އެމީހެއްގެ ހުރިހާވެސް ފިކުރަކާއި ވިސްނުމަކީ ދުނިޔެ ހޯދުންކަމުގައި ހަދައިފިނަމަ، އޭނާގެ ބޭނުންތައް ނުފުދިވާތަން ﷲ ތަޢާލާ ދައްކަވާނެ ކަމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
"ހަޤީޤީ ބާއްޖެވެރިކަން" މި މަޢުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އެމީހެއްގެ ހުރިހާ ވިސްނުމަކާއި ފިކުރެެއް، އާޚިރަތް ހާސިލް ކުރުމަށް ހުސްކޮށްފި މިހާގެ ހިތުގައި މާތް ﷲ ފުދުންތެރިކަން ލައްވަވާނެ ކަމަށެވެ.
އެއްބަޔަކު ދެކޭ ގޮތުގައި ބާއްޖަވެރިކަމަކީ މުއްސަނދިކަމެވެ. ނުވަތަ އެންމެ ބޮޑަށް ބޭނުންވާ އެއްޗެއް ހާސިލްވުމެވެ. ނުވަތަ މަތީ މަޤާމަކާ ހަމައަށް ވާސިލްވުމެވެ. ނުވަތަ އެކި ރޮނގުރޮނގުން ކާމިޔާބީ ހާސިލް ވުމެވެ. ނަމަވެސް މިއީ ހަޤީޤީ ބާއްޖަވެރިކަން ނޫން ކަމަށާއި މުދާވެރިވުމަކީ ހަޤީޤީ ބާއްޖަވެރިކަން ކަމަށް ވަނީ ނަމަ ޤާރޫނަކީ އެންމެ ބޮޑު ބާއްޖަވެރިޔާއަށްވާނެ ކަމަށް ޚުތުބާގައި ބުންޏެވެ. ނަމަވެސް ދުނިޔެމަތީގައި ކިތަންމެ ބޮޑު ބާރެއް އަދި މަތިވެރި ޖާހެއް ލިބުނަސް މާތް ﷲ އަށް އިމާންނުވާނަމަ އެއީ ހަޤީޤީ ބާއްޖަވެރިކަން ނޫން ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
މިއަދު ކޮންމެ މީހަކު ވެސް މަސައްކަތްކުރަނީ އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ހޯދުމަށް ކަމަށާއި، އެގޮތުން އެކި ކަންކަމުގައި އަވަދިނެތި އުޅޭ ކަމަށެވެ. އަދި ބާއްޖަވެރިކަން ދެއްވާނެކަމަށް ވަޢުދު ވެވަޑައިގެންނެވި ގަދަ ކީރިތިވަންތަ ﷲ ސުބްޙާނަހޫވަތަޢާލާ ހަނދުމަ ކުރަން ވެސް ބައެއް މީހުން ހަނދާން ނުހުންނަ ކަމަށެވެ. އަދި އެކަލާނގެ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ފަރުޟު ފަސް ނަމާދު މަތިން ވެސް ހަނދާން ނުހުންނަ ކަމަށެވެ.
ނަމާދަށް ރައްކާތެރި ނުވެ ކިތަންމެ ބުރަ މަސައްކަތެއް ކުރިއަސް ބާއްޖަވެރިކަން ލިބޭނީ ކިހިނަކުންތޯ ޚުތުބާގައި ވަނީ ސުވާލު އުފައްދާފައެވެ. އަދި މަތިވެރިކަމާއި ބާއްޖަވެރިކަން ހޯދުމަށްޓަކައި ނަމާދަށް ފަރުވާތެރިވަނީ ކިތަން މީހުންތޯއެވެ؟ އާއި ވަޒީފާއަށް ދިޔުމަށްޓަކައި ހެނދުނު ތެދުވާއިރު ފަތިސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމަށްޓަކައި މުހިންމުކަން ދެނީ ކިތައް މީހުންތޯއެވެ؟ ވެސް ވަނީ ސުވާލު އުފައްދާފައެވެ. އޭގެ އިތުރުން ބާއްޖަވެރިކަމުގެ ދެ އަސާސްކަމުގައިވާ އީމާންކަމާއި މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށް އަވަސްވެގަތުމަށް އެންމެހައި މުސްލިމުންނަށް ވަޞިއްޔަތްކޮށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
އާމަޒަކީ އަދި ހަޔާތުގެ މަޤްޞަދަކީ ވެސް މާތް ﷲގެ ރުއްސެވުން ލިބިގަތުމަށް ކަމަށް ހަދައިފި މީހާ އަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެ އުފާވެރިކަމަކީ މަޤާމަކުން ނުވަތަ މީހަކު ބުނެލާ ބަހަކުން ނުވަތަ ފައިސާއަކުން ހޯދޭނެ އެއްޗެއް ނޫންކަމަށެވެ.