ކ. މާލެ
|
28 މާރޗް 2021 | އާދީއްތަ 22:54
ސުއޭޒް ކެނަލުގައި ތާށިވެފައިވާ އެވަރ ގްރީން އާގުބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަމުން ދަނީ.
ސުއޭޒް ކެނަލުގައި ތާށިވެފައިވާ އެވަރ ގްރީން އާގުބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަމުން ދަނީ.
ރޮއިޓަރސް
ސުއެޒް ކެނަލް ބަންދުވުން
ސުއޭޒް ކެނަލް ބަންދުވުމާއިއެކު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވާނެ – ރިޕޯޓް
ސުއޭޒް ކެނަލްގައި ތާށިވެފައިވާ އާގުބޯޓުގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއަށް ހުރަސްތަކެއް ވަނީ ކުރިމަތިވެފައި
ކަނޑުމަގުން ދުނިޔޭގައި ކުރާ ވިޔަފާރީގެ 20 އިންސައްތަ ސުއޭޒް ކެނަލުން ދަތުރުކުރޭ
މި ކެނަލުން ގަޑިއަކު 400 މިލިއަން ޑޮލަރުގެ ކާގޯ ދަތުރުކުރޭ

މިސްރުގެ ސުއޭޒް ކެނަލްގައި ތާށިވެފައިވާ އާގު ބޯޓު 'އެވަރ ގްރީން' ފުންކުރުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވިފައިވާތީ މިދަނޑިވަޅުގައި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސުއޭޒް ކެނަލް ހިންގުމަށް މިސްރުން އުފައްދާފައިވާ ސުއޭޒް ކެނަލް އޮތޯރިޓީން ބުނީ ކެނަލްގައި ތާށިވެފައިވާ އެވަރ ގްރީން އާގުބޯޓު ފުންކުރުމަށް އިތުރު ހަފުތާއެއް ނަގާނެ ކަމަށެވެ. މީގެ އިތުރުން އެ އޮތޯރިޓީން ބުނީ ކެނަލްގައި ތާށިވެފައިވާ އާގުބޯޓުގެ ސަބަބުން އެ ކެނަލްގެ އުތުރާއި ދެކުނުގައި 206 ބޯޓު ދަތުރު ނުކުރެވި ތާށިވެފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސުއޭޒް ކެނަލްގައި ތާށިވެފައިވާ އާގުބޯޓުގެ ސަބަބުން ކަނޑުމަގުން ކުރާ ދުނިޔޭގެ ވިޔަފާރިއަށް ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ކަނޑުމަގުން ދުނިޔޭގައި ކުރާ ވިޔަފާރީގެ 20 އިންސައްތަ ބޯޓުތައް ސުއޭޒް ކެނަލުން ދަތުރުކުރަން ޖެހެއެވެ. މީގެ ތެރޭގައި މުދާ އުފުލާ ކޮންޓެއިނަރުތަކާއި، ތެޔޮ އުފުލާ ކޮންޓެއިނަރުތައް ހިމެނެއެވެ.

ސުއޭޒް ކެނަލް އޮތޯރިޓީން ބުނީ އެވަރ ގްރީން ބޯޓު ފުންކުރުމަށް މިހާތަނަށްކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވެފައިވާ ކަމަށެވެ. ދެން ބޯޓު ފުންކުރުމަށް މިހާރަށްވުރެ ބޮޑެތި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

ސުއޭޒް ކެނަލަކީ ދުނިޔޭގެ ހުޅަނގު ބިތާއި އިރުމަތީ ބިތް ގުޅުވައިދޭ މައި މަގެވެ. މި ކެނަލުން ގަޑިއިރެއްގެ ތެރޭ 400 މިލިއަން ޑޮލަރުގެ ކާގޯ ދަތުރުކޮށް ހަދައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސުއޭޒް ކެނަލުގައި އެވަރ ގްރީން ބޯޓު ތާށިވީ ގަދަވަޔާއި ވެލީގެ ތޫފާނެއް އައި ވަގުތު ބޯޓުގެ ހުންގާނު ކޮންޓްރޯލުން ނެއްޓުމާއި ގުޅިގެންނެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް