ހުރިހާ ކުދިން ޝާމިލުކުރުމުގެ ސިޔާސަތަށް ޕްރިންސިޕަލުން އަހުލުވެރި ކުރުވުމަށް ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމް ނިންމާލައިފިއެވެ.
އޮންލައިންކޮށް، ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އައިޝަތު ޢަލީއެވެ.
ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނާއި މުހާތަބު ކުރައްވާ، މިނިސްޓަރ ވިދާޅުވީ ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމަކީ މި ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށެވެ. ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ނަމުގައި ޑިޕާޓްމެންޓެއް އުފައްދަވާ، ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ސިޔާސަތު އަލުން މުރާޖާކުރުމަކީވެސް އެކަމުގެ ހެއްކެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިފަދަ ތަމްރީނު ޕްރޮގްރާމްތަކާއިއެކު ކުރިއަށް އޮތްތާނގައި ރާއްޖޭގެ ތައުލީމުގެ ދާއިރާއިން ޔުނިވަރސަލް ޑިޒައިން ފޯ ލަރނިންގ އާއި ކޯޓީޗިންގ ފަދަ ސިޔާސަތުތައް ފެނިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް އެޑިޔުކޭޝަން މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ދެހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި އޮރިއެންޓޭޝަން ޕްރޮގްރާމަކީ ރާއްޖޭގެ އުތުރުން ދެކުނަށް ޝާމިލުވާނޭހެން، ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމްގައި ޖުމްލަ 211 ޕްރިންސިޕަލަކު ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވެލެއްވި، ގދ އަތޮޅު އެޑިޔުކޭޝަން ސެންޓަރގެ ޕްރިންސިޕަލް މުހައްމަދު ޝިފާޒް ވިދާޅުވީ، މި ޕްރޮގްރާމްގައި ލިބުނު މައުލޫމާތާއިއެކު ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވާދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅުއްވާފައިވާ ހުރިހާ ލަނޑުދަނޑިތަކަކަށް ވާސިލުވާން ހުރިހާ ޕްރިންސިޕަލުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
2020 ވަނަ އަހަރު އަލުން މުރާޖާކޮށް ނެރުނު، ހުރިހާ ކުދިން ޝާމިލުކުރުމުގެ ސިޔާސަތަށް ޕްރިންސިޕަލުން އަހުލުވެރި ކުރުވުމުގެ އިތުރުން، ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމުގައި އިސްކަން ދޭންޖެހޭ އެހެން ބައެއް ކަންކަމަށްވެސް މި ތަމްރީނު ޕްރޮގްރާމްގައި ވަނީ އަލިއަޅުވާލާފައެވެ.