ކ. މާލެ
|
27 ޖެނުއަރީ 2021 | ބުދަ 20:03
ކުރީގެ އިކޮނޮމިކް މިނިސްޓަރ ސައީދުއާއި ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު
ކުރީގެ އިކޮނޮމިކް މިނިސްޓަރ ސައީދުއާއި ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު
ރާއްޖެއެމްވީ
އޮޅުވާލައިގެން ހިއްސާ ބަދަލުކުރި މައްސަލަ
ނ. ކުރެދިވަރު ރިސޯޓުގެ ހެޑްލީސް އެހެން ފަރާތަކަށް ބަދަލުނުކުރުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރެފި
ހައިކޯޓުގައި ވަގުތީ އަމުރަކަށް އެދުނީ މއ. ރެޑްހެވަން، މާލެ، މުޙައްމަދު ޞަދީފް
މިއީ، ކުންފުނީގެ ހިއްސާދާރުންނަށް ނޭނގި އެހެން ބަޔަކަށް ހިއްސާ ބަދަލުކުރި މައްސަލައެއް، މިކަމެއް ހިނގާފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި
ނ. ކުރެދިވަރު ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ދޫކޮށްފައިވަނީ ޒެން ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް

ނ. ކުރެދިވަރު ރިސޯޓްގެ ހެޑްލީސް އެހެންފަރާތަކަށް ބަދަލު ނުކުރުމަށް ހައިކޯޓުން ވަގުތީ އަމުރެއްނެރެފިއެވެ.

އަންގާރަ ދުވަހު ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރުގައި ބުނެފައިވަނީ، ސިވިލް ކޯޓުން ބަލަމުންދާ ކުރެދިވަރު ރިސޯޓުގެ މައްސަލައާމެދު ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން، ހައިކޯޓުގައި ވަގުތީ އަމުރަށް އެދިހުށަހެޅި، މުހައްމަދު ޞަދީފު އެދިފައިވާގޮތަށް، ކުރެދިވަރު ރިސޯޓުގެ ހެޑްލީސް އެހެންފަރާތަކަށް ބަދަލުކުރުމުގެ ހުއްދަ ނުދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމަށާއި ކަމާގުޅޭ އެހެން ފަރާތްތަކަށް އަމުރުކުރާ ކަމަށެވެ.

މިމައްސަލައަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް، ކުރެދިވަރު ރިސޯޓެއް ތަރައްގީ ކުރަމުން ދިޔަ ކުންފުންޏެއްގެ ހިއްސާ އޮޅުވާލައިގެން ބަދަލު ގެނެސްފައިވާކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މިމައްސަލާގައި ޞަދީފް ވަނީ ސިވިލް ކޯޓުގައިވެސް ވަގުތީ އަމުރަކަށް އެދިފައެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމާފައިވަނީ، ޞަދީފްގެ ފަރާތުން އެދިފައިވާގޮތަށް އަމުރެއް ނެރެދެވެން ނެތްކަމަށެވެ. ނަމަވެސް އެ މައްސަލަ މައުޟޫއީ ގޮތުން ބެލޭނެކަމަށް އެ ކޯޓުން ނިންމާފައިވެއެވެ.

ނޮވެމްބަރު 25 ގައި ސިވިލް ކޯޓުން ނިންމާފައިވާ އިޖުރާއީ ނިންމުމުގައިވަނީ، މި މައްސަލައަކީ ޒެން ރިސޯޓް ޕްރައިވެޓް ލިމިޓެޑުގައިވާ ރިޖްވުޑް ހޮޓެލް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާ ބަދަލުކޮށް، 13 ނޮވެމްބަރު 2016 ގައި އިކޮނޮމިކް މިނިސްޓްރީގައި ރެޖިސްޓްރީ ކޮށްފައިވާ ޒެން ރިސޯޓް ކުންފުނީގެ ހިއްސާގެ މުއާމަލާތަކީ ބާޠިލް މުއާމަލާތެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަަލައެއް ކަމަށެވެ.

މި މައްސަލަ ރައްދުވާ، ރިޖްވުޑް ހޮޓެލް އެންޑް ސުއިޓްސް ކުންފުންނާއި ޕޮލެންޑްގެ 4 ރައްޔިތެއްގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެކަަމަށް ބުނެ ފާހަގަކުރި އިޖުރާއީ ނުކުތާއާއި ގުޅިގެން ސިވިލް ކޯޓުން ނިންމީ މައްސަލަ ބެލޭނެކަމަށެވެ. އެގޮތުން މި މުއާމަލާތާމެދު ޝަރީއަތުން ގޮތެއް ކަނޑައެޅޭނީ މި މައްސަލަ މައުޟޫއީ ގޮތުން ބަލައިގެންކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

ސިވިލް ކޯޓުގެ ނިންމުގައި ވަނީ "ދައުވާ ލިބޭ ފަރާތްތަކުން ނަގާފައިވާ އިޖުރާއީ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަކީ، މިމައްސަލަ މައުޟޫއީ ގޮތުން ބަލައި މި މުއާމަލާތާމެދު ޝަރީއަތުން ގޮތެއް ކަނޑައެޅުމަށް ހުރަސްއެޅޭފަދަ ކަންތައްތަކަކަށްނުވާތީ، މި މައްސަލަ މައުޟޫއީ ގޮތުން ބެލުމަށް ހުރަހެއް ނެތްކަމަށް ނިންމައި، މިމައްސަލަ މައުޟޫއީ ގޮތުން ބެލުމަށް ނިންމާ" ކަމަށެވެ.

ޒެން ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވާ އިޖުރާއީ ނުކުތާއާ ގުޅިގެން އެފަރާތުން ފާހަގަކޮށްފައި ވަނީ، ހިއްސާ ބަދަލުކުރުމުގެ މުޢާމަލާތަކީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނާ އެއްގޮތަށް، ކުންފުނީގެ ހިންގާ ގަވާއިދުގެ ދަށުން، ޓޫރިޒަމް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީގެ އިޒުނައާއެކު ކޮށްފައިވާ މުޢާމަލާތެއް ކަމަށެވެ. އަދި އެ ބަދަލުތައް ގެނައިކަން ދަޢުވާ ކުރާފަރާތަށް އެނގި އެކަމާމެދު މައްސަލައެއް ޖައްސާފައިނުވާ ކަމަށެވެ.

މީގެ އިތުރުން، ދަޢުވާލިބޭ ފަރާތްތަކުން ޤާނޫނާ ޚިލާފަށް ކުރިކަމެއް ސާބިތުކޮށްނުދީ، މުޢާމަލާތްތައް ބާޠިލުކުރުމަށް ހުށަހެޅޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ބުނެފައިވެއެވެ. އެގޮތުން ދައުލަތުގެ އިދާރާތަކުން ހިއްސާ ބަދަލުކުރުން ބަލައިގަނެފައިވާއިރު، ދައުލަތުގެ އިދާރާއަކުން ޤާނޫނާ ޚިލާފުކަމެއް ކުރިނަމަ، އެކަންކުރުވުމަށް ދަޢުވާކުރާ ފަރާތްތަކުން ކުރިކަމެއްވެސް ބަޔާންކުރުމެއްނެތި ހުށަހަޅާފައިވާ މި މައްސަލައަކީ، މިހާރު އުފަންކުރުވަން އުޅޭ މައްސަލައެއްކަމަށް ދައުވާ ހުށައެޅި ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

މި ދައުވާ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ، މއ. ރެޑްހެވަން، މާލެ، މުޙައްމަދު ޞަދީފް އާއި ޕޮލެންޑްގެ 2 ރައްޔިތެއް ކަމަށްވާ، އާރކާޑިއުސް މާޗެއި މެޖެސްކީ އަދި އިއަނާ ޑޮމިނިކާ މެޖެސްކާ އެވެ. މި މައްސަލައިގައި ޕޮލެންޑުގެ އިތުރު ދެ ރައްޔިތެއްވެސް ޝާމިލުވެއެވެ.

ޒެން ރިސޯޓް ޕްރައިވެޓް ލިމިޓެޑުގައިވާ ރިޖްވުޑް ހޮޓެލް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާ ބަދަލުކޮށް, އެ ކުންފުނީގެ ދިވެހި ހިއްސާދާރުންނަށް ނޭނގި އެހެން ފަރާތަކަށް ބަދަލު ކުރުމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދުގެ އިތުރުން، ކުރީގެ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރުގެ ބައިވެރިވުމެއް އޮތްކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ.

ސަރުކާރުގެ 10 ޕަސެންޓް ހިއްސާއަކާއި، ޒެން ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް 90 ޕަސެންޓް ހިއްސާ ހިމެނޭ ގޮތަށް އެކުލަވާލާފައިވާ އެއްބަސްވުމެއްގެ ދަށުން ރިޖްވުޑް ހޮޓެލް އެންޑް ސުއިޓްސް އިން އޭރު ގެންދިޔައީ ނ. ކުރެދިވަރު ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.

- ކޮމެންޓް