މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް، އަންނަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް ދައުވަތު ދެއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިކަނބަލުންނަށާއި ފިރިކަލުންނަށް ދެއްވާފައިވާ ދައުލަތު ކެންސަލްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރެފައިވާ އިޢުލާނާގުޅިގެން، އަންނަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާއަށް މެންބަރުންގެ އަނބިކަނބަލުންނަށާއި ފިރިކަލުންނަށް އެރުވިފައިވާ ދައުވަތު މިހާރު ކެންސިލްކުރެވިފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ކޮންމެ އަހަރަކަށް ހުޅުވާ ޖަލްސާއަކީ، ޚާއްޞަ ޖަލްސާއެކެވެ. އެގޮތުން، އެ ޖަލްސާއަށް މެމްބަރުންގެ އަނބިކަނބަލުންނަށާއި ފިރިކަލުންނަށް އަދި ދައުލަތުގެ ޢިއްޒަތްތެރިންގެ އިތުރުން ބޭރުގެ ސަފީރުންނަށް ދައުވަތު އަރުވައެވެ.
ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވޭ ޖަލްސާގައި ޚާއްޞަ ކަމެއްގެގޮތުގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުމެވެ.
ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވަނީ، ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.