މާލޭގެ މޭޔަރު ކަމަށް އިންތިޚާބުވެވަޑައިގެންނެވި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ޗައިނާ ސަރުކާރުން ތަހުނިޔާ ކިޔައިފިއެވެ.
ޗައިނާ އެމްބަސީން ކުރި ޓުވީޓުގައި ބުނީ އެމްބަސީ ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި ޔޫ ޒުއެންގް ޑރ. މުއިއްޒަށް ގުޅުއްވައި ކާމިޔާބީއަށް ތަހުނިޔާ ވިދާޅުވެފައިވާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ދެ ފަރާތުން ވެސް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށް އެމްބަސީން ބުނެއެވެ.
ކައުންސިލް އިންތިޚާބުގައި ޑރ. މުއިއްޒު މޭޔަރުކަން ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުންނެވެ. ޑރ މުއިއްޒުގެ ކާމިޔާބީއަށް ޗައިނާއިން ތަހުނިޔާ ކީ ނަމަވެސް އިންތިޚާބުވެވަޑައިގެންނެވި އެހެން އެއްވެސް ބޭފުޅަކަށް ޗައިނާގެ ތަހުނިޔާއެއް ނާދެއެވެ. އެ ގައުމަކީ ރައީސް ޔާމީނުގެ ސަރުކާރުގެ ދުވަސްވަރު އެންމެ ގާތް ގުޅުމެއް ބޭއްވި އެއް ގައުމެވެ.
ރައީސް ޔާމީނުގެ ދައުރުގައި ޗައިނާގެ އެހީގައި ރާއްޖޭގައި ގިނަ މަޝްރޫތަކެއް ފަށާފައިވާއިރު އެކަންކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގައި ޗައިނާގެ ސަފީރަކަށް ކުރިން ހުންނެވި ޖަން ލީ ޖޮންގް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ވަރަށް ގިނަ ފަހަރު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިފައިވެއެވެ. ޖަން ގެ ސަފީރު ކަމުގެ ދައުރު ހަމަކުރައްވައި އެނބުރިވަޑައިގެންނެވިއިރު ވެސް ދެން އެފަދަ ދެބަސްވުންތަކެއް ނޯންނާނެ ކަމަށް ވިދާޅުވެ މަޖާޒީ ގޮތަކަށް ދެބޭފުޅުންގެ ޓުވީޓުތައް ފެނިގެން ދިޔައެވެ.