މި ސަރުކާރަކީ މަކަރުވެރި ސަރުކާރެއް ކަމަށާއި ވޯޓް ގުނާ ނިމެންދެން އެމްޑީޕީގެ މެމްބަރުން މަގުމަތީގައި ތިބެން ޖެހޭނެކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛް ޙަސަން ލަތީފް ގޮވާލައްވައިފިއެވެ.
ލާމަރުކަޒީ ރާއްޖެ ކެމްޕެއިން ނިންމާލުމުގެ ގޮތުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޙަސަން ލަތީފް ވިދާޅުވީ ހިތާމަ އަކީ މިފަދަ މަކަރުވެރި ސަރުކާރެއް އޮތުމުން ވޯޓުލާ ނިންމާލި ކަމުގައި ވީނަމަވެސް ގެއަށް ވަދެވެން ނެތް ކަމަށާއި ވޯޓް ގުނާ، ނަތީޖާ އާއި ހަމައަށް ދެވެންދެން ހުރިހާ މެމްބަރުންވެސް މަގުމަތީގައި ތިބެން ޖެހޭ ކަމަށެވެ.
ޙަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ މެމްބަރުންގެ ބުރަ މަސައްކަތުން އެމްޑީޕީގެ ތާއީދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮތްކަން ދައްކުވައިދީފި ކަމަށާއި ވޯޓްގެ ނަތީޖާ ދިމާ ކުރުމަކީ ހުރިހާ އެންމެން ނިކުމެ ވޯޓް ލައިގެން ކަމަށެވެ. އެހެންކަމުން ވޯޓްލާ ދުވަހު ވީ އެންމެ އަވަހަކަށް ވޯޓުލާ ނިންމަން ޖެހޭނެ ކަމަށެވެ.
މިރޭ އައޑީ ކާޑު ޔުނިޓް ކަމަށްވާ، ޑީއެންއާރް ހުޅުވައިގެން ހިދުމަތް ދެމުންދާ ކަމަށާއި މިގޮތަށް ކުރަމުންދާ ކަންތައް ބަލަން ޖެހޭ ކަމަށާއި ސަރުކާރުން އެކަން ކުރާއިރު ރަނގަޅު ނިންމުމެއް ނުނިންމާނެ ކަމަށް މިހާރުވެސް ޤަބޫލުކުރެވޭ ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.
"ޑީއެންއާރްގެ މަސައްކަތް ބަލާލަން އެތަނަށް ދާން އެބަޖެހޭ. ސަރުކާރުން ހަދާ މަކަރުތަކުގެ މައުލުމާތު އަބަދުވެސް ލިބެމުންދޭ. މިފަހަރު އެފަދަ މަކަރު ހަދާއިރު ނުހުއްޓުވުނު ކަމުގައި ވީ ނަމަވެސް އެކަން ވިޔަ ނުދިނުމަށް މަސައްކަތް ކުރާނަން. 2018 އިގެ އިންތިގާބު ކާމިޔާބު ކުރާނަން" ޙަސަން ލަތީފް ވިދާޅުވިއެވެ.