުން ގެންގުޅުއްވި އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއަށް ވަރަށް ބޮޑަށް ވެދެވަޑައިގެން ހުންނެވި އަދި އޮޑިޓް ދާއިރާގެ މައުލޫމާތު ލިބިވަޑައިގެން ހުންނެވި ތަޖުރިބާކާރު ބޭފުޅެކެވެ. 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާސްތެރި ޚިދުމަތްތަކެއް އެމަނިކުފާނު ވަނީ ކޮށްދެއްވާފައެވެ.

މިކަންކަމުގެ އަގު ވަޒަން ކުރައްވައި ސަރުކާރުގެ ފަރާތުން 2012 ވަނަ އަހަރު ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ޝަރަފް އޮނަރަބަލް ފަތުހީއަށް އަރުވާފައިވެއެވެ.

އިސްމާއީލް ފަތުހީ ކިޔަވައި ވިދާޅުވީ ރާއްޖެއާއި އިންޑިޔާއިންނެވެ. އިންޑިއާގެ ބޮމްބޭ ޔުނިވަރސިޓީން ކޮމާސް ޑިގްރީއެއް ހާސިލު ކުރައްވައިގެން 1969 ވަނަ އަހަރު ރާއްޖެ ވަޑައިގަތުމުން، އޮޑިޓް އޮފީހުގެ އޮޑިޓަރ ކަމުގެ މަގާމު އެމަނިކުފާނަށް ދެއްވިއެވެ. އެހިސާބުން ފެށިގެން އޮޑިޓުގެ ދާއިރާއިން މުވައްޒަފުން ތަމްރީނު ކުރެއްވުމަށްޓަކައި ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް އިސްމާއީލް ފަތުހީ ފެއްޓެވިއެވެ.

ރާއްޖޭގައި އެއްވެސްކަހަލަ ޓްރޭނިން އިންސްޓިޓިއުޓްތަކެއް އުފެދިފައި ނެތް ދުވަސްވަރެއްގައި އެކައުންޓެންޓުން ތައްޔާރުކުރެއްވުމުގައި އިސްމާއީލް ފަތުހީ އިސްނަންގަވައިގެން ކުރެއްވި މަސައްކަތްޕުޅުތައް ގިނަގުނައެވެ. ސަރުކާރުގެ މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓުމުގެ ގަވާއިދު، ފޮތެއްގެ ސިފައިގައި ފުރަތަމަ ނެރުމުގައިވެސް އިސްމާއީލް ފަތުހީގެ ހިއްސާ ވަރަށް ބޮޑެވެ. މިދެންނެވި ގަވާއިދުތައް އެއްފޮތަކަށް ޗާޕުކުރައްވައިގެން އެންމެ ފުރަތަމަ ނެރުއްވީ 17 ޖެނުއަރީ 1974 ގައެވެ. އެއީ ބޮޑުވަޒީރުގެ އޮފީހުގެ ދަށުން އޮޑިޓް އޮފީސް ހިނގަމުންދިޔަ ދުވަސްވަރެވެ.

ރާއްޖޭގައި ހުޅުވުނު އެންމެ ފުރަތަމަ ބޭންކް ކަމަށްވާ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލޭ ގޮފި ހުޅުވުނުއިރު އެ ބޭންކްގައި ސަރުކާރުގެ އޮފީސްތަކުގެ އެކައުންޓްތައް ހިންގުމުގައި ހިސާބުތައް ގެންގުޅެންވީގޮތް އިންތިޒާމް ކުރެއްވުމުގެ މަސައްކަތުގައި އިސްމާއީލް ފަތުހީ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ. މީގެއިތުރުން ރާއްޖޭގެ ވިޔަފާރީގެ ތަރައްގީގައި ގައުމީ ވިޔަފާރި ބޭންކެއްގެ ޚިދުމަތް ނިހާޔަތަށް ބޭނުންވެފައިވާތީ 1982 ގައި ބޭންކް އޮފް މޯލްޑިވްސް އުފެއްދެވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބަންގްލަދޭޝްގެ ސަރުކާރާއި އަދި އެ ސަރުކާރުގެ ކުންފުނި ކަމަށްވާ [އިންޓަރނޭޝަނަލް ފައިނޭންސް އިންވެސްޓްމަންޓް ކޮމްޕެނީ] އާ ކުރެވުނު މަޝްވަރާތަކުގައި އެންމެ މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅަކީ ފަތުހީއެވެ.

1981 ވަނަ އަހަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އުފެއްދެވުމުގައިވެސް އިސްމާއީލް ފަތުހީ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ. ގާނޫނުގައިވާ ގޮތުގެ މަތިން އެ އޮތޯރިޓީގެ ވައިސް ގަވަރުނަރު ކަމުގެ މަގާމު އެމަނިކުފާނު އަދާކުރައްވަން ޖެހިވަޑައިގަތެވެ. ބޭންކްތަކާއި މަނިޓަރީ އޮތޯރިޓީއާ ދެމެދު ހިނގާ މުއާމަލާތުތަކާއި ދިވެހި ފައިސާގެ އަގު ހިފެހެއްޓެވުމުގަޔާއި ގައުމުގެ ތަރައްގީއަށް ފަހިވާނެ ގޮތެއްގައި އެ އޮތޯރިޓީގެ މަސައްކަތްތައް އެމަނިކުފާނު ކުރައްވާފައިވެއެވެ.

ދިވެހި ސަރުކާރު ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މާލީ އިދާރާތަކަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ގަވަރުނަރުކަމާއި އޯލްޓަރނޭޓް ގަވަރނަރުކަންވެސް އެމަނިކުފާނު ކުރައްވާފައިވެއެވެ. ގައުމީ ތަރައްގީގެ މަސައްކަތުގައި މިދެންނެވި މާލީ އިދާރާތަކާއި ސަރުކާރާ ދެމެދު ހިންގުނު ގިނަގުނަ މުއާމަލާތްތަކުގައިވެސް އަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.

އިސްމާއީލް ފަތުހީއަކީ ފިނޭންސްގެ ދާއިރާގައިވެސް 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. 1979 ވަނަ އަހަރުގެ ކުރިން ސަރުކާރުގެ ބަޖެޓް ތައްޔާރު ކުރައްވަމުން ގެންދެވީ އޮޑިޓް އޮފީހުންނެވެ. ލިބޭ އާމްދަނީއަށްވުރެ ޚަރަދު ބޮޑުނުވާނެ ގޮތަކަށެވެ. އެހެންނަމަވެސް، 1979 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ފަރާތުން ބަޖެޓް ސިޔާސަތު ބަދަލުކުރައްވައި ތަރައްގީގެ ބަޖެޓަކަށް އަމާޒު ކުރެއްވިއެވެ. ފަތުހީ ވަނީ ޑިރެކްޓަރ އޮފް ފިނޭންސްގެ މަގާމުގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް ކަމުގެ މަގާމުވެސް ފުރުއްވާފައެވެ. ރައްޔިތުންގެ މަޖިލީހުގައި ބަޖެޓުގެ ތަފްސީލު ދެއްވަނީވެސް އެދުވަސްވަރު ފަތުހީއެވެ.

11 ނޮވެމްބަރ 1993 ގައި އޮޑިޓަރ ޖެނެރަލް ކަމުގެ މަގާމަށް އިސްމާއީލް ފަތުހީ ހަމަޖެއްސެވިއެވެ. އެދުވަހުން ފެށިގެން އޮޑިޓް އޮފީސް ރާއްޖޭގެ ތަރައްގީއާ އެއްފެންވަރަށް ގެންނަވައި ހަރުދަނާ ކުރެއްވުމަށްޓަކައި ތަފާތު މަޝްރޫއުތައް ހިންގަވައި ގިނަގުނަ މަސައްކަތްޕުޅުތަކެއް އެމަނިކުފާނު ކުރައްވާފައިވެއެވެ.

އޮޑިޓަރ ޖެނެރަލް ކަމުގެ މަގާމުގައި 14 އަހަރަށްވުރެ ގިނަ ދުވަހު ހުންނެވިއެވެ. ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ މަގާމަށް 16 ޖެނުއަރީ 2008 ގައި އިސްމާއީލް ފަތުހީ ހަމަޖެއްސެވިއިރު އެމަނިކުފާނު ހުންނެވީ އޮޑިޓަރ ޖެނެރަލް އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފައިނޭންސްގެ މަގާމުގައެވެ.

ނޭޝަނަލް ޕްލޭނިންގ އޭޖެންސީގެ ޑިރެކްޓަރެއްގެ ގޮތުން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމުގައި އިސްމާއީލް ފަތުހީ މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަންވެސް އިސްމާއީލް ފަތުހީ ދެފަހަރެއްގެ މަތިން ކުރައްވާފައިވެއެވެ.