މަކަރާއި ހީލަތުން ދިވެހިރާއްޖެއަށް ތަރުކާރީއާއި މޭވާ އެތެރެކޮށް، ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅެމުން ދިއުމާ ގުޅިގެން މިފަދަ ކަންކަން ކުރަމުންދާ ފަރާތްތައް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ މި މަހުގެ 16 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގައި، މާލޭގެ ދެ ގެއަކާއި ތިން އެޕާޓްމަންޓަކާއި އޮފީހެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި ބަލައިފާސްކުރި ތަންތަނުން، ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުންހުރި ގިނަ ހެކިތަކެއް ވަނީ ހޯދާފައެވެ.
އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބުނީ މަކަރާއި ހީލަތުން ރާއްޖެއަށް ތަކުރާރުކޮށް ތަރުކާރީއާއި މޭވާ އެތެރެކޮށް، ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ 10 މައްސަލައެއް ފާއިތުވި އަހަރު ހުށަހެޅިފައިވާއިރު، މިޖަނަވަރީ މަހު މިފަދަ އެއް މައްސަލަ ހުށަހެޅިފައިވެއެވެ. އަދި މިގޮތަށް އެތެރެކުރާ ތަރުކާރީއާއި މޭވާ ރާއްޖޭގެ ބާޒާރުގެ އަގަށްވުރެ އާދަޔާ ޚިލާފަށް އަގުހެޔޮކޮށް ވިއްކަމުންދާކަން ތަހްގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެހެންކަމުން މިކަމަކީ ދިވެހި ވިޔަފާރިވެރިންގެ އިތުރުން ގައުމުގެ އިޤްތިޞާދަށް އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރަމުންދާނެ ކަމަކަށްވީހިނދު، ވިޔަފާރި ކުރާ ފަރާތްތަކުން މިފަދަ ކަންކަމަށް މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ދިނުމަށް ވެސް އެޑިޕާޓްމަންޓުން އިލްތިމާސްކޮށްފައިވެއެވެ.
ދިވެހިރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވެފައި މަދުބައެއްގެ މިފަދަ އަމަލުތަކަކީ އޭގެ ސަބަބުން ވިޔަފާރަވެރިންގެ އިތުބާރު ބޭރު ގައުމުތަކުގައި ގެއްލޭނެ ކަމަކަށްވާތީ، މިފަދަ އަމަލުތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ އަތުން ނުއަގުގައި މުދާ ނުގަތުމަށާއި މިކަންކަމަށް ހިއްވަރުނުދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކުރެއެވެ. އަދި މިފަދަ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ އެ ކަމުގެ މަޢުލޫމާތު ވީ އެންމެ އަވަހަކަށް ފުލުހުންނަށް ޙިއްސާކުރެއްވުމަށް ވެސް ފުލުހުން އެދިފައިވެއެވެ.