ކޮވިޑް-19ގެ ސަބަބުން މާލީ ގޮތުން ދަތިވެ، މާލެއިން ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް އެހީވާން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ނިންމައިފިއެވެ.
ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ އެކަމަނާގެ ފޭސްބުކްގައި އަޕްޑޭޓް ކުރެއްވި ސްޓޭޓަސްއެއްގައި މި ޚިދުމަތް ޖެންޑަރ މިނިސްޓްރީއިން ފަށާފައިވާކަން ވަނީ ހާމަކުރައްވާފައެވެ. ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ ކޮވިޑް-19 ގެ މިހާލަތުގައި ދަރިންނާއެކު މާލޭގައި ދިރިއުޅެމުން އަންނަ އާއިލާތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް ދަތިތައް ކުރިމަތިވަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށެވެ. މިހާލަތުގައި އަމިއްލަ ރަށަށް ނުވަތަ އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިފަދަ އެހީ ބޭނުންވާ ފަރާތްތަކުން 1421 ހޮޓްލައިނަށް ގުޅައިގެން އެހީއަށް އެދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވައިލާފައެވެ.
ކޮވިޑް-19ގެ ސަބަބުން މާލީ ގޮތުން ދަތިވެ މާލެއިން ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް އެހީވާން ޖެންޑަރ މިނިސްޓްރީއިން ނިންމާފައިވާއިރު، ކޮވިޑްގެ މި ޙާލަތުގައި ދަތިތަކާ ކުރިމަތިލާ ފަރާތްތަކަށް ގިނަ އެހީތަކެއް އެ މިނިސްޓްރީއިން ވަނީ ފޯރުކޮށްދީފައެވެ. މިގޮތުން މާލޭގައި މަގުމަތިވެފައި ތިބި މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި މަސްތުވާ ތަކެތި ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާ ފޯރުވައިދިނުމުގައި ވެސް ގެންދަނީ އެހީތެރިވަމުންނެވެ. އަދި ކޮވިޑް-19ގެ ސަބަބުން ޢިއުލާންކުރި ފުރަބަންދުގެ ސަބަބުން އެކި ސަބަބުތަކަށްޓަކައި މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި މީހުންނާއި ވަޒީފާ ގެއްލުމާއި އެނޫންވެސް ސަބަބުތަކާހެދި ކުލި ދެއްކޭނެ ގޮތެއް ނެތި މަގުމަތިވި އެތައް ބަޔަކަށް ޖެންޑަރ މިނިސްޓްރީން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށުގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ކެއަރ ޕެކޭޖު ފޮނުވުމުގެ މަސައްކަތް ވެސް ޖެންޑަރ މިނިސްޓްރީން ގެންދަނީ ކުރަމުންނެވެ.