ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
ރާއްޖޭގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާކަން ހާމަކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އަންގާރަ ދުވަހުގެ ރޭ ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުމަށް މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. އެއީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައެވެ. އަދި އަންގާރަ ދުވަހުގެ ރެއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކޮށް ކާފިއު ހިންގަންވެސް ވަނީ ނިންމާފައެވެ.
އެޗްޕީއޭއިން ބުނީ، މި ފިޔަވަޅުތަކުން ސިފައިންނާއި ފުލުހުން، ސިއްހީ ހިދުމަތްދޭ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރާއި އެމްބިއުލާންސާއި އެޗްއީއޯސީގެ ފާސް ލިބިފައިވާ މީހުންނާއި ފަތިސް ނަމާދަށް މިސްކިތަށްދާ މީހުންނާއި އެ އެންގުމުގެ ދަށުން ބޭރަށް ނުކުތުން މަނާކޮށްފައިވާ ވަގުތުގައި އެމެޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަންޖެހޭ ފަރާތްތައް އިސްތިސްނާވާނެ ކަމަށެވެ.
މާލެ ސަރަހައްދުގައި އަލުން ކާފިއު ހިންގުމަށް ނިންމާފައިވާއިރު، މިދިޔަ މަހުގެ 20 ވަނަ ދުވަހު މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމަށް ދިން ހުއްދަ ނިމުމަކަށް ގެނެސް، އެކަން ހުއްޓާލުމަށް ވަނީ އަންގައިފައެވެ.
އެންގުމުގައި އިތުރަށް ބުނީ، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަކި ގޮތެއް އަންގަންދެން އެ ފިޔަވަޅުތައް ދެމި އޮންނާނެ ކަމަށެވެ. އަދި އެ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް ވަނީ އަންގައިފައެވެ.