ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚާޝަގްޖީގެ މަރާލުމާ ގުޅިގެން އެމެރިކާއިން ތައްޔާރުކުރި އިންޓެލިޖެންސް ރިޕޯޓު ހާމަކުރުމާއެކު މެދުއިރުމަތީގައި ހުރި އެންމެ ބާރުގަދަ އެއް މީހާކަމުގައިވާ ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާނަށް މިވަނީ ބޮޑު ލޮޅުމެއް ގެނުވާފައެވެ. މުހައްމަދު ބިން ސަލްމާންގެ އެންގެވުމަކަށް ޚާޝަގްޖީ މަރާލުމުގެ އޮޕަރޭޝަން ކުރިޔަށް ގެންދިޔަކަން ހާމަވުމާއެކު ސައުދީ އާއި ހުޅަނގުގެ ގުޅުމަށް ކުރިޔަށް އޮތް އަހަރުތަކުގައި ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.
އެމްބީއެސްގެ ނަމުން މަޝްހޫރުވެފައިވާ ސައުދީ ވަލީއަހުދުގެ ބައިވެރިވުން މިކަމުގައި އޮތް މިންވަރު ހާމަވުމާއެކު ހުޅަނގުގެ ލީޑަރުންނަށް މުހައްމަދު ބިން ސަލްމާނާއެކު ކުރިޔަށް އޮތްތަނުގައި ގުޅުން ބަދަހިކުރުމަކީ އުނދަގޫ ކަމަކަށްވެގެންދާނެއެވެ. ވަކިން ޚާއްސަކޮށް ހާމަކަން ބޮޑު ގޮތެއްގައި ގުޅުން ބަދަހިކުރުމަކީ ދެން ނާދިރުކަމެކެވެ.
އަނެއްކޮޅުން ސައުދީގެ ވަލީއަހުދުގެ މަގާމުގައި ދިގު މުއްދަތަކަށް ދެމި ހުންނެވުމަށް އެމްބީއެސް ދެކިލައްވަމުން ގެންދަވާ ހުވަފެންފުޅު ހަގީގަތަކަށް ވެދާނެކަމާމެދު ވެސް މިވަނީ ސުވާލުތައް އުފެދިފައެވެ. އުމުރުފުޅުން އެންމެ 35 އަހަރުގެ އެމްބީއެސް އަކީ ސައުދީގެ ގިނަ ބަޔެއްގެ މެދުގައި މަގުބޫލު ބޭފުޅެކެވެ. ވަކިން ޚާސްކޮށް ސައުދި އަރަބިއްޔާގެ ޒުވާނުންގެ މެދުގައި އެމްބީއެސް އަކީ މަޝްހޫރު ޒުވާނުންގެ ތާއީދު ހޯއްދަވާފައިވާ ބޭފުޅެކެވެ. ގައުމިއްޔަތު ދެމެހެއްޓެވުމުގައި ގެންގުޅުއްވާ ސިޔާސަތުތަކާއި ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހައްގުތައް ކަމަށްވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުންފަދަ ހައްގުތައް ހިފެހެއްޓުމުގެ ސިޔާސަތުގެ ސަބަބުންނެވެ.
އަނެއްކޮޅުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ބޭނުންފުޅުވަނީ ސައުދީ ރަސްގެފާނު ސަލްމާން އާއި މަޝްވަރާކުރެއްވުމަށެވެ. އެމްބީއެސް އާ ވާހަކަދެއްކެވުމަށް ބައިޑަން ބޭނުންފުޅެއް ނުވެއެވެ. އެހެންނަމަވެސް އުމުރުފުޅުން 85 އަހަރުގެ ރަސްގެފާނު ސަލްމާންގެ ސިއްހީ ހާލަތު ގޯސްވެފައިވާއިރު ރަސްކަމުގެ ގިނަ ބާރުތަކެއް ވަނީ ދަރިކަލުން އެމްބީއެސް އާ ހަވާލުކުރައްވާފައެވެ.
ޚާޝަގްޖީގެ އެންމެ ފަހުވަގުތުކޮޅު ރިކޯޑްކުރެވިފައިވާ ޓޭޕް
އެމްބީއެސް އާއި ޚާޝަގްޖީގެ މަރާ ގުޅުންވާކަން އެއީ ހުޅަނގުގެ އިންޓެލިޖެންސް އެޖެންސީތަކަށް މާކުރިންވެސް އެނގޭކަމެކެވެ. އެކަންތައް އާންމުންނާ ހަމައަށް ރަސްމީ ސިފައެއްގައި ތިލަވެފައިނުވަނީއެވެ.
2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ކުރީކޮޅާ ސީއައިއޭގެ ވެރިޔަކަށް ހުންނެވި ޖީނާ ހެސްޕަލް ވަނީ ތުރުކީގެ އަންކާރާއަށް ދަތުރެއްކުރައްވާފައެވެ. އެދަތުރުފުޅުގައި ތުރުކީގެ އިންޓެލިޖެންސުން ވަނީ ކޮންސިއުލޭޓްގެ ތެރޭގައި ޚާޝަގްޖީ ހޭދަކުރި އެންމެ ފަހު ވަގުތުތަކުގައި އޭނާ މަރާލުމުގެ އޮޕަރޭޝަން ކުރިޔަށް ގެންދިޔުމަށް ސައުދީގެ ރިޔާޒުން އައިސްތިބި އެޖެންޓުން ކަންތައްތައް ކުރިގޮތާއި ޚާޝަގްޖީގެ ނޭވާ ހާސްކޮށް މަރާލުމުގެ ކަންކަން ކުރިޔަށް ގެންދިޔަގޮތުގެ އޯޑިއޯ ޓޭޕެއް އިއްވާފައެވެ.
ތުރުކީގައި ހުންނަ ސައުދީ ކޮންސިޔުލޭޓްގެ އެތެރޭގައި ހިނގާދިޔަ ކަންތައްތައް ތުރުކީން ރިކޯޑްކޮށްފައިވަނީ ސިއްރުންނެވެ. ޑިޕްލޮމެޓިކް ގޮތަކަށް ބަލާނަމަ މިކަމަކީ ޤާނޫނާއި ޚިލާފުކަމަކަށްވީނަމަވެސް މިޓޭޕަކީ ހުޅަނގުގެ އެކި އިންޓެލިޖެންސް އެޖެންސީތަކާވެސް ހިއްސާކޮށްފައިވާ ޓޭޕެކެވެ. އަދި މިޓޭޕުގެ ޒަރީޢާއިން ހާޝަގްޖީގެ މަރުގެ ބިރުވެރިކަން ދޭހަވެގެންދެއެވެ.
އެމެރިކާގެ އޮފިޝަލުން ބުނާގޮތުގައި ސީއައިއޭއިން މިކަމުގެ ތަހުގީގު ނިންމާފައިވަނީ ހާޝަގްޖީ މަރާލުމުގައި އެމްބީއެސްގެ ބައިވެރިވުން މެދު މިނުންފެށިގެން އެންމެ މަތީ މިންވަރާ ހަމައަށް ހިމެނިފައިވާ ކަމަށެވެ.
އެހެންނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ވައިޓް ހައުސް އިން ވަނީ މިރިޕޯޓް ހާމަނުކޮށް ބާއްވާފައެވެ. އަދި ޓްރަމްޕާ އޭރު ގާތްގުޅުމެއް އޮތް އެމްބީއެސް އާއި އޭނާގެ ގާތް މީހުން މިލަދުވެތި އަމަލުން ސަލާމަތްކޮށްދިނުމަށް ވަނީ މަސައްކަތްކޮށްދެއްވާފައެވެ.
އެމްބީއެސް އަކީ އެމެރިކާގެ ރުހުން އޮތް ބޭފުޅެއް ނޫން:
ސައުދީގެ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާނަކީ ސައުދީ އަރަބިއްޔާގެ ރަސްކަމަށް ދެން ވަޑައިގަތުމަށް އެމެރިކާއިން ބޭނުންވާ ބޭފުޅާއެއް ނޫނެވެ.
އެމެރިކާއިން ބޭނުންވަނީ 2017 ވަނަ އަހަރު އެމްބީއެސް ކޮރަޕްޝަނާއި އެނޫންވެސް ތުހުމަތުތަކުގައި ހައްޔަރުކުރެއްވި އަދި ރަސްކަމަށް ދެން ވަޑައިގަތުމަށް ހަމަޖެހިފައިވާ ޕްރިންސް މުހައްމަދު ބިން ނަޔެފް (އެމްބީއެން) އެވެ.
އެމްބީއެން އަކީ އަހަރުތަކެއް ވަންދެން ސައުދީގެ ރަސްކަމުގެ ދަރުބާރުގައި އެމެރިކާގެ އެންމެ މުހިންމު އަދި އެންމެ ގާތް އެކުވެރިއާއެވެ. އެމްބީއެން ވަނީ ސީއައިއޭ އާ ގާތްގުޅުމެއް ބާއްވާފައެވެ. މީގެއިތުރުން ސައުދީގެ އިންޓީރިއާ މިނިސްޓަރެއްގެ ގޮތުގައި ހުންނަވާ އެމްބީއެން ވަނީ އަލްގައިދާ ބަލިކުރުމުގައި މުހިންމު ރޯލެއް އަދާކުރައްވާފައެވެ.
އެހެންކަމުން ސީއައިއޭގެ ވާހަކަދައްކާ ކަމަށްވާނަމަ މިހާރުގެ ވަލީއަހުދު އެމްބީއެސް އާއި ސީއައިއޭގެ ގުޅުމަކީ އެހާ ރަނގަޅު ގުޅުމެއް ނޫނެވެ.
އައިއެސްގެ ބާރު ކަނޑުވާލުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކާއި އެނޫންވެސް ޓެރަރިޒަމާ ގުޅުންހުރި ކަންކަމަށް ބަލާނަމަ އެމެރިކާ އަށް ސައުދީގެ ރަސްކަމުގެ ދަރުބާރާއި ގާތުން މަސައްކަތްކުރަން ޖެހެއެވެ. އެހެންނަމަވެސް މިހާރުވެސް ބޮޑަށް ބެލެވެނީ އެމެރިކާއިން އެމްބީއެސް އާ ވާހަކަދައްކައިގެން އެކަންތައްތައް ކުރިޔަށް ނުގެންދާނެކަމުގައެވެ. އެއަށްވުރެ ބޮޑަށް އެމްބީއެން އާ ވާހަކަދައްކައިގެން އެމައްސަލަތައް ހައްލުކުރުމުގެ މަގު އިހުތިޔާރުކުރާނެ ކަމަށް ބެލެވެއެވެ.
އިރާނަށް ލިބުނު ރަނުގެ ފުރުސަތެއް:
އެމެރިކާ އާއި ސައުދީ އަރަބިއްޔާގެ ގުޅުމަށް ބުރުއަރާ ކޮންމެ ކަމަކީވެސް ސައުދީގެ އެންމެ ވާދަވެރި އިރާނަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.
އެތައް އަހަރެއް ވަންދެން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އިރާނާ ދެކޮޅަށް އަޅާފައިވީނަމަވެސް މާހިރުން ބުނާގޮތުގައި އިރާނުން އަންނަނީ މެދުއިރުމަތީގައި އިސްދައުރެއް އަދާކުރަމުންނެވެ. ވަކިން ޚާއްސަކޮށް އިރާނުގެ ސިޔާސަތުތައް އަސްކަރީ އެހީތެރިކަމާއެކު ލުބުނާން، ސީރިއާ، އިރާގު އަދި ޔަމަންގައި އަންނަނީ ފުޅާކުރަމުންނެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ސައުދީއަށް އަސްކަރީ ގޮތުން ދޭ އެހީތެރިކަން ނިމުމަކަށް ގެންނަވާނެކަން ހާމަކުރެއްވުމާއެކު އިރާނުން ވަނީ ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީންނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
އެހެންކަމުން ދުރު މުސްތަގްބަލަށް ވިސްނާނަމަ ސައުދީގެ ސަރުކާރުން އަސްކަރީ އަދި ދިފާއީ ކަންކަމުގައި ކުރިޔަށް އޮތްތަނުގައި އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދުމަކީ ވަރަށް ގާތްކަމެކެވެ. އެގޮތުން ރަޝިޔާ އަދި ޗައިނާ އާއެކު ސައުދީން ގުޅުން ބަދަހިކުރަން ފެށުމަކީ ގާތްކަމެއްކަމަށް މާހިރުން ދެކެއެވެ.
މީގެއިތުރުން އިސްރާއީލާއެކުވެސް ސައުދީން ގާތްގުޅުމެއް ބާއްވާނެކަމަށް ބެލެވެއެވެ. އެއީ އިރާނުގެ ނިޔުކުލިއަރ ޕްރޮގްރާމްގެ ކަންތައްކުގައި އިސްރާއީލާއި ސައުދީގެ ވިސްނުން އެއްގޮތްވެފައި އެ ދެ ގައުމުން ވެސް އިރާނުގެ ބާރު އެސަރަހައްދުގައި ކަނޑުވާލަން ބޭނުންވާތީއެވެ.