ކޮވިޑް-19 ގެ ކޭސްތައް މާލެ ސަރަޙައްދުގައި އިތުރުވެފައިވާތީ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކަށް އަނެއްކާވެސް ބަދަލުގެނެސްފިއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން، މި މަހުގެ 24 ވަނަ ދުވަހު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓުން ވަނީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން މެންދަމު 1:00 ޖެހުމާއި ހަމައަށް ކަމަށް ކަނޑައަޅާފައެވެ.
ނަމަވެސް ކޮވިޑްގެ ކޭސްތައް މާލެ ސަރަހައްދުގައި އިތުރުވަމުން ދިއުމާއި ގުޅިގެން އެ މިނިސްޓްރީން ވަނީ 27 ޖެނުއަރީން ފެށިގެން އެ ގަޑިތަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން މިހާރު ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށެވެ.
ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓްތަކުގެ ޚިދުމަތް ދިނުމުގައި އެއްފަހަރާ އެތަނަކަށް ވަދެވޭނެ މީހުންގެ ޢަދަދު ފެންނަ ގޮތަށް ދޮރުމަތީގައި ބެހެއްޓުމުގެ އިތުރުން 3 ފޫޓުގެ ގައިދުރުކަން ހިފެހެއްޓޭ މިންވަރަށް މީހުންނަށް ތިބެވޭ ގޮތަށް އެތަންތަނުގެ އެތެރޭގެ އިންތިޒާމް ހަމަޖެއްސުމަށް ވަނީ އަންގާފައެވެ.
އެޗްޕީއޭއިން މާލެ ސަރަހައްދުގައި ކާފިއު ހިންގަން ފެށިއިރު، މި މަހުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 50 އިން މަތީގައެވެ. އަދި މި ފާއިތުވި 3 ދުވަހު އެ އަދަދުތައް ހުރީ 100 އިން މަތީގައެވެ. ފާއިތުވި 24 ގަޑިއިރު، މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 145 އަށް އަރާފައެވެ.
ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު މުޅި މާލެ ލޮކްޑައުން ކުރުމަށްފަހު، ދުވަސްތަކެއް ފަހުން މިއަހަރު ވަނީ ލޮކްޑައުންއަށް ލުއިތަކެއް ދީފައެވެ. އަދި ކާފިއު އުވާލައި އާންމު ދިރިއުޅުމުގެ ތެރެއަށް އަނބުރާ އައުމަށް ބައެއް ކަންކަމުގައި ވަނީ ލުއިތައް ދީފައެވެ. ނަމަވެސް ދީފައިވާ މިފަދަ ލުއިތަކުގެ ބޭނުން ނުރަނގަޅު ގޮތުގައި ހިފުމުން ބައެއް ފަހަރު ކޮވިޑު ކޭސްތައް އިތުރުވެފައިވާކަންވެސް އެޗްޕީއޭއިން ފާހަގަކުރެއެވެ.