އޭޕްރީލް މަހު ބޭއްވުމަށް ތާވަލްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގައި ވާދަކޮށްފައިވާ ކެންޑިޑޭޓުން، އެ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ އެންމެ ފަހު ތާރީޚަކީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަސް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23 ގައެވެ. އެގޮތުން ބަލާއިރު، މިހާތަނަށް 100 އަށްވުރެ ގިނަ ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
އީސީން ވަނީ ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ އެންމެ ފަހު ތާރީޚުގެ ގޮތުގައި ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ 14:00 ކަމުގައި ހަމަޖައްސާފައެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިޚާބު ކޮވިޑް-19 އާއި ގުޅިގެން އެ މުއްދަތުގައި ނުބޭއްވުމުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ޚާއްޞަ ޤާނޫނެއް ފާސްކުރިއެވެ. އެޤާނޫނުގައި ބުނެފައިވަނީ އެ ޤާނުނަށް އަމަލުކުރާތާ އެއްއަހަރު ދުވަހުގެތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެކަމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ މެއި މަހުގެ 9 ވަނަ ދުވަހަށެވެ. ނަމަވެސް މި ގާނޫނަށް އިޞްލާޙެއް ހުށަހަޅައި އަލުން ފާސްކުރި އިޞްލާޙުގައި ވަނީ މެއި މަހުގެ 10ގެ ކުރިން އިންތިޚާބު ބާއްވަން ޖެހޭ ކަމަށެވެ. އަދި އެ މުއްދަތުގައި އިންތިޚާބު ނުބޭއްވޭނަމަ، 30 ދުވަހުގެ ތެރޭގައި އެކަން މަޖިލީހަށް އެންގުމަށް އިޞްލާޙުގައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކޮވިޑް-19 މުޖުތަމަޢުގައި ފެތުރުނަ ނުދިނުމަށްޓަކައި އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް ހިމެނޭތީއާއި، ދިވެހިރާއްޖޭގައި ބޭއްވުމަށް އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ބޭއްވުމަށް ރައްކާތެރި މާހައުލެއް ޤާއިމުކުރެވެންދެން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން މި އިންތިޚާބު ފަސްކުރެވިފައިވީ ނަމަވެސް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020ށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އަލުން ބޭއްވުމަށްޓަކައި ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް 2021 ޖަނަވަރީ 29 ވާ ހުކުރު ދުވަހު ފަށާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
އަދި މި އިންތިޚާބުގެ ވޯޓުލުން، 2021 އޭޕްރިލް 10 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ނިންމާފައިވާ އިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2021 އޭޕްރިލް 10 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 07:00 އިން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ވަގުތުކޮޅެއް ދިނުމަށްފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2021 އެޕްރީލް 24 ވާ ހޮނިހިރު ދުވަހުގައެވެ.