އިސްރާއީލް-އީރާން ހަނގުރާމަ

  • އިސްރާއީލުގެ ސިފައިން ބުނަނީ ގޯލަން ހައިޓްސްގައި އިތުރު ޑްރޯނެއް އިންޓަރސެޕްޓް ކުރެވިއްޖެކަމަށް
  • އިސްރާއީލުގައި ތިބި ޖަރުމަނު ރައްޔިތުން ގެންދަނީ
  • އީރާނުގެ ކަރަޖްގެ ވައިގެ ބަނދަރު ކައިރީގައި ގޮވުންތަކެއް
 
Writer Profile Picture
ރާއްޖެ އެމްވީ
އިސްރާއީލުގެ ސިފައިން ބުނަނީ ގޯލަން ހައިޓްސްގައި އިތުރު ޑްރޯނެއް އިންޓަރސެޕްޓް ކުރެވިއްޖެކަމަށް

ކުރު ބަޔާނެއްގައި، ސިފައިން ބުނެފައިވަނީ އިސްރާއީލުން ހިފާފައިވާ ސީރިއާގެ ސަރަޙައްދުގެ ދެކުނުގައި އެ ޑްރޯން އިންޓަރސެޕްޓް ކުރެވުނު ކަމަށެވެ.

އިސްރާއީލުން ވަނީ ސީރިއާގެ ދެކުނު-ހުޅަނގު ކަންމަތީގައި އޮންނަ ގޯލަން ހައިޓްސް 1967 އިން ފެށިގެން ހިފާފައެވެ.

19 ޖޫން 2025 | ބުރާސްފަތި 00:46
Writer Profile Picture
ރާއްޖެ އެމްވީ
އިސްރާއީލުގައި ތިބި ޖަރުމަނު ރައްޔިތުން ގެންދަނީ

އިސްރާއީލުން ފުރުމަށް ބޭނުންވާ ޖަރުމަނު ރައްޔިތުންނަށް ޚާއްޞަ ފްލައިޓްތައް ކުރިއަށް ގެންދާނެ ކަމަށް ޖަރުމަނުން ބުނެފިއެވެ.

އުރުދުން ގެ ތެރެއިން އިސްރާއީލުން ފުރުމަށް ބޭނުންވާ ޖަރުމަނު ރައްޔިތުންނަށް ޚާއްޞަ ވިޔަފާރި ފްލައިޓްތައް އިންތިޒާމުކުރުން، އެކަމަށް ބޭނުންވާހާ ހިނދަކު އަދި ޙާލަތު ތަންދޭހާ ހިނދަކު ކުރިއަށް ގެންދާނެ ކަމަށް ބަރލިންގ ގައި ހުންނަ ފޮރިން އޮފީހުގެ ތަރުޖަމާނެއް ބުނެފިއެވެ.

18 ޖޫން 2025 | ބުދަ 18:37
Writer Profile Picture
ރާއްޖެ އެމްވީ
އީރާނުގެ ކަރަޖްގެ ވައިގެ ބަނދަރު ކައިރީގައި ގޮވުންތަކެއް

ވީޑިއޯއިން ކަރަޖްގެ ވައިގެ ބަނދަރު ކައިރީގައި ހިނގި ގޮވުންތަކެއް ހާމަ ވެއްޖެއެވެ.

އަލްޖަޒީރާ އިން ޞައްޙަކަން ކަށަވަރުކޮށްފައިވާ ސޯޝަލް މީޑިއާގެ ވީޑިއޯއަކުން ދައްކުވައިދެނީ އީރާނުގެ ވެރިރަށް ތެހްރާނުގެ ހުޅަނގުގައިވާ ކަރަޖްގެ ޕަޔާމް ވައިގެ ބަނދަރު ކައިރީގައި ހިނގި ބޮން ގޮވުމެކެވެ.

އިސްރާއީލުން ދެންމެއަކު ބުނެފައި ވަނީ އެ ޤައުމުން އަނެއްކާ ވެސް ތެހެރާނަށް ހަމަލާ ދެމުން ދާކަމަށެވެ.

18 ޖޫން 2025 | ބުދަ 18:32
Writer Profile Picture
ނާޒުމީ ސައީދު
އީރާނުގެ 40 ތަނަކަށް މިއަދު ހަމަލާދީފައިވާ ކަމަށް އިސްރާއީލުން ބުނެފި

މިއަދު ހެނދުނު، އެއަރ ފޯސްގެ ހަނގުރާމަވެރި ޖެޓް މަތިންދާބޯޓުތަކުން އިންޓެލިޖެންސް ޔުނިޓުގެ އިރުޝާދުގެ ދަށުން އީރާނުގެ ހުޅަނގު ސަރަޙައްދުގައި ހުރި އަސްކަރީ އަމާޒުތަކަށް ހަމަލާދިނުމުގެ ދަތުރެއް ނިންމާލައިފި ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލު ސިފައިންގެ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، "ގާތްގަނޑަކަށް 25 ހަނގުރާމަވެރި ޖެޓް މަތިންދާބޯޓުން އިސްރާއީލު ދައުލަތަށް އަމާޒުކޮށްފައިވާ 40 އަށްވުރެ ގިނަ މިސައިލް އިންފްރާސްޓްރަކްޗަރ އަދި މިސައިލް ރައްކާކުރާ ތަންތަނާއި އީރާނު ވެރިކަމުގެ އަސްކަރީ އޮޕަރޭޓަރުންނަށް ހަމަލާދީފައިވެއެވެ.

18 ޖޫން 2025 | ބުދަ 16:09
Writer Profile Picture
ނާޒުމީ ސައީދު
އީރާނުން 'މަޖުބޫރުކުރެވޭ ހަނގުރާމައާއި ސުލްހައަށް' ސާބިތުކަމާއެކު ކުރިމަތިލާނެ، ބޯނުލަނބާނެ: ޚާމަނާއީ

ޓަސްނިމް ނިއުސް އޭޖެންސީ މެދުވެރިކޮށް ދިން ޓީވީ މެސެޖެއްގައި، އީރާނުގެ އުއްތަމަ ވެރިޔާ އަލީ ޚާމަނާއީ ވިދާޅުވެފައިވަނީ، "އީރާނުން މަޖުބޫރުކުރެވޭ ހަނގުރާމައަކާ ދެކޮޅަށް ސާބިތުކަމާއެކު ކުރިމަތިލާނެ، ހަމަ އެފަދައިން މަޖުބޫރުކުރެވޭ ސުލްހައަކާ ދެކޮޅަށްވެސް ސާބިތުކަމާއެކު ކުރިމަތިލާނެ" ކަމަށެވެ.

"މި ޤައުމުން އެއްވެސް މީހަކަށް މަޖުބޫރުކުރުމުގެ ކުރިމަތީގައި ބޯނުލަނބާނެ." ޚާމަނާއީ ވިދާޅުވިއެވެ.

އީރާނުގެ އިސްވެރިޔާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތްކުރައްވައި ވިދާޅުވެފައިވަނީ، އީރާނާއި އޭގެ ތާރީޚު އެނގޭ މީހުންނަށް "އެނގޭނެ އީރާނުގެ ރައްޔިތުން ބިރުދެއްކުމުގެ ބަހުރުވައަށް ރަނގަޅަކަށް ޖަވާބެއް ނުދޭކަން" އެވެ.

"އަދި އަމެރިކާގެ މީހުންނަށް އެނގެންވާނެ އެއްވެސް އެމެރިކާގެ ސިފައިންގެ އަސްކަރީ މެދުވެރިވުމަކާއެކު ޔަޤީނުންވެސް އިޞްލާޙު ނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެކަން."

18 ޖޫން 2025 | ބުދަ 15:51
Writer Profile Picture
ނާޒުމީ ސައީދު
ޚާމަނައީ: އިސްރާއީލުން ކުރި ކުށުގެ އަދަބު ލިބޭނެ

އީރާނުގެ މެހަރު ނިއުސް އެޖެންސީގެ ރިޕޯޓުގައިވާ ގޮތުން، އީރާނުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީގެ ތަޤްރީރެއް މިވަގުތު ދަނީ ބްރޯޑްކާސްޓްކުރަމުންނެވެ.

18 ޖޫން 2025 | ބުދަ 15:46
Writer Profile Picture
ނާޒުމީ ސައީދު
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އަލްޖަޒީރާއަށް ދެއްވި ބަޔާނުން ފާހަގަ ކުރެވުނު މުހިއްމު ނުކުތާތައް

އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ތިންވަނަ ޤައުމަކުން ސީދާ ބައިވެރިވުމަކީ "މުޅި ސަރަޙައްދަށް އަދި އޭގެ ބޭރަށްވެސް ފެތުރިގެންދާނެ" ފުޅާ ދާއިރާއެއްގެ ހަނގުރާމައަކަށް ދަޢުވަތު ދިނުމެކެވެ.

އީރާނުން "މިވަގުތަށް" އަމާޒުކުރަނީ ހަމައެކަނި އިސްރާއީލުގެ ސަރަޙައްދަށް އެކަންޏެވެ. އަދި އެމެރިކާއިން އީރާނަށް ހަމަލާދިނުމަށް އެ ޤައުމުގެ އަވައްޓެރި ޤައުމުތަކުގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަ ނުދޭނެކަމަށް އީރާނުން ޔަޤީންކުރެއެވެ.

އެމެރިކާއާއެކު މަޝްވަރާކުރުމަށް އީރާނުން ތައްޔާރަށް ހުރިތޯ އެހުމުން، އޭނާ ވިދާޅުވީ، "ޑިޕްލޮމަސީ ދުވަހަކުވެސް ނިމުމަކަށް ނާދެއެވެ،" ނަމަވެސް ތެހެރާނުން މިހާރު ވޮޝިންގްޓަނަށް އިތުބާރު ނުކުރާ ކަމަށެވެ.

އީރާނުން ވަނީ ހުރިހާ ޤައުމުތަކަކާއެކު، އޭގެ ތެރޭގައި ރަޝިޔާވެސް ހިމެނޭގޮތަށް، ގުޅުމުގައެވެ. އެއީ އެ ޤައުމުތަކަކީ ސެކިއުރިޓީ ކައުންސިލުގެ ދާއިމީ މެންބަރުން ކަމަށްވާތީއެވެ. އަދި "އަހަރުމެން އުންމީދުކުރަނީ ޔޫއެން ސެކިއުރިޓީ ކައުންސިލުގެ ދަށުން މެންޑޭޓެއް އޮތް، ނުވަތަ ފުރުޞަތެއް އޮތް ކޮންމެ ފަރާތަކުންވެސް މި ހަމަލާ ކުށްވެރިކުރާ ޤަރާރެއް ފާސްކުރުމަށް އެހީތެރިވެދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ."

18 ޖޫން 2025 | ބުދަ 15:25
Writer Profile Picture
ނާޒުމީ ސައީދު
ޔޫކޭ އިން އިޒްރޭލުގައި ހުރި ފޮރިންގ އޮފީހުގެ މުވައްޒަފުންގެ ޢާއިލާ މެންބަރުން އަނބުރާ ގެންދަނީ

އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ބޮޑެތި ނުރައްކާތަކަށް ރިޢާޔަތްކޮށް، އެ ޤައުމުގައި ހުރި އެމްބަސީއާއި ކޮންސިއުލޭޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޢާއިލާ މެންބަރުން ވަގުތީގޮތުން އަނބުރާ ގެންދާ ކަމަށް ބްރިޓެއިން އިން ބުނެފިއެވެ.

"ތެލްއަވީވްގައި ހުރި ބްރިޓިޝް އެމްބަސީއާއި ޖެރޫސަލަމްގައި ހުރި ބްރިޓިޝް ކޮންސިއުލޭޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޢާއިލާ މެންބަރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަގުތީގޮތުން އަނބުރާ ގެންގޮސްފައެވެ،" ފޮރިންގ އޮފީހުން އިޒްރޭލަށް ދަތުރުކުރުމާ ބެހޭ ލަފާގައި ބުނެފައިވެއެވެ.

"އެމްބަސީއާއި ކޮންސިއުލޭޓުން ކުރަންޖެހޭ މުހިންމު މަސައްކަތްތައް، އޭގެ ތެރޭގައި ބްރިޓިޝް ރައްޔިތުންނަށް ދޭ ޚިދުމަތްތައްވެސް ހިމެނޭގޮތަށް، ކުރިއަށް ގެންދެއެވެ،" އެ އޮފީހުން އިތުރަށް ބުނެފައިވެއެވެ.

18 ޖޫން 2025 | ބުދަ 15:16
Writer Profile Picture
ނާޒުމީ ސައީދު
އިސްރާއީލުގެ ސިފައިން ބުނާ ގޮތުގައި 5 ދުވަހުގެ ތެރޭގައި އީރާނުގައި 1,100 އަމާޒަކަށް ހަމަލާދީފި

އިސްރާއީލުގެ ސިފައިން ބުނާ ގޮތުގައި 5 ދުވަހުގެ ތެރޭގައި އީރާނުގައި 1,100 އަމާޒަކަށް ޙަމަލާދީފި އެވެ.

ޓައިމްސް އޮފް އިސްރާއީލް ނޫހުގައި ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ސިފައިންގެ ޚަބަރު ފަތުރާ ފަރާތް ކަމުގައިވާ އެފީ ޑެފްރިން މި އަދަދު ހާމަކުރީ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އޭނާ ބުނި ގޮތުގައި މި ޙަމަލާތަކުން ދައްކުވައިދެނީ އިސްރާއީލުން "ނިއުކްލިއަރ ބިރުވެރިކަން ނައްތާލުމަށް ނިޒާމެއްގެ ދަށުން މަސައްކަތްކުރަމުންދާކަން" ކަމަށެއެވެ.

"އެއަރ ފޯސްއިން އީރާނުގައި މިނިވަންކަމާއެކު ޢަމަލުކުރަމުންދޭ - މިއީ މީގެ ކުރިން ދުވަހަކުވެސް ވެފައިނުވާ ކަމެއް،" ޑެފްރިން ވިދާޅުވެފައިވެއެވެ. މިއީ އީރާނުގެ އެތެރޭގައި ދޭ ޖައްވީ ޙަމަލާއެއްގެ މަންޒަރު ކަމަށް ބެލެވޭ ވީޑިއޯ ފުޓޭޖެއް ހިމެނޭ ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތެވެ.

18 ޖޫން 2025 | ބުދަ 15:13
Writer Profile Picture
ނާޒުމީ ސައީދު
އީރާނުގެ ޚާމަނާއީގެ މެސެޖެއް ޓީވީ މެދުވެރިކޮށް ދާދި އަވަހަށް ފޮނުވާލެވޭނެ: އީރާނުގެ މީޑިއާ

އިީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ޓީވީ މެދުވެރިކޮށް ވާހަކަފުޅު ދައްކަވާނެކަމަށް، އިރާނުގެ ސެމީ-އޮފިޝަލް ތަސްނީމް ނިއުސް އެޖެންސީން ބުނެފިއެވެ.

ޚާމަނާއީ އެންމެ ފަހުން ފެނިވަޑައިގެންނެވީ ހުކުރު ދުވަހު، އިސްރާއީލުން އީރާނަށް ހަމަލާދިނުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

18 ޖޫން 2025 | ބުދަ 15:10
Writer Profile Picture
ނާޒުމީ ސައީދު
މިއީ އިސްތިބްދާދީ ވެރިކަންތައް ވެއްޓޭ ގޮތް ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު ވިދާޅުވެއްޖެ

އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ އީރާނުގެ ސަރުކާރު ވެއްޓެން ކައިރިވެފައިވާ ކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި، ކަޓްޒް ވިދާޅުވެފައިވަނީ އީރާނުގެ "ބާރުގެ ނިޝާންތައް ބޮންއަޅައި ވައްޓާލަމުންދާ ކަމަށާއި، ބްރޯޑްކާސްޓިންގ އޮތޯރިޓީ އަދި ވަރަށް އަވަހަށް އެހެން ތަންތަނަށްވެސް، ގިނަ އަދަދެއްގެ ރައްޔިތުން ފިލަމުންދާ" ކަމަށެވެ.

"މިއީ އިސްތިބްދާދީ ވެރިކަންތައް ވެއްޓޭ ގޮތް،" އޭނާ ވިދާޅުވެފައި ވެއެވެ.

އަންގާރަ ދުވަހު، ކަޓްޒް ވަނީ އީރާނުގެ އުއްތަމަ އިމާމު އަލީ ޚާމަނާއީ އަށް އިރާޤުގެ ޞައްދާމް ޙުސައިން އާއި އެއްފަދަ ނިމުމެއް ކުރިމަތިވެދާނެ ކަމަށް އިންޒާރުދެއްވާފައެވެ. "ޚާމަނައީ އަށް އިރާނާ އިންވެގެންވާ ޤައުމުގެ އިސްތިބްދާދީ ވެރިޔާ އިސްރާއީލް ދައުލަތާ ދެކޮޅަށް މި މަގު ޚިޔާރުކުރުމުން ދިމާވި ނިމުން ހަނދާންކޮށްލުން ރަނގަޅުވާނެ،" ކަޓްޒް ވިދާޅުވިއެވެ.

18 ޖޫން 2025 | ބުދަ 15:07
Writer Profile Picture
ނާޒުމީ ސައީދު
އދ ގައި ހުންނަ އީރާނުގެ ޑިޕްލޮމެޓު އިސްރާއީލުގެ ހަމަލާތަކަށް ގަދަ ބަދަލެއް ދޭނެކަމަށް ވަޢުދުވެއްޖެ

އިސްރާއީލުގެ ހަމަލާތަކަށް އީރާނުން "ގަދައަށް" އަދި "ހިފެހެއްޓުމެއް ނެތި" ޖަވާބުދޭނެ ކަމަށް ޖެނީވާގައި ހުންނަ އދ އަށް އީރާނުން ކަނޑައަޅާފައިވާ ސަފީރު ވިދާޅުވެއްޖެއެވެ.

"އަޅުގަނޑުމެންގެ ރައްޔިތުންނާއި، ސަލާމަތާއި އަދި ބިން ދިފާޢުކުރުމުގައި އެއްވެސް ފަސްޖެހުމެއް ނުދައްކާނަމެވެ. އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް އަދި ގަދައަށް، އެއްވެސް ހިފެހެއްޓުމެއް ނެތި ޖަވާބުދޭނަމެވެ،" އަލީ ބަހްރެއިނީ ނޫސްވެރިންނަށް ވިދާޅުވިއެވެ.

18 ޖޫން 2025 | ބުދަ 14:13
Writer Profile Picture
ނާޒުމީ ސައީދު
އިސްރާއީލާއި އީރާނުގެ ހަމަލާތައް ދަނީ ކުރިއަށް

އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ 6 ވަނަ ދުވަހުވެސް ތެލް އަވީވްއާއި ތެހެރާންގައި ގޮވުންތަކެއް އިވިގެން ދިޔައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ "މިހާރު އަހަރުމެންނަށް އީރާނުގެ އުޑުގެ މައްޗަށް ފުރިހަމަ އަދި މުޅި ކޮންޓްރޯލް ލިބިފައިވާ" ކަމަށެވެ. އަދި އީރާނުން "ޝަރުތަކާ ނުލައި އަތްދިއްކުރުމަށް" އެދިވަޑައިގަތެވެ. ރިޕޯޓުތަކުގައިވާ ގޮތުން އެމެރިކާއިން މެދުއިރުމަތީގެ ސަރަޙައްދަށް އިތުރު ހަނގުރާމަވެރި ޖެޓް މަތިންދާބޯޓުތަކެއް ފޮނުވާފައިވެއެވެ.

އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 240 އަށްވުރެ އިތުރުވެއްޖެއެވެ. އޭގެ ތެރޭގައި 70 އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އީރާނުން އިސްރާއީލަށް ދިން ހަމަލާތަކުގައި 24 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

18 ޖޫން 2025 | ބުދަ 12:05
Writer Profile Picture
ރާއްޖެ އެމްވީ
ވަޓްސްއެޕް ފޯނުން ފުހެލުމަށް އީރާނުން އެގައުމުގެ ރައްޔިތުންނަށް އެންގުމާ ގުޅިގެން ވަޓްސްއެޕް އިން ކަންބޮޑުވެއްޖެ

އީރާނުގެ ދައުލަތުގެ ޓެލެވިޜަނުން ރައްޔިތުންނަށް ގޮވާލާފައިވަނީ އެމީހުންގެ ސްމާޓްފޯނުތަކުން ވަޓްސްއެޕް ފުހެލުމަށެވެ. އެއީ އެ މެސެޖިންގ އެޕްއިން ބޭނުންކުރާ މީހުންގެ މަޢުލޫމާތު އިސްރާއީލަށް ފޮނުވާ ކަމަށް ތުހުމަތު ކޮށްފައެވެ.

މިކަމާ ގުޅިގެން ވަޓްސްއެޕްއިން ބަޔާނެއް ނެރެފައިވެއެވެ.

މެޓާގެ ދަށުން ހިންގާ އެ އެޕްއިން ބުނެފައި ވަނީ "މި ދޮގު ރިޕޯޓުތަކަކީ މީހުންނަށް އެންމެ ބޭނުންވާ ވަގުތު އަޅުގަނޑުމެންގެ ޚިދުމަތްތައް ބްލޮކް ކުރުމަށް ބޭނުން ކުރާނެ އުޒުރެއްގެ ގޮތުގައި ވެދާނެތީ ކަންބޮޑުވެއެވެ."

"އަހަރެމެން އެއްވެސް މީހަކު ހުންނަ ތަން ޓްރެކެއް ނުކުރަމެވެ، ކޮންމެ މީހަކު މެސެޖު ކުރަމުންދާ ގޮތުގެ ލޮގްތަކެއް ނުބަހައްޓަމެވެ، އަދި މީހުން އެކަކު އަނެކަކަށް ފޮނުވާ އަމިއްލަ މެސެޖުތައް ޓްރެކެއް ނުކުރަމެވެ،" އެ ކުންފުނިން ބުނެފައިވެއެވެ.

"އަޅުގަނޑުމެން އެއްވެސް ސަރުކާރަކަށް ގަނޑުކޮށް މަޢުލޫމާތު ނުދެމެވެ،" އެ ކުންފުނިން އިތުރަށް ބުނެފައިވެއެވެ.

ވަޓްސްއެޕްއިން ބޭނުންކުރަނީ އެންޑް-ޓު-އެންޑް އެންކްރިޕްޝަނެވެ. އޭގެ މާނައަކީ އިތުރު ފަރާތަކަށް މެސެޖު ފެންނާނެ ގޮތް ނުވުން ކަމަށް އެ ކުންފުނިން ބުނެއެވެ.

18 ޖޫން 2025 | ބުދަ 08:23
Writer Profile Picture
ރާއްޖެ އެމްވީ
ގިނަ އެމެރިކާ މީހުން އިސްރާއީލް-އީރާން ހަނގުރާމައިގައި އެމެރިކާގެ ސިފައިން ބައިވެރިވުމާ ދެކޮޅު

ޔޫގޮވް އިން ހެދި ސަރވޭއަކުން ދައްކާ ގޮތުގައި، ސަރވޭގައި ބައިވެރިވި އެމެރިކާގެ 60 އިންސައްތަ މީހުން ދެކޭ ގޮތުގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި އެމެރިކާގެ ސިފައިން ބައިވެރިވެގެން ނުވާނެއެވެ.

އެންމެ 16 އިންސައްތަ މީހުން އެމެރިކާގެ ސިފައިން ބައިވެރިވުމަށް ތާއީދުކުރިއެވެ. އަ. އަދި 24 އިންސައްތަ މީހުން ބުނީ އެކަމާ މެދު ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.

ޑިމޮކްރެޓުންގެ ތެރެއިން 65 އިންސައްތަ މީހުން އެމެރިކާގެ ސިފައިން ބައިވެރިވުމާ ދެކޮޅެވެ. އަދި ރިޕަބްލިކަނުންގެ ތެރެއިން 53 އިންސައްތަ މީހުން ދެކޮޅެވެ. މިނިވަން މީހުންގެ ތެރެއިން 61 އިންސައްތަ މީހުން މިކަމާ ދެކޮޅު ކަމަށް ބުނެފައިވެއެވެ.

މި ސަރވޭއިން އިތުރަށް ދައްކާ ގޮތުގައި، އެމެރިކާގެ ދެބައިކުޅަ އެއްބައި މީހުން ދެކޭ ގޮތުގައި އީރާނަކީ އެމެރިކާގެ ދުޝްމަނެކެވެ. އަދި 25 އިންސައްތަ މީހުން ބުނީ އީރާނަކީ އެމެރިކާއާ ރަހުމަތްތެރި ޤައުމެއް ނޫން ކަމަށެވެ.

18 ޖޫން 2025 | ބުދަ 08:14
Writer Profile Picture
ރާއްޖެ އެމްވީ
އީރާނުން ވައިގެ ސަރަޙައްދު ބަންދު ވަގުތު އިތުރުކޮށްފި

ސަރުކާރުގެ ބްރޯޑްކާސްޓަރުން ބުނެފައިވަނީ އީރާނުގެ ވައިގެ ސަރަޙައްދު މިއަދު މެންދުރުފަހު އެތަނުގެ ގަޑިން 2:00 އާ ހަމައަށް ބަންދުކޮށްފައި ބާއްވާނެ ކަމަށެވެ.

18 ޖޫން 2025 | ބުދަ 07:01
Writer Profile Picture
ރާއްޖެ އެމްވީ
އިރުމަތީ ތެހުރާނުގައި ގޮވުމެއް: ރިޕޯޓު

އީރާނުގެ ނޫރު ނިއުސް އައުޓްލެޓުން ބުނެފައިވަނީ އިރުމަތީ ތެހުރާނުގައި، ހިކްމިއްޔާ-ތެހުރާން ޕާރސް ސަރަޙައްދުގައި ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށެވެ.

18 ޖޫން 2025 | ބުދަ 06:59
Writer Profile Picture
ރާއްޖެ އެމްވީ
ޓްރަމްޕް ނެޝަނަލް ސެކިއުރިޓީ ޓީމާއެކު ބައްދަލު ކުރައްވަނީ

އެމެރިކާގެ މީޑިއާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، އެމެރިކާގެ ރައީސް ޓްރަމްޕް އަންގާރަ ދުވަހު މެންދުރުފަހު ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި އޭނާގެ ނެޝަނަލް ސެކިއުރިޓީ ޓީމާއެކު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުން ބޭއްވެނީ އިރާނާއި އިސްރާއީލާ ދެމެދު އިތުރަށް ގޯސްވަމުންދާ ހަނގުރާމައިގައި އެމެރިކާގެ ބައިވެރިވުން އިތުރުކުރުމާމެދު ޓްރަމްޕް ވިސްނަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

އޭނާ ވޮޝިންގްޓަނަށް އެނބުރި ވަޑައިގެންނެވީ އިއްޔެ، ކެނެޑާގައި ބޭއްވުނު ޖީ7 ސަމިޓްގައި ބައިވެރިވުން އެއް ދުވަހަށް ކުރުކުރައްވާފައެވެ.

އަންގާރަ ދުވަހުގެ ކުރީކޮޅު، ޓްރަމްޕް ވަނީ އޭނާގެ ޓްރޫތް ސޯޝަލް ޕްލެޓްފޯމްގައި އެތައް ބަޔާނެއް ނެރުއްވާފައެވެ. އޭގެ ތެރޭގައި އިރާނުގެ ވެރިންނަށް އަމާޒުކޮށް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އިރާނުގެ އެންމެ މަތީ ވެރިޔާ "ފޮރުވިފައި ހުރި" ތަން އެމެރިކާއަށް "ސީދާ" އެނގޭ ކަމަށެވެ.

18 ޖޫން 2025 | ބުދަ 01:59
Writer Profile Picture
ރާއްޖެ އެމްވީ
އިރާނުގެ ފަރޫޣު ފެސިލިޓީ އަށް ގެއްލުން ނުދީ ހަނގުރާމަ ނުނިމޭނެ: އިސްރާއީލުގެ އޮފިޝަލެއް

އީރާނުގެ ޔުރޭނިއަމް އެންރިޗްކުރާ މައިގަނޑު ސައިޓް ކަމުގައިވާ ފަރޫޣަށް ގެއްލުން ނުދީ އިރާނާ ދެކޮޅަށް ކުރެވޭ އަސްކަރީ އޮޕަރޭޝަން ނިމުމަކަށް ނާންނާނެ ކަމަށް އިސްރާއީލުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޒަޗީ ހަނެގްބީ ޗެނަލް 12 އާ ވާހަކަ ދައްކަމުން ބުނެފިއެވެ.

މާހިރުން ބުނާ ގޮތުގައި ފަރޫޣު ގެ ދިފާޢީ ނިޒާމް ފޫއަޅުވާލެވޭނީ އެމެރިކާގެ އެހީތެރިކަމާއެކު - ބޮޑެތި ބޮންތަކާއި ހަތިޔާރުތަކާއެކުގައެވެ.

ޤޮމް ސިޓީ ކައިރީގައިވާ މި ފެސިލިޓީ ވަނީ ފަރުބަދައެއްގެ އެތެރޭގައި ފުންކޮށް ބިނާކޮށްފައެވެ.

18 ޖޫން 2025 | ބުދަ 01:57
Writer Profile Picture
ރާއްޖެ އެމްވީ
މަތިންދާ ބޯޓާ އެކު ވެއްޓުނު އިސްރާއީލުގެ ޕައިލެޓަކު އީރާނުން ހޯދަނީ

އީރާނުގެ މެހަރް ނިއުސް އެޖެންސީ އިން ރިޕޯޓު ކުރަނީ އިސްރާއީލުގެ ޕައިލެޓަކު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އީރާނުން ބުނަނީ އޭނާ ވަނީ ބޯޓާ އެކު އީރާނުގެ ސަރަހައްދަށް ވެއްޓިފައެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ ދުޝްމަނުންގެ މަތިންދާބޯޓަކަށް ދިން ހަމަލާގައި އީރާނުގެ ދެކުނު ހުޅަނގުގައިވާ ޗަހާރްމަހާލް އަދި ބަޚްތިޔާރީ ޕްރޮވިންސް އަށް ވެއްޓިފައިވާ ކަމަށާއި، އަދި ބޯޓުގެ ޕައިލެޓު ހޯދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

18 ޖޫން 2025 | ބުދަ 01:48
Writer Profile Picture
ރާއްޖެ އެމްވީ
ހައިފާ އަދި ތެލް އަވީވުގެ ރައްޔިތުންނަށް ވަގުތުން އެތަންތަނުން ނުކުތުމަށް އީރާނުގެ ސިފައިންގެ އިސްވެރިޔާ ގޮވާލައިފި

އީރާނުގެ ހަތިޔާރުއެޅި ބާރުތަކުގެ ޗީފް އޮފް ސްޓާފް އަބްދުލްރަހީމް މޫސަވީ އިސްރާއީލުގެ ބޮޑެތި ދެ ސިޓީ ކަމުގައިވާ ހައިފާ އަދި ތެލް އަވީވުގެ ރައްޔިތުންނަށް އެ ސަރަހައްދުތައް ހުސްކުރުމަށް ގޮވާލައިފިއެވެ. އޭނާގެ މެސެޖު ގައި ކުއްލި "އަދަބުދިނުމުގެ" ހަމަލާތަކެއް އަންނާނެ ކަމަށް އިންޒާރު ދީފައިވެއެވެ.

އިސްރާއީލަށް އިޝާރާތްކޮށް މޫސަވީ ބުނެފައިވަނީ "އޮކިއުޕައިޑް ޓެރިޓަރީތަކުގެ ރައްޔިތުން، ޚާއްޞަކޮށް ތެލް އަވީވު އަދި ހައިފާގެ ރައްޔިތުންނަށް އެމީހުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި މި ސަރަހައްދުތައް ދޫކޮށް ދިއުމަށް ވަރަށް ބޮޑަށް ގޮވާލަމެވެ" މިފަދައިންނެވެ.

18 ޖޫން 2025 | ބުދަ 01:43
Writer Profile Picture
ރާއްޖެ އެމްވީ
އިސްރާއީލުގެ މިސައިލް ދިފާއީ ނިޒާމު އޯވަރލޯޑް ވެއްޖެ

ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓުކުރާ ގޮތުގައި، ނަން ހާމަނުކުރާ މަސްދަރަކަށް ހަވާލާދީ ބުނެފައިވަނީ، އެމެރިކާ އިން އިތުރު އިންޓަރސެޕްޓަރުތައް ނުލިބޭނަމަ އިސްރާއީލަށް އެ ގައުމުގެ މިސައިލް ދިފާއީ ނިޒާމު ދެމެހެއްޓޭނީ 10 ދުވަސް ނުވަތަ ގިނަ ވެގެން 20 ދުވަހަށް އެކަނި ކަމަށެވެ.

"އެމީހުން އިންޓަރސެޕްޓް ކުރަނާނެ އެއްޗެހި އިޚްތިޔާރު ކުރަން ޖެހޭނެ،" އެ މަސްދަރު ބުނެފައިވެއެވެ. "ސިސްޓަމް މިހާރުވެސް ވަނީ އޯވަރލޯޑް ވެފައި.

18 ޖޫން 2025 | ބުދަ 01:40
Writer Profile Picture
ރާއްޖެ އެމްވީ
އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތައް ރަޝިޔާ އިން ކުށްވެރިކޮށްފި

އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތައް ރަޝިޔާ އިން ކުށްވެރިކޮށް، އެއީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެ، ތެހެރާންގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ގޮތުން ކަންބޮޑުވުންތައް ހުރި ނަމަ ޑިޕްލޮމެޓިކް ގޮތުން ހައްލުކުރުމަށް ގޮވާލައިފިއެވެ.

ޓެލެގްރާމްގައި ޕޯސްޓްކޮށްފައިވާ ބަޔާނެއްގައި، ރަޝިޔާގެ ފޮރިން މިނިސްޓްރީން ފާހަގަކޮށްފައިވަނީ އީރާނުން "ސާފުކޮށް ބަޔާންކޮށްފައިވާ" ގޮތުގައި ނިއުކްލިއަރ ހަތިޔާރު ނުފެތުރުމުގެ މުޢާހަދާ (އެން.ޕީ.ޓީ) އަށް އެ ޤައުމުން ޢަމަލުކުރުމަށް އެއްބަސްވެފައިވާ ކަމާއި، އެމެރިކާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަމަށެވެ.

މޮސްކޯއިން ބުނެފައިވަނީ އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައި.އޭ.އީ.އޭ) އިން "ސާފުކޮށް ދޭހަވާ ދިރާސާ އެއް ގެ" ގެ އިންތިޒާރުގައި ތިބިކަމަށެވެ. އެއީ އިސްރާއީލުގެ ހަމަލާތަކުން އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ގެއްލުން ލިބިފައިވޭތޯ ބެލުމަށް ކަމަށް ބުނެފައިވެއެވެ.

އީރާނަކީ އެން.ޕީ.ޓީގައި ސޮއިކޮށްފައިވާ ޤައުމެއް ކަމާއި، އެ ޤައުމުގެ ނިއުކްލިއަރ ތަންތަން އައި.އޭ.އީ.އޭ އިން ބަލައި ފާސްކުރުމަށް ހުއްދަދީފައި ވާއިރު، އިސްރާއީލުން އެ މުޢާހަދާގައި ދުވަހަކުވެސް ސޮއިކޮށްފައި ނުވާކަމާއި، އެ ޤައުމުގައި ނިއުކްލިއަރ ހަތިޔާރު ހުރިކަމަށް ފުޅާ ދާއިރާއެއްގައި ޤަބޫލުކުރެވޭ ކަމަށް ވެސް ރަޝިޔާ އިން ބުނެފައިވެއެވެ.

18 ޖޫން 2025 | ބުދަ 01:35
Writer Profile Picture
ނާޒުމީ ސައީދު
ޚާތަމް-އަލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓަރސްގެ އިސްވެރިޔާ، އަލީ ޝަދްމާނީ، ތެހެރާންގައި ދިން ހަމަލާއެއްގައި މަރާލައިފި ކަމަށް އިސްރާއީލުން ބުނެފި

އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ޚާތަމް-އަލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓަރސްގެ އިސްވެރިޔާ، އަލީ ޝަދްމާނީ، ތެހެރާންގައި ދިން ހަމަލާއެއްގައި މަރާލައިފިކަމަށެވެ.

އެމީހުން ޝަދްމާނީ ސިފަކޮށްފައިވަނީ އިރާނުގެ "އެންމެ އިސް ސިފައިންގެ ކޮމާންޑަރު" އަދި އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުއްﷲ އަލީ ޚާމަނާއީ "އެންމެ ގާތް މީހާ" ގެ ގޮތުގައެވެ.

ޝަދްމާނީ މި މަޤާމަށް އައްޔަންކުރެވިފައިވަނީ ހުކުރު ދުވަހު އިސްރާއީލުން ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓަރުގެ ކުރީގެ ކޮމާންޑަރު ޣުލާމް އަލީ ރަޝީދު މަރާލުމަށްފަހުގައެވެ.

17 ޖޫން 2025 | އަންގާރަ 13:51
Writer Profile Picture
ރާއްޖެ އެމްވީ
އިސްރާއީލާއި އީރާނުން ހަމަލާތައް ބަދަލު ކުރަނީ

ތެހެރާނުގައި ގޮވުންތަކެއް އިވި، އަދި ތެލް އަވީވްގައި އެއަރ ރެއިޑް ސައިރަންތަކުގެ އަޑު ދަނީ އިވެމުންނެވެ.

އީރާނުގެ ސަރުކާރުގެ ޓެލެވިޜަނަށް އިސްރާއީލުން ދިން ހަމަލާ އަކަށްފަހު، އީރާނުން ބުނެފައި ވަނީ އިސްރާއީލުގެ ބިމަށް އެ ޤައުމުގެ ތާރީޚުގައި ދޭނެ އެންމެ ބޮޑު އަދި އެންމެ ގަދަފަދަ މިސައިލް ހަމަލާ ދިނުމަށް ތައްޔާރު ވަމުންދާ ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެފައިވަނީ އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމަކުން ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަކަށް ނުބެލެވޭ ކަމަށާއި، އޭގެ ބަދަލުގައި އެކަމުން "މި ހަނގުރާމަ ނިމުމަކަށް އަންނާނެ" ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި ތެހެރާނުގެ ހުރިހާ ރައްޔިތުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އަމުރު ކުރައްވާފައެވެ. އަދި އީރާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުދެވޭނެ ކަމަށްވެސް ތަކުރާރު ކޮށް ވިދާޅުވެފައިވެއެވެ.

އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 220 އަށްވުރެ އިތުރުވެފައިވެއެވެ. އޭގެ ތެރޭގައި 70 އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އަދި އީރާނުން އިސްރާއީލަށް ދިން ހަމަލާތަކުގައި 20 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

17 ޖޫން 2025 | އަންގާރަ 08:15