މިދިޔަ އަހަރަށް ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭޝަން ބަޔާން ހުށަހަޅަން ނުޖެހޭނެކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މީރާއިން ވަނީ ކުންފުނިތަކުން އެއިދާރާއަށް ހުށަހަޅާފައިވާ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނުގައި ބައިތަކެއް އުނިވެފައިވާކަމަށް ނުވަތަ ހިމަނާފައިވާ އަދަދުތަކަކީ ރަނގަޅުނޫން އަދަދުތަކެއްވާކަމަށް ގަބޫލުކުރެވޭނަމަ، އެ ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑިން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި އިސްލާޙުކޮށްފައިވާ ޓެކްސް ބަޔާނެއް ހުށަހެޅިދާނެ ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންނަމަ، 1415 އަށް ގުޅުއްވުން ނުވަތައީމެއިލްކުރުމަށް މީރާއިން އެދެއެވެ.
ދާދިފަހުން މީރާއިން ވަނީ އެއިދާރާގެ ހިދުމަތްދޭ ގަޑިތަކަށް ބަދަލުގެނަސްފައެވެ. އެގޮތުން ޓެކްސްޕޭޔަރ ސަރވިސް ސެންޓަރާއި ހުޅުމާލެ ކަލެކްޝަން ސެންޓަރުން ޚިދުމަތްދޭ ގަޑިތަކަށް ވަނީ ބަދަލުގެނަސްފައެވެ. އަދި ހިދުމަތް ދިނުމަށް ނަންބަރު ދޫކުރާނީ ހެނދުނު 08:15ން މެންދުރުފަހު 12:00ށް ކަމަށް މީރާއިން ބުނެއެވެ. މިހާރު އަމަލު ކުރަމުންދާ ގޮތަށް މީރާގެ ސަރވިސް ސެންޓަރުތަކުން ޓޯކަން ނަންބަރު ދޫކުރުމުގެ ބަދަލުގައި ޓޯކަން ނަންބަރު ދޫކުރާނީ މީރާގެ މޯބައިލް އެޕްލިކޭޝަން އަދި ކިއު-ބީ އެޕްލިކޭޝަން މެދުވެރިކޮށެވެ.
އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިން ޓޯކަން ނެގެން ނެތްނަމަ 3020460 އާ ގުޅައިގެން އެޕޮައިންޓްމަންޓް ހެދޭނެ ކަމަށް ވެސް މީރާއިން ބުނެއެވެ.
ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި މީރާގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވުމުން ވީހާވެސް ގިނަ ފަރާތްތަކުން އެމަގު އިހްތިޔާރުކުރަން މިރާއިން އިލްތިމާސްކުރެއެވެ. އަދި އެއްވެސް ފޯމެއް ހުށަހަޅާނަމަ އެފޯމުގައިވާ އީމެއިލް އެޑްރެހަށް މެއިލް ކުރުމަށާއި، މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މީރާގެ 1415 ނަމްބަރާ ގުޅައި ސާފުކުރެއްވުމަށް މީރާއިން ވަނީ އެދިފައެވެ.
ރާއްޖޭގައި އަނެއްކާވެސް ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅުގައި ސަރުކާރު އޮފީސްތަކުން އޮންލައިންކޮށް ހިދުމަތްދޭ ގޮތަށް ވަނީ ނިންމާފައެވެ.