ކ. މާލެ
|
27 ޖެނުއަރީ 2021 | ބުދަ 11:06
ފަރުކޮޅުފުށި
ފަރުކޮޅުފުށި
ޔޫސުފް ސޮފްވާން ރަޝީދު
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ފަރުވާ ބޭނުންވާ ތިން މީހަކަށް ފަރުކޮޅުފުށީގައި ފަރުވާދޭން ފަށައިފި
އެމީހުން ދިރިއުޅެނީ ބޯހިޔާވަހިކަމެއް ނެތި ކުރިން މެޓްރޯ ކެފޭ ހިންގި އިމާރާތުގައި
އިމާރާތް ސާފުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ފަރުވާ ބޭނުންވާ ތިން މީހަކަށް ފަރުކޮޅުފުށީގައި ފަރުވާދޭން ފަށައިފިއެވެ. މިކަން ހާމަކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ފަރުވާ ބޭނުންވާ ތިން މީހަކު ފަރުކޮޅުފުށީގައި ގާއިމު ކޮށްފައިވާ ވަގުތީ ޑިޓޮކްސިފިކޭޝަން ސެންޓަރަށް ބަދަލުކޮށްފައިވާކަން ހާމަކޮށްފައެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ބޯހިޔާވަހި ކަމަށް ބޭނުން ޖެހިފައިވާ އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ފަރުވާ ބޭނުންވާ ފަރާތްތަކެއް އެ އިދާރާއަށް ފާހަގަވެފައިވާކަަމަށެވެ. އެމީހުން ދިރިއުޅެނީ ކުރިން މެޓްރޯ ކެފޭ ހިންގި އިމާރާތުގައި ކަމަށް މަޢުލޫމާތު ލިބުމާ ގުޅިގެން ޖެންޑާ މިނިސްޓްރީއާއި ޕޮލިހުން އެ ތަނަށް ދިޔައީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އެގޮތުން ފަރުވާ ބޭނުންވާ ތިން މީހަކު ނޭޝަނަލް ޑްރަގް އޭޖެންސީގެ ޙަވާލުގައި ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ ވަގުތީ ޑިޓޮކްސިފިކޭޝަން ސެންޓަރަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މިހާރު އިމާރާތް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން އެހީތެރިކަން ދެމުންދާ ކަމަށެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު މަސްތުވާތަކެތީގެ ވަބާ ހުއްޓުވުމަށް ޙާއްޞަ މަސައްކަތްތަކެއް ވަނީކޮށްފައެވެ. އެގޮތުން 2020ވަނަ އަހަރު ފާހަގަކުރެވުނީ މި މަސައްކަތްތައް ބަލިމަޑުކަމުގެ ޙާލަތުގައި ވެސް އެންމެ ބާރަށް ކުރިއަށްގެންދިޔަ އަހަރުގެ ގޮތުގައެވެ. އެގޮތުން ހދ.ހަނިމާދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގައި ޑީޓޮކްސިފިކޭޝަންގެ ޚިދުމަތް 2020ވަނަ އަހަރު ވަނީ ދޭން ފަށާފައެވެ.

އަދި އެން.ޑީ.އޭ.ގައި ޤާއިމުކޮށްފައިވާ ގަގަން ކްލިނިކުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާގެ ޚިދުމަތްތައް ދޭން ފަށާފައިވަނީ ވެސް މިދިޔަ އަހަރެވެ. ހަމައެހެންމެ އައްޑޫ ސިޓީ ހުޅުމީދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައި ހުޅުމާލޭގައި ހުރި ހާފްވޭހައުސްގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި އެތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެތަން މަރާމާތުކުރުމުގެ މަސައްކަތް ވެސް މިދިޔަ އަހަރުން ފެށިގެންދަނީ ކުރަމުންނެވެ. އަދި ގއ. ވިލިނގިލީގައި އައުޓްޕޭޝަންޓް ކޮމިއުނިޓީ ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަނަށް އަމާޒުކޮށްގެން "ދަގެނާ"ގެ ނަމުގައި ޚާއްޞަ ސެންޓަރެއް ހުޅުވައި ޚިދުމަތްދޭން ފަށާފައިވަނީ ވެސް 2020ވަނަ އަހަރު ނިމެން އުޅެނިކޮށެވެ.

- ކޮމެންޓް