ކ. މާލެ
|
21 މާރޗް 2021 | އާދީއްތަ 15:30
ނަޝީ ކޭކްސްގެ ވެރިޔާ އައިމިނަތު ނަޝީދާ އަބޫބަކުރު (ނަޝީ)
ނަޝީ ކޭކްސްގެ ވެރިޔާ އައިމިނަތު ނަޝީދާ އަބޫބަކުރު (ނަޝީ)
ރާއްޖެއެމްވީ
ނަޝީ ކޭކްސް
ނަޝީ ކޭކު ހަދަން ފުރަތަމަ ޝައުގުވެރިވީ އުމުރުން އެންމެ ނުވަވަރަކަށް އަހަރުގައި
ޝައުގުވެރިވީ މާލޭގައި އޭރު ހުރި ލަންކާ ޓީޗަރަކު ހަދައިދީފައި ހުރި ކޭކެއް ފެނިގެން
ކޭކު ހެދުމުގެ ބޭސިކް ކޯހެއް ފުރިހަމަކުރެއްވި އިރު އުމުރުން އެންމެ 12 އަހަރު

ކޭކު ހަދަން އެންމެ ފުރަތަމަ ޝައުގުވެރިވީ، އުމުރުން އެންމެ 9 ވަރަކަށް އަހަރުގައި ކަމަށް، ނަޝީ ކޭކްސްގެ ވެރިޔާ އައިމިނަތު ނަޝީދާ އަބޫބަކުރު (ނަޝީ) ވިދާޅުވެއްޖެއެވެ.

އެންމެ ފުރަތަމަ ކޭކު އެޅުމުގެ ދާއިރާއަށް ޝައުގުވެރިވެލެއްވި ގޮތް ރާއްޖެ ޓީވީގެ 'ފަށާއިރު' ޕްރޮގްރާމަށް ނަޝީ ވަނީ ހިއްސާ ކުރައްވާފައެވެ. ނަޝީ ވިދާޅުވީ، ކޭކު އެޅުމަށް ޝައުގުވެރިވީ ކުއްޖެއްގެ އުފަންދުވަހަށް، މާލޭގައި އޭރު ހުރި ލަންކާ ޓީޗަރަކު، ހަދައިދީފައި ހުރި ކޭކެއް ފެނިގެން ކަމަށެވެ.

ނަޝީ ވިދާޅުވީ، އެ ކޭކު ފެނުމުން، ކޭކު ޑެކަރޭޓް ކޮށްފައި ހުރި ގޮތުން ހައިރާންވި ކަމަށެވެ. އަދި އޭގައި ހުރި ފިނިފެންމާތަކާއި ބޯޑަރު ހަދާފައި ހުރިގޮތާ މެދު ވިސްނައި، އެ މަސައްކަތް ދަސްކުރުމުގެ ޝައުގުވެރިކަން ހިތުގައި އުފެދުނު ކަމަށެވެ.

އެއަށްފަހު ނަޝީގެ ބައްޕައަށް ދަންނަވައިގެން ލަންކާއަށް ބަދަލުވެ އެތަނުގައި ހުރެ ސުކޫލަށް ދަމުން، ކޭކު ހެދުމުގެ ބޭސިކް ކޯހެއް ފުރިހަމަކުރެއްވިކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭރު އުމުރުން ވީ އެންމެ 12 އަހަރުކަން ވެސް ނަޝީ ފާހަގަކުރެއްވިއެވެ.

ކޭކުހެދުމުގެ މަސައްކަތުގެ ތެރެއަށް ވެންނެވުނު ގޮތާ ބެހޭގޮތުން ނަޝީ ވިދާޅުވީ، ބައްޕަގެ ބަލި ހާލަތު ހުރިގޮތުން، ކިޔެވުން ހުއްޓި މާލޭގައި ހުންނަވަން ޖެހުނު ދުވަސްކޮޅު، ކޭކު ހެދުމާ ބެހޭގޮތުން ދަސްވެފައި ހުރި އެއްޗަކާއި، އަތުގައި ހުރި މަދު އާލާތްތައް ބޭނުންކުރައްވައިގެން ރައްޓެހިންނަށް ކޭކު އަޅުއްވައިދެއްވަން ފެއްޓެވީ ކަމަށެވެ.

މިހާރު ނަޝީ ކޭކްސްގެ ދެ އައުޓްލެޓެއް މާލެ އަދި ހުޅުމާލޭގައި ހުރެއެވެ. އެތަނުން ތަފާތު ބާވަތްތަކުގެ ކޭކުތަކާއި، ޕުޑިންއާއި، ޗޮކްލެޓް މޫސް ފަދަ ތަފާތު އެކި ވައްތަރު ތަކުގެ ޕޭސްޓްރީ ލިބެން ހުރެއެވެ.

- ކޮމެންޓް