ރަޝިއަން ގަވަރމެންޓް ސްކޮލަރޝިޕް 2021/2022ށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ބެޗްލަރސް ޑިގްރީ އަދި މާސްޓަރސް ޑިގްރީ ލެވަލްގެ ކޯސްތަކުގެ މަޢުލޫމާތުhttps://education-in-russia.comން ލިބޭނެ ކަަމަށެވެ.
ހަޔަރ އެޑިޔުކޭޝަނުން ބުނީ ތަޢުލީމު ހާސިލުކުރުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ، ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު، ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު އަދި ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު ގައުމަށް ޚިދުމަތް ކުރަންޖެހޭ ކަމަށެވެ. އަދި ހަޔަރ އެޑިއުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކާ ޚަލާސްކުރަން ޖެހޭ ކަމަށެވެ.
ހަޔަރ އެޑިޔުކޭޝަނުން ބުނީ ރަޝިޔާގައި ކުރިއަށް ގެންދާ މިކޯސްތަކުގައި ސްކޮލަރޝިޕަށް ހޮވޭ ކެންޑިޑޭޓުގެ ކޯސްފީ ފިޔަވައި އެހެން ހުރިހާ ޚަރަދެއް ހަމަޖައްސަން ޖެހޭނީ ދަރިވަރު އަމިއްލައަށް ކަމަށެވެ. މި ސްކީމްގެ ދަށުން ހަމަޖެހޭ ކޯސްތަކުގައި ކިޔަވަން ހަމަޖެހިފައިވަނީ ރަޝިއާ ބަހުން ކަމަށްވާއިރު، ކޯސް ފެށުމުގެ ކުރިން ރަޝިއާ ބަސް 1 އަހަރު މުއްދަތައް ކިޔެވުމުގެ ފުރުޞަތު ދަރިވަރަށް ލިބޭނެ ކަމަށް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.
މީގެ އިތުރުން ހަޔަރ އެޑިޔުކޭޝަނުން ބުނީ މި ސްކޮލަރޝިޕަށް ނޮމިނޭޓްކުރާ ދަރިވަރުން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އަންގާނެ ކަމަށެވެ. ނަމަވެސް އެޕްލިކޭޝަން ހުށަހަޅާ ކޯހާއި، ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، އަދި އެ ކޯހަކީ އެމް.ކިޔު.އޭ. އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައި ނުވަތަ ސްކޮލަރޝިޕަކަށް ނޮމިނޭޓްކޮށްފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެ ކަމަށާއި، މި ސްކޮލަރޝިޕް ސްކީމްއިން ދަރިވަރުން ނޮމިނޭޓްކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ކަމަށެވެ. އަދި އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެ ކަމަށް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.
11 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިންhttps://myedu.egov.mvޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ.