ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި ހިނގަމުންދާ ވައްކަމާއި ކޮރަޕްޝަނަށް ދޭނީ އޭ ޕްލަސްއެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރ ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރޭ މަޑިފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ގިނަ ދުވަސްތަކެއްވަންދެން ކުރައްވާފައިވާ އަފީފް ވިދާޅުވީ މިސަރުކާރުން ތަރައްޤީ ގެނައުމަށް ކަމަށް ބުނެ ގެންނަނީ ވައްކަމާއި ކޮރަޕްޝަނުގެ ތަރައްޤީ ކަމަށެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އާއި ގުޅެގޮތުން އަފީފް ވަނީ ވާހަކަދައްކަވާފަ އެވެ.
ވައްކަމާއި ކޮރަޕްޝަންއަކީ ރައްޔިތުންނަށް ވަރަށް ބޮޑު ގެއްލުމެއްދޭ ކަމެއް ކަމަށާއި އެމްޑީޕީގެ މެމްބަރުންނަށް ވޯޓް ދިނުމަކީ މިކަމުން ސަލާމަތްވުމަށް އޮތް ހަމައެކަނި ފުރުޞަތު ކަމަށްވެސް އަފީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ރައްޔިތުން ރައީސް ޔާމިންނަށް ފުރުޞަތު ދިން ކަމަށާއި އެހެން ނަމަވެސް ތަރައްޤީ އޭ ކިޔާފައި މިސަރުކާރުން ގެނެސްދީފައިވަނީ ވައްކަން ކުރުން ކަމަށެވެ. އަދި މިސަރުކާރުން ކުރަމުންގެންދާ ވައްކަންތަކުގައި ރައީސް ޔާމިން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ކަމަށްވެސް އަފީފް ވިދާޅުވި އެވެ.
"140 މިލިއަން ޑޮލަރަށް އައިޖީއެމްއެޗް އަޅަން މަސައްކަތް ކުރާއިރު ކޮބައިތޯ އިތުރުވާ ފާއިސާ. ދިވެހި ރައްޔިތުންނަށް ރައީސް ޔާމިން އެބަޖެހޭ ޖަވާބުދާރީވާން" އަފީފް ވިދާޅުވި އެވެ.
ތަރައްޤީއަކީ ރާއްޖޭގެ ރައްޔިތުންނަށް ފާއިދާވާ ގޮތަށް ކަންތައް ކުރުން ކަމަށްވާއިރު ރައީސް ޔާމިންއާއި ރައްޔިތުންގެ މަޖިލިސްއަށް ވެރިކަމުގެ ބާރުތައް ދިނުމަށްފަހު ޕީޕީއެމްއަށް ކައުންސިލުގެ ބާރުވެރިކަން ދޭން ބުނާއިރު ޕީޕީއެމްގައި ރައްޔިތުންނަށް ހެޔޮ އެދޭ ބައެއް ނެތް ކަމަށް އަފީފް ވިދާޅުވި އެވެ.
ޕީޕީއެމްއަކީ ރައްޔިތުން ފަނާ ކުރާނެ ބައެއް ކަމަށް ވިދާޅުވެ ކައުންސިލް މެޖޯރިޓީ ދީފި ނަމަ އެރަށެއް ދާނީ ހަލާކުގެ ތެރެއަށް ވެއްޓިގެން ކަމަށާއި ސަލާމަތުގެ މަންޒިލަށް އަންނަނީ ޕީޕީއެމްގެ ވެރިކަން ހަތަމްކޮށްގެން ކަމަށް އަފީފް ވިދާޅުވި އެވެ.