އަންގާރަ ދުވަހު އިންޑިއާގައި ފާހަގަކުރާ އެ ގައުމުގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވަނީ އެ ގައުމުގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އިންޑިއާގެ ރައްޔިތުންނާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި އެ ގައުމުގެ ރައީސް ރާމްނާތް ކޮވިންދަށް ވިދާޅުވެފަ އެވެ.
ދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އިންޑިއާގެ ޕާލިމަންޓުން ގެންގުޅޭ ޑިމޮކްރަސީގެ ރީތިހަމަތަކުގެ ސަބަބުން ބިލިއަނެއްހާ މީހުންގެ ދިރިއުޅުމަށް އުފާފާގަތިކަމާއި ފުދުންތެރިކަން ގެނުވާފައިވާ ކަމަށެވެ.
އަދި މުޅި ދުނިޔެ ދެކެމުން އަންނަ ކޮވިޑް-19ގެ ބަލިމަޑުކަމަށް އަލިއަޅުއްވާލައްވާ ރައީސް ނަޝީދު ވަނީ އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި ރައީސްރާމް ނާތް ކޮވިންދްގެ އިތުރަށް އިންޑިއާ ރައްޔިތުންނަށްވެސް ޖުމްހޫރީދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.
ކޮންމެ އަހަރެއްގެވެސް ޖެނުއަރީ 26 އިންޑިއާއިން ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު މި އަހަރު އެގައުމުން ފާހަގަކުރަނީ 72 ވަނަ ޖުމްހޫރީ ދުވަހެވެ.