ދުނިޔޭގެ އެންމެ މުއްސަނދި ދެމަފިރިންގެ ގޮތުގައި ގުނެމުން އައި އެމެރިކާގެ ބިލް ގޭޓްސް އާއި މަލިންޑާ ގޭޓްސްގެ ކައިވެނި 27 އަހަރަށް ފަހު ނިމުމަކަށް އައުމުން އެ ދެމަފިރިންގެ ނަމަށް ނިސްބަތްވާ ޚައިރާތު ފައުންޑޭޝަނުގެ ކުރިމަގާމެދު ސުވާލު އުފެދިއްޖެއެވެ.
ބިލް އެންޑް މަލިންޑާ ފައުންޑޭޝަނަކީ ދުނިޔޭގެ ކަންކޮޅުތަކުގައިވާ ފަގީރުންނަށް އެހީވުމަށް އެ ދެމަފިރިން ދެހާސް ވަނަ އަހަރު ވުޖޫދު ކުރި ފައުންޑޭޝަނެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި އެކި ކަހަލަ ތަހުލީލުތަކާއި ދިރާސާތައް ހިންގުމަށާއި ސިއްހަތާއި ތައުލީމުގެ ކަންކަން ހަރުދަނާ ކުރުމަށާއި ވެކްސިން އުފެއްދުމަށް އެ ފައުންޑޭޝަނުން މިހާތަނަށް އެތައް ބިލިޔަން ޑޮލަރެއް ހޭދަކޮށްފައިވެއެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑު ޕްރައިވެޓް ފައުންޑޭޝަނެވެ.
މިހާރު ދުނިޔެއަށް ބަނަކަން ގެނެސްފައިވާ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައިވެސް ބިލް އެންޑް މަލިންޑާ ފައުންޑޭޝަނުގެ އެހީތެރިކަމަށް ދުނިޔޭގެ ފަގީރު ވަރަށް ގިނަ ގައުމުތަކުން ބަރޯސާ ކުރެއެވެ.
ބިލް އެންޑް މަލިންޑާ ފައުންޑޭޝަނަކީ ދުނިޔޭގެ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ގުޅޭ ކަންކަމުގައި ވެސް އެންމެ ގިނަ ބަޔަކު ބަރޯސާކުރާ އެހީތެރިކަމުގެ ވަސީލަތެވެ. ބިލް ގޭޓްސް އާއި މަލިންޑާ ގޭޓްސްގެ އިރުޝާދުގެ ދަށުން އެ ފައުންޑޭޝަން ހިންގަމުން އަންނަނީ ސީއީއޯގެ މަގާމުގަައި ހުރި މާރކް ސުޒްމަނެވެ.
މި ފައުންޑޭޝަން އެންމެ ފުރަތަމަ އުފެއްދިއިރު ނަމަކީ ވިލިއަމް ހެންރީ ގޭޓްސް ފައުންޑޭޝަނެވެ. އެއީ ބިލް ގޭޓްސްގެ ބައްޕަގެ ނަމެވެ. ތަންކޮޅެއް ފަހުން މަލިންޑާގެ ނަންވެސް ހިމެނޭ ގޮތަށް ފައުންޑޭޝަނުގެ ނަން ބަދަލުކުރީއެވެ.
ބިލް އާއި މަލިންޑާއަށް ދެން އެކުގައި ނޫޅެވޭނެކަން ހާމަކޮށް ދެމީހުންގެ ފަރާތުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ ހަޔާތުގެ ދެން އޮތް ފިޔަވަހީގައި ދެމީހުން ދަތުރުކުރާނީ ވަކިން ކަމުގައެވެ. އެކަމަކު ދެ މީހުންގެ ނަމަށް ނިސްބަތްވާ އަދި ދެމީހުންގެ ފައިސާއިން ހިންގާ ފައުންޑޭޝަނުގެ ކުރިމަގާމެދު އެއްވެސް ވާހަކައެއް ބުނެފައި ނުވެއެވެ.
މައިކްރޯސޮފްޓް ކުންފުނި 1975 ގައި ވުޖޫދުކުރި އެކުންފުނީގެ ބާނީއަކީ ބިލް ގޭޓްސް އެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 124 ބިލިޔަން ޑޮލަރަށް އަރައެވެ. މައިކްރޯސޮފްޓް ކުންފުނީގެ ޑިވިޝަނެއްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުރި މަލިންޑާ އާއި ބިލް ގޭޓްސް ކައިވެނީގެ ގޮތުން ގުޅުނީ 1994 ގައެވެ. އެ ކައިވެނިން ތިން ކުދިން ލިބިފައިވެއެވެ.