ސުއޭޒް ކެނަލް ހުއްޓުމަކަށް އައީ އޭނާގެ ސަބަބުން ކަމަށް ދައްކަން މީޑިއާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް މިސްރުގެ އަންހެން ކެޕްޓަނެއް ކަމަށްވާ މަރްވާ ސަލަހްދާރް ބުނެފިއެވެ.
މަރްވާ ބުނީ ސުއޭޒް ކެނަލްގެ ތެރޭގައި އެވަރ ގިވެންއޭ ކިޔުނު ބިޔަ އާގުބޯޓު ހުރަސްވެ ކެނަލް ހުއްޓުމަކަށް އައީ އޭނާގެ އިހުމާލުން ކަމަށް ދައްކަން ބައެއް މީހުން މަސައްކަތް ކުރިކުރުމަކީ އޭނާއަށް ވެސް ލިބުނު ހައިރާން ކަމެއް ކަމަށެވެ. ސުއޭޒް ކެނަލުގައި ތާށިވި އާގުބޯޓުގެ ހާދިސާއާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
އަރަބި ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ސުއޭޒް ކެނަލްގައި ބޯޓު ތާށިވި ހާދިސާއަކީ މިސްރުގެ ފުރަތަމަ އަންހެން ކެޕްޓަން މަރްވާގެ އިހުމާލުންވީ ކަމެކެވެ. މީޑިއާއަކަށް ދިން އިންޓަރވިއުއެއްގައި މަރްވާ ބުނީ އެވަރ ގިވެން ހާދިސާ ހިނގިއިރު އޭނާ ހުރީ އިސްކަންދަރިއްޔާގެ ބޭރުގައި އޮތް އައިދާ 4 ނަމަކަށް ކިޔާ ބޯޓެއްގައި ކަމަށެވެ. އެވަރ ގިވެން އާގުބޯޓަކީ އޭނާ ދުވަހަކުވެސް މަސައްކަތްކުރި ބޯޓެއް ނޫން ކަމަށްވެސް ބުންޏެވެ.
މަރްވާ ބުނީ މިހާދިސާ އަކީ އޭނާގެ ކުށުން ދިމާވި ހާދިސާއެއް ކަމަށް ދައްކަން މަސައްކަތްކުރި މީހުންގެ މަގުސަދަކީ އޭނާގެ އަގުވައްޓާލައި އަންހެން ކެޕްޓަނުންނަކީ ބަލިކަށި ބައެއްގެ ގޮތުގައި ދެއްކުން ކަމަށް ވެދާނެ ކަމަށެވެ.
ސުއޭޒް ކެނަލުގައި އެވަރ ގިވެން އާގުބޯޓު ތާށިވުމަށް މެދުވެރިވީ ބޯޓުގައި ތިބި ފަޅުވެރިން ފަރުވާ ކުޑަކުރުމުން ކަމަށް ތަހުގީގުން ދައްކައެވެ. އެ ބޯޓުގައި ތިބީ އިންޑިއާގެ 25 ފަޅުވެރިންނެވެ.
ސުއޭޒް ކެނަލަކީ ރަތްކަނޑާއި މެޑިޓެރޭނިއަން ކަނޑު ގުޅުވައިދޭ މަގެވެ. މި ކެނަލުން ގަޑިއިރެއްގެ ތެރޭ 400 މިލިއަން ޑޮލަރުގެ ކާގޯ ދަތުރުކުރެއެވެ.