ލޮޓީފައިލްސް އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާއިލް މަރުހަބާ ވިދާޅުވެއްޖެއެވެ.
ކުޅަދާނަ ދިވެހި ޑިވެލޮޕަރުން މަސައްކަތްކުރާ އެނިމޭޝަން ޕްލެޓްފޯމެއް ކަމަށްވާ ލޮޓީފައިލްސްއަށް މައިކްރޯސޮފްޓްގެ ވެންޗަރ ފަންޑުން ނުވަ މިލިއަން ޑޮލަރުގެ އެހީ ލިބުމާއި ގުޅިގެން ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ މި މަސައްކަތް ކުރަމުންދާ ދިވެހިންނާއި މެދު ފަހުރުވެރިވެލައްވާ ކަމަށެވެ.
ރައީސްގެ އިތުރުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒްވެސް ވަނީ ލޮޓީފައިލްސްއިން ކުރަމުންގެންދާ މަސައްކަތް ބަލައިގަނެ އެކަމާއިމެދު ފަހުރުވެރިވެލައްވާ ކަމަށް ވިދާޅުވެފައެވެ.
މެލޭޝިއާގެ ކުއަލަލަމްޕޫރްގައި 2018 ވަނަ އަހަރު އުފެދުނު ލޮޓީފައިލްސްއަކީ ދިވެހި ޒުވާނެއްކަމަށްވާ ނައްޓު އަދްނާން އަދި ކުޅަދާނަ ވިޔަފާރިވެރިއެއް ކަމަށްވާ ޝްދީޖް މިންގްލާނީ ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ.
މި އެނިމޭޝަން ޕްލެޓްފޯމުން ލޮޓީ އެނިމޭޝަންސް، އެޑިޓިން އަދި ޓެސްޓިން ޓޫލްސް ލިބެން ހުންނަ އިރު، މިއީ އެނިމޭޝަންތަކަށް ރަނގަޅު މާކެޓެކެވެ. 65،000ށް ވުރެ ގިނަ ކުންފުނިން އެއް މިލިއަނަށް ވުރެ ގިނަ މީހުން ލޮޓީފައިލްސް ބޭނުން ކުރާއިރު، މި ކުންފުނިތަކުގެ ތެރޭގައި ގޫގްލް، ޓިކްޓޮކް، ޑިޒްނީ އަދި ނެޓްފްލިކްސް އަދި އެއަރބީއެންބީ ފަދަ ކުންފުނިތަށް ހިމެނެއެވެ.