ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %90 ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމް.ޓީ.ސީ.ސީ.ން ބުނީ މި މަޝްރޫޢުގެ ދަށުން، ތާރުއެޅުމުގެ މަސައްކަތް މިހާރުވަނީ ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މަގުމަތީ ނިޝާން އަދި ޒީބްރާ ކްރޮސިންގ ނިޝާންޖެހުމުގެ މަސައްކަތާއި، ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތާއި، މަގުތައް ސާފުކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 6813.08 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 25،513 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާންހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 47.04 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.