ކ. މާލެ
|
30 ޖެނުއަރީ 2021 | ހޮނިހިރު 08:49
ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން
ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން
ފުވައްމުލަކު ސިޓީ ކައުންސިލް
ފުވައްމުލައް ސިޓީގެ މަގުތައް ތަރައްޤީކުރުން
ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި
ފުރަތަމަ ފިޔަވަހީގެ ދަށުން ރިންގްރޯޑް ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައި
އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް ފަށާފައިވަނީ ހުސްނުހީނާމަގާއި ޣާޒީމަގު ގުޅުނު ހިސާބުން
މަގުތައް ތަރައްޤީކުރަނީ ރައްޔިތުންގެ ޚިޔާލާއިއެކު

ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތަކުގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ. ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، ފުވައްމުލަކުގެ ރިންގް ރޯޑްގެ މަސައްކަތް އެމް.ޓީ.ސީ.ސީ.އިން 30 ޑިސެމްބަރ 2020ގައި ނިންމާލުމަށް ފަހުއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ވަނީ ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް މިމަހުގެ 27 ވަނަ ދުވަހު ފަށާފައިވާކަން ހާމަކޮށްފައެވެ. ފުވައްމުލައް ސިޓީ ކައުންސިލުން ބުނިގޮތުގައި ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ ޕްރޮޖެކްޓްގެ ދަށުން ވަނީ ހުސްނުހީނާމަގާއި ޣާޒީމަގު ގުޅުނު ހިސާބުން މަސައްކަތް ފަށާފައިކަމަށެވެ. އަދި މިވަގުތު ކުރިއަށްދަނީ ސެޓްލްމެންޓް ޓޭންކްސް އަދި ކޭބަލް ޑަކްޓް ވަޅުލުމުގެ މަސައްކަތްކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ. މި މަގުތައް ތަރައްޤީކުރަނީ ރައްޔިތުންގެ ޚިޔާލާއިއެކު، އެންމެ ލުއިފަސޭހަވާނެ ގޮތްތަކަށް ބަލައިގެންކަމަށް ވެސް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ.

ފުވައްމުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ނިންމައި، މި މަސައްކަތް ރައްޔިތުންގެ ކުންފުނި، އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްފައިވަނީ 2019 އަހަރުގެ މާރޗުމަހުގެ 27 ވަނަ ދުވަހުއެވެ. އަދި މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ރިންގްރޯޑް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 17 ވަނަ ދުވަހުއެވެ.

މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 37.19 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެއްކަމަށް އެމް.ޓީ.ސީ.ސީ.އިން މަޢުލޫމާތު ދެއެވެ. މިމަސައްކަތުގެ ދަށުން ފުވައްމުލަކު ނައިބުތުއްތު ހިނގުމުގެ 2.7 ކިލޯމީޓަރުގައި ތާރު އަޅައި، ސްޕީޑް ބްރޭކަރު ހަރުކޮށް ލެޑް ބައްތި ވަނީ ޖަހާފައެވެ. އަދި މި މަޝްރޫޢުގެ ދަށުން، 122،659 އަކަމީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަމީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، އަދި 27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. މީގެ އިތުރުން މަގުމަތީ ނިޝާން ހަރުކުރުމާއި 123 ލެޑް ލައިޓް ހަރުކުރުމާއި، 19،940 މީޓަރުގެ ސަރަހައްދެއްގައި ފެންހިންދާ ނިޒާމެއް ނުވަތަ ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމްއެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް ވަނީ ނިންމާލާފައެވެ.

ފުވައްމުލައް ސިޓީގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، 30 ޑިސެމްބަރ 2020ގައި ރިންގްރޯޑްގެ މަސައްކަތް ނިމުމުން އެ ސިޓީގެ އެތެރޭގެ މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިދިޔަ އަހަރު އެމް.ޓީ.ސީ.ސީ.އާ ވަނީ ޙަވާލުކޮށްފައެވެ. ފުވައްމުލަކު އެތެރޭގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން 16 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ޙަވާލުކޮށްފައެވެ. ފުވައްމުލައް ސިޓީ އެތެރޭގެ މަގުތައް ޒަމާނީފެންވަރަށް ތަރައްީކުރުމުގެ މަސައްކަތުގެ ދަށުން ޖުމުލަ 31 މަގުގައި ތާރުއަޅުމަށް ވަނީ ނިންމާފައެވެ. ރިންގް ރޯޑް ފަދައިން އެތެރޭގެ މަގުތަކުގައި ވެސް ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި ލެޑް ލައިޓް ހަރުކުރުމާއި، ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް ޤާއިމުކުރާމުގެ މަސައްކަތް ކުރާނެއެވެ.

ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ ސްޕީޑް އަވަސް ކުރުމުގެ ގޮތުން މަގުތަކުގައި ކޭބަލް އަޅާފައިވާ ސާރވިސް ޕްރޮވައިޑާރސްއާ އެއްކޮށް، މިހާރު ހުރި ގޮންޖެހުން ތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެމް.ޓީ.ސީ.ސީ އާއި ސިޓީ ކައުންސިލް އާއެކު މަޝްވަރާ ބައްދަލުވުމެއް ވެސް ވަނީ ބާއްވާފައެވެ. މި ބައްދަވުމުގައި އެމް.ޓީ.ސީ.ސީ.އިން ވަނީ ފުވައްމުލަކުގެ އެތެރޭގެ މަގުތަކުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަކަށް ތަރައްޤީކުރާއިރު، މި މަސައްކަތް އަވަސްކުރުމަށް އެއްފަހަރާ 10 ޓީމް ބޭނުން ކޮށްގެން 10 ސަރަޙައްދެއްގައި މަސައްކަތް ކުރިޔަށްގެންދާން ނިންމާފައިވާކަން ހާމަކޮށްފައެވެ.

ފުވައްމުލައް ސިޓީގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ކުރީގެ ސަރުކާރުތަކުން ވެސް މަސައްކަތްތަކެއް ވަނީކޮށްފައެވެ. އެހެންނަމަވެސް މަސައްކަތް ފުރިހަމަނުކުރެވި ހުއްޓިފައި އޮތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލީޙްގެ ސަރުކާރުން މި މަސައްކަތް އަލުން ފަށައި، ހަލުވި ދުވެލީގައި ހިންގަމުންދާތީ މިކަމުގެ އުފާ ފުވައްމުލައް ސިޓީގެ ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ.

- ކޮމެންޓް