އިންޑިއާއިން ދީފައިވާ ވެކްސިން ޖެހުމާ ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އާއި، ނައިބު ރައީސް އިބްރާޙީމް ޝުޖާއު ހައްޔަރުކޮށްފިއެވެ.
ބުދަ ދުވަހު މެންދުރުފަހު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ މަސައްކަތްތައް ކުރަމުން އަންނަ ދަރުބާރުގެ ކައިރީގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން އަދުރޭ އާއި ޝުޖާ ހައްޔަރުކުރިއިރު، އަދިކޮޅު ފަރާތްތަކުން އަންނަނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ގިނަ އެއްވުންތަކެއް ބާއްވަމުންނެވެ. އަދި މި އެއްވުންތަކުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރާކަންވެސް ފާހަގަކޮށްލެވެއެވެ.
އިދިކޮޅު ކޯލިޝަނުން ބުދަ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާގައި އިންޑިއާއިން ދީފައިވާ ވެކްސިން ރައްކާތެރި ނޫންކަމަށް ބުނެ، އަޑު އުފުލާފައިވާއިރު، މުޒާހަރާގެ ބައިވެރިންގެ ފަރާތުން އެއްވެސް ވަރަކަށް ގައިދުރުކަން އިސްކޮށްފައި ނުވާކަން ފާހަގަކޮށްލެއެވެ. އަދި މިފަހުން އިދިކޮޅުން އަންނަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށްވެސް ބަހުގެ ހަމަލާތައް ރައްދުކޮށް، އެފަރާތުން އެކުލަވާލައި އާންމު ކުރަމުން އަންނަ އުސޫލުތަކަށްވެސް ފާޅުގައި ގޮންޖަހަމުންނެވެ.
ކޮވިޑް-19 ގެ ހާލަތު އެންމެ ނާޒުކު ދުވަސްވަރުވެސް އިދިކޮޅުން މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފައިވާއިރު، އެފަހަރުވެސް ޝުޖާ އާއި އަދުރޭ ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.
މިފަހުން އިދިކޮޅުގެ މުޒާހަރާތައް އިތުރުކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމާ ގުޅިގެން އެ ކޯލިޝަންގެ ކައުންސިލަށް ގަރާރެއް ހުށަހަޅައި އެ ގަރާރު ފާސްކުރުމަށް ފަހުއެވެ. އަދި އެ ގަރާރުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަވަސް ކުރުމަށާއި އިންޑިއާގެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ އިތުރުން ރައީސް ޔާމީން މިނިވަން ކުރުމަށްވެސް ގޮވާލާފައިވެއެވެ.