މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެޗުން މޮޅުވާން ދަނިކޮށް ފަހަތުން އަރާ ނަތީޖާ ހަމަހަމަކޮށް ޕެނަލްޓީގައި 3-4 އިން ކުރި ހޯދައި ކްލަބު މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިން ހޯދައިފިއެވެ.
މާފަންނު ސްޓޭޑިއަމްގެ ވެލި ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެމްޕީއެލުން ވަނީ މޮޅު ކުޅުމަކާއެކު ތިން ލަނޑު ޖަހައި އެމްއާރުޑީސީ ސިއްސުވާލާފައެވެ. މި ތިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެލަނޑު ކާމިޔާބުކުރި ހުޒަފަތު އާއި އަލީ ޝިފާއު (ރޮނާ) އެވެ.
މިނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފު ފެށިގެން އެމްއާރުޑީސީން ވަނީ ކުޅުން ރަނގަޅުކޮށް އެމްޕީއެލްގެ ހާފަށް ބާރު ބޮޑުކޮށްފައެވެ. އެގޮތުން އެޓީމުގެ ހަސަން އަދުހަމް (ސަޑޭ) ވަނީ 26 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށްފައެވެ.
އަދުހަމްގެ މި ލަނޑާއެކު އެމްއާރުޑީސީން އުފާ ފާޅުކުރަމުން ދަނިކޮށް އެމްޕީއެލްގެ އަލީ ޝިފާއު ވަނީ 27 ވަނަ މިނެޓުގައި އިތުރު ލަނޑެއްޖަހައި އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.
އެމްޕީއެލްގެ މިލަނޑުތަކާއެކު އެޓީމުން ޑިފެންސިވް ކުޅުމެއް ކުޅެމުންދިޔަ އިރު، އެމްއާރުޑީސީން ވަނީ މޮޅު ކުޅުމަކާއެކު އެމްޕީއެލްގެ ހާފަށް ބާރު ބޮޑުކުރަން ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ މެޗުގެ ފަހު ވަގުތު ކޮޅުގައި ގާތްގާތުގައި ތިން ލަނޑު ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ.
މިލަނޑުތަކަށްފަހު ވެސް ލަނޑު ޖެހުމަށް ދެޓީމަށް ހުސަ ފުރުސަތުތައް ލިބުނު ނަމަވެސް މެޗު ނިމިގެންދިޔައީ ދެޓީމު އެއްވަރެއްގައި އޮވެގެންނެވެ.
މެޗުގެ ފުރިހަމަ ވަގުތު އެއްވަރުވުމުން ނަތީޖާ ނެރުމަށް ދެން ކުރިއަށް ގެންދިޔައީ ޕެނަލްޓީ ޝޫޓް އައުޓެވެ. އެގޮތުން ދެޓީމުން ވެސް ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބުކުރި އިރު، އެމްއާރުޑީސީން ވަނީ ފަހުން ލިބުނު ދެ ޕެނަލްޓީ ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައެވެ.
އެމްއާރުޑީސީ އަކީ ފާއިތުވި އަހަރުގެ މި މުބާރާތުގެ ރަނަރަޕް ޓީމެވެ.
ފައިނަލް މެޗަށްފަހު ވަނަވަނައަށް ހޮވުނު ކުޅުންތެރިންނާއި ޗެމްޕިއަން އަދި އަދި އެހެނިހެން މަގާމުތަކަށް ހޮވުނު ފަރާތްތަކަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްއާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނިމާލާއި ނެސްލޭ މައިލޯގެ ސީނިއާ މެނޭޖަރު ދިޝާން ވިޖެޔަވަރުދަނާގެ އިތުރުން ކްލަބު މޯލްޑިވްސްގެ އިސްވެރިންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއާރުޑީސީގެ ކެޕްޓަން އިސްމާއިލް އީސާ (މެސީ) އެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވެސް އެޓީމުގެ ކޯޗު މުހައްމަދު އަފްރާހެވެ.
މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިއަކަށް ޔުނައިޓެޑް ބީއެމްއެލްގެ އިބްރާހިމް ސިނާހު ހޮވުނު އިރު، ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ހައުސިންގ މިނިސްޓްރީއެވެ.
މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އެމްއޭސީއެލްގެ އަބްދުﷲ ޒިޔާން އާއި އެމްޕީއެލްގެ ހުޒައިފަތު އާއި އަލީ ޝިފާއުގެ އިތުރުން އެމްއާރުޑީސީގެ އިސްމާއިލް އީސާ އަދި މުހައްމަދު ލިޔާހުއެވެ. ލިޔާހު އަކީ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މި މުބާރާތުގައި ޖުމްލަ 16 ގޯލު ޖަހާފައެވެ.
ކްލަބު މޯލްޑިވްސް ކަޕް 2017 އަދި 30/18 ވުމަންސް ފުޓްސަލް ފިއެސްޓާގެ އެއްވަނަ ސްޕޯޓްސް ނިއުސް ރައިޓަރަކަށް ހޮވުނީ ކްލަބު އިމިގްރޭޝަންގެ މުހައްމަދު މިފްތާހުއެވެ. އަދި މިބައިން އެއްވަނަ ފޭސްބުކް ޕޭޖަކަށް ހޮވިފައި ވަނީ ސްޓެލްކޯ ރެކްރިއޭޝަންގެ ފޭސްބުކް ޕޭޖެވެ.
ކްލަބު މޯލްޑިވްސް ކަޕް 2017 އަދި 30/18 ވުމަންސް ފުޓްސަލް ފިއެސްޓާގެ ބެސްޓް ސަޕޯޓިން ޓީމަކަށް ހޮވުނީ އެމްއާރުޑީސީ އެވެ.