ކ. މާލެ
|
29 ޖެނުއަރީ 2021 | ހުކުރު 16:41
މާލޭގައި ހަދާފައިވާ ޕާކިން ޒޯންއެއް
މާލޭގައި ހަދާފައިވާ ޕާކިން ޒޯންއެއް
މާލެ ސިޓީ ކައުންސިލް
މާލެ ސިޓީ ޕާކިން ޒޯން
އަމީނީ މަގުގެ ދެކުނުގައިވާ ގޯޅިތަކުގައި ހުރި ޕާކިން ޒޯނުތައް ކުއްޔަށް ދޫކުރަން ނިންމައިފި
އެ ސަރަހައްދުން ޕާކިން ޒޯން ދޫކުރަނީ އެމަގާ ގުޅިފައިވާ 13 ގޯޅިއަކުން
އެ ސަރަހައްދުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ވިއްކަން ހަމަޖައްސާފައި ވަނީ 292 ޖާގަ
ޖާގަތައް ދޫކުރާނީ ކާރަށާއި 350 ކިލޯއިން ފެށިގެން ދަށުގެ ޕިކަޕަށް

މާލޭގެ ޕާކިންގ މައްސަލަ ހައްލުކުރުމަށް، މާލޭގެ އަމީނީ މަގުގެ ދެކުނުގައިވާ މަގުތަކާއި ގޯޅިތަކުގައިވާ ޕާކިންގ ޒޯންތައް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެ ސަރަހައްދުން ޕާކިން ޒޯން ދޫކުރަނީ އެމަގާ ގުޅިފައިވާ 13 ގޯޅިއަކުން ކަމަށެވެ. އެއީ ތަބުރޭޒީ ހިނގުމާއި، ފަޅުމަތީމަގާއި، މާނިފާ ހިނގުމާއި، ދޮންއަނދަރާދަ ހިނގުމާއި، ކޮއިމަލާ ހިނގުމާއި، ރެހެންދި ހިނގުމާއި، ރަށްދެބައި ހިނގުމާއި، އައިމިނާ ރަނި ހިނގުމާއި، ވައިދެރި ހިނގުމާއި، މާފަތްކިލެގެފާނު ހިނގުމާއި، ހުދުފަޅު ހިނގުމާއި، ހިލާލީ މަގާއި، އުޖާލާ ހިނގުމުމުން ކަމަށް ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ އެ ސަރަހައްދުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ވިއްކަން ހަމަޖައްސާފައި ވަނީ 292 ޖާގަ ކަމަށެވެ. އަދި އެ ޖާގަތައް ދޫކުރާނީ ކާރަށާއި 350 ކިލޯއިން ފެށިގެން ދަށުގެ ޕިކަޕަށްކަމަށްވެސް ބުނެފައިވެއެވެ. އެ ޕާކިން ސްލޮޓްތަކުގެ އަގަކީ މަހަކު 1500ރ ކަމަށްވެސް ބުނެފައި ވެއެވެ.

ސިޓީ ކައުންސިލުން ބުނީ މި ޖާގަ ދޫކުރާނީ ހަމައެކަނި މާލެ ސިޓީގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް އެކަނި ކަމަށާއި އެ ޖާގަތައް ދޫކުރާނީ އެފަހަރެއްގައި ހުޅުވާލާ ޖާގަތައް ހުސްވަންދެން ކަމަށެވެ. އެ ޖާގައިގައި ޕާކު ކުރެވޭނީ ހަމައެކަނި އެ ޖާގަ ލިބޭ އުޅަނދަށް ކަމަށާއި އެހެން އުޅަނދުތައް ޕާކުކުރުން މަނާވާނެކަމަށްވެސް ކައުންސިލުން ބުނެއެވެ.

އަމީނީ މަގާ ގުޅިފައިވާ ގޯޅިތަކުން ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ޕާކިންގ ސްލޮޓްތައް ގަތުމަށް ހުށަހަޅާނީ މާލޭ ސިޓީ ކައުންސިލުން އެކަމަށް ޚާއްސަކޮށްފައިވާ " ޕާކިންގް ޕޯޓަލް " މެދުވެރިކޮށެވެ. އެ ފުރުސަތު ހުޅުވާނީ މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ޖާގަތައް ހުސްވަންދެންނެވެ. ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ ކަންތައްތަކުގެތެރޭގައި، ވެރިފަރާތްނޫން އެހެންފަރާތަކުން ހުށަހަޅާނަމަ ޕަވަރ އޮފް އެޓަރނީގެ ލިޔުން ހުށަހެޅުން ނުވަތަ އެއްބަސްވުމުގެ ކޮޕީއެއް ހުށަހެޅުން، ރޯޑް ވާދިނަސް އަދި އަހަރީ ފީގެ ލިޔުންތައް ހުށަހެޅުމާ، އިންސުއަރެންސް ލިޔުން ހުށަހެޅުން ހިމެނެއެވެ.

ސިޓީ ކައުންސިލުން ބުނީ މާލޭގެ ބައެއް ސަރަޙައްދުތަކުން ވަކި ވަގުތަކަށް ޕާކްކުރަން ބޭނުންވާ ފަރާތްތަކަށް " ޓައިމް ޕާކިންގް " ސްލޮޓްތައް ހަމަޖެއްސުމަށްވެސް ސިޓީ ކައުންސިލުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން މިހާތަނަށްވަނީ 3 ސަރަޙައްދަކުން ޕާކިންގ ޖާގަ ދޫކޮށްފައެވެ. އެއީ ދަންޑަހިލު ގޯއްޗާއި، އަލިމަސް ކާނިވާ ސަރަޙައްދާއި ސަލްމާން މިސްކިތް ސަރަޙައްދެވެ.

- ކޮމެންޓް