އެމް.އެ.މްޕީ.އާރު.ސީ.ގެ ޚިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރި ރ. ފުއްގިރި މައްސަލައިގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދެ ދަޢުވާއާ ގުޅޭ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
އެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ 14:00 އަށެވެ.
ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، މަނީ ލޯންޑަރިންގ ކުށުގެ ދަޢުވާއަކާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެކެވެ.
މި މައްސަލައިގައި އެންމެފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މި ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ. އެދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ދެ ދަޢުވާ އިއްވާފައެވެ.
ދައުލަތުގެ ޤާނޫނީ ވަކީލުން ދަޢުވާ އިއްވިނަމަވެސް، ދަޢުވާ ސާފުނުވާކަމަށް ރައީސް ޔާމީނާއި އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ވަނީ ވިދާޅުވެފައެވެ. އަދި ލިބެންޖެހޭ ބައެއް ލިޔެކިޔުންތައް ނުލިބޭކަމަށް ވެސް ރައީސް ޔާމީންގެ ޤާނޫނީ ވަކީލުން ވިދާޅުވެފައިވެއެވެ. ނަމަވެސް ޝަރީޢަތުން ވަނީ ދަޢުވާއަށް ޖަވާބުދާރީވުމަށް ބޭނުންވާ ލިޔެކިޔުންތައް ފޯރުކޮށްދެވިފައިވާކަމަށް ނިންމާފައެވެ.
މި މައްސަލައިގައި މިދިޔަ ޑިސެމްބަރު މަހު ބޭއްވި އަޑުއެހުމެއްގައި، މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ވިދާޅުވެފައިވަނީ، ސިއްރުކުރަން ދައުލަތުން ހުށަހަފައިވާ ލިޔެކިޔުންތަކާ މެދު ކޯޓުން ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ފަރާތުން ހޯދަންއެދޭ ލިޔެކިޔުންތަކަކީ ދައުލަތުން ކޯޓަށް ހުށަހަޅާފައިނުވާ ލިޔެކިޔުންތަކެއް ކަމަށެެވެ. އެހެެންކަމުން، އެލިޔުންތަކަކީ މިމައްސަލައިގައި ބެލޭނެ ލިޔެކިޔުންތަކަކަށް ނުވާތީ ދިފާޢުއަށް ވެސް ބޭނުންވާނެ ލިޔެކިޔުންތަކެއް ކަމަށް ދެކިނުލައްވާ ކަމަށް ގާޒީ ވިދާޅުވެފައިވެއެވެ.
އާދިއްތަ ދުވަހުގެ އަޑުއެހުމުގައި އޮންނާނީ، ރައީސް ޔާމީންގެ ފަރާތުން ދަޢުވާއަށް ޖަވާބުދާރީވުމެވެ.
ރ. ފުއްގިރި މައްސަލައިގައި އިތުރު ފަރާތްތަކެއްގެ މައްޗަށް ދަޢުވާ ކޮށްފައިވާތީ، އިބްތިދާޢީ އަޑުއެހުންތަކަށްފަހު، ޝަރީޢަތުގެ އަޑުއެހުންތައް ބޭއްވޭނީ އެ ހުރިހާ ފަރާތްތަކެއްގެ އެއް ހާޒިރެއްގައެވެ.
މި މައްސަލައިގައި ރައީސް ޔާމީންއާއެކު މަނީ ލޯންޑަރ ކުރުމުގައި އުޅުއްވިކަމުގެ ތުހުމަތުގައި އިތުރު ފަރާތްތަކެއްގެ މައްޗަށް ވެސް ދަޢުވާކޮށްފައިވާއިރު، އޭގެ ތެރޭގައި އެ މަނިކުފާނުގެ އަރިސް ބޭފުޅެއް ކަމުގައިވާ ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ މަސްލަޙަތު އޮންނަ ދެ ކުންފުންޏަކާއި، ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ ހިމެނެއެވެ.
މި މައްސަލައިގެ ދަޢުވާތަކުގައި މައިގަނޑުގޮތެއްގައި ބުނެފައިވަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާ ގުޅިގެން ރައީސް ޔާމީން ރިޝްވަތުގެ ފައިސާގެ ގޮތުގައި ހޯއްދެވި، 1،117،000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) ޑޮލަރު ކްރިކް ރިޒާ މެދުވެރިކޮށް އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީލޯންޑަރ ކުރުމަށްޓަކައި ފައިސަލާކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ، އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުއްޔަށްދިން ގއ. ވޮޑުމުލާގެ އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 1،000،000 ޑޮލަރު އެ މަނިކުފާނުގެ އަމިއްލަފުޅު ބޭންކް އެކައުންޓަށް ޖަމާކޮށް، މަނީލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.